ކ. މާލެ
|
26 ސެޕްޓެންބަރ 2017 | އަންގާރަ 08:35
ގާސިމް އިބްރާހިމް
ގާސިމް އިބްރާހިމް
މުހައްމަދު ޝަރުހާން
ގާސިމް އިބްރާހިމް
ގާސިމް ބޭސްފަރުވާއަށް ދިންމުއްދަތު މިއަދު ހަމަވޭ، މުއްދަތު އިތުރެއް ނުކުރޭ!
ގާސިމަށް ދިން މުއްދަތު ހަމަވާނީ މިރޭ 00:00 އަށް
ގާސިމް އިބްރާހިމް ހިތުގެ އޮޕަރޭޝަނެއް ކުރައްވާފައިވަނީ މި މަހުގެ 20 ވަނަ ދުވަހު

ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯއްދެވުމަށް ސަރުކާރުން ދީފައިވާ މުއްދަތު މިއަދު ހަމަވި ނަމަވެސް މުއްދަތު އިތުރު ނުކުރާ ކަމަށް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.

ކަރެކްޝަނަލް ސާވިސްގެ މިޑިއާ އޮފިޝަލް ވިދާޅުވީ ގާސިމަށް ބޭސްފަރުވާ ކުރުމަށް ދިން މުއްދަތު މިއަދު ހަމަވީ ކަމުގައި ވީނަމަވެސް މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައި ނުވާ ކަމަށެވެ.

ގާސިމް އަށް އިތުރު ކޮށްދީފައިވާ މުއްދަތު ހަމަވެގެން މާލެ އަނބުރާ ވަޑައިނުގަންނަވައިފިނަމަ ކަންތައް ކުރާނީ ކިހިނެތްތޯ އެހުމުން މީޑިއާ އޮފިޝަލް ވިދާޅުވީ އެކަމާމެދު އަދި ވަކި ގޮތެއް ނުނިންމަވާ ކަމަށާއި އިތުރު އެއްޗެއް ވިދާޅުވާން ބޭނުން ނުވާކަމަށެވެ. އަދި ގާސިމަށް  ދިން މުއްދަތު ހަމަވުމުން ރާއްޖެ ވަޑައިގަތުމަށް ކުރިން ވެސް އަންގާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ގާސިމް ސިންގަޕޫރުން ބޭސްފަރުވާ ކުރެއްވުމަށް ފުރަތަމަ ހުއްދަ ދީފައި ވަނީ 10 ދުވަހުގެ މުއްދަތަށެވެ. އެއަށްފަހު އިތުރު 10 ދުވަސް ކަރެކްޝަނުން ވަނީ އިތުރުކޮށްދީފައެވެ. ގާސިމުގެ ބޭސްފަރުވާއަސް ސަރުކާރުން ދިން މުއްދަތު ހަމަވާނީ މިރޭ 00:00 އަށެވެ.

ގާސިމަށް ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ކޮށްފައިވަނީ އިދިކޮޅު ހަރަކާތުގެ މައި ޖަގަހަ އަދި ޖުމްހޫރީ ޕާޓީގެ އޮފީސް މ. ކުނޫޒްގައި ބޭއްވި ޖަލްސާއެއްގައި ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.

ކްރިމިނަލް ކޯޓުން އެހުކުމް ކޮށްފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު ކޯޓު ތެރެއަށް ޤާސިމް ވެއްޓިވަޑައިގަތުމާ ގުޅިގެން ހޮސްޕިޓަލުގައި ހިތުގެ އާލާސްކަންފުޅަށް ފަރުވާދެމުން ގެންދަނިކޮށް އެރޭ ދަންވަރު ގާސިމްގެ ޣައިރު ހާޒިރުގައެވެ. ނަމަވެސް އެހުކުމުގައި ރާއްޖެއިން ބޭރަށް ފޮނުވައިގެން ފަރުވާދޭން ޖެހޭނެ ކަމަށް ބުނެފައި ވެއެވެ.

ކްރިމިނަލް ކޯޓުގެ ހުކުމާއި އެއްގޮތަށް ހިތުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދެވުމަށް ގާސިމް ސިންގަޕޫރަށް ފުރާވަޑައިގެންފައިވަނީ މިމަހުގެ 6 ވަނަ ދުވަހު ގައެވެ. އަދި އެއަށްފަހު ޓެސްޓުތައް ހެދުމަށްފަހުގައި ގާސިމް ހިތުގެ އޮޕަރޭޝަނެއް ކުރައްވާފައި ވަނީ މި މަހުގެ 20 ވަނަ ދުވަހު އެވެ. އޮޕަރޭޝަނަށްފަހު ތިން މަސްދުވަސްވަންދެން އެގައުމުގައި މަޑުކުރައްވާ ޓެސްޓުތައް ހައްދަވަން ޖެހޭކަމަށް ޑޮކްޓަރުން ވަނީ ލަފާދެއްވާފައެވެ.

ގާސިމަށް ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯއްދެވުމަށް ސަރުކާރުން ދީފައިވާ މުއްދަތު އިތުރު ކުރުމަށް އިދިކޮޅު ފަރާތްތަކުން ވަނީ ގޮވާލައިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް