ކ. މާލެ
|
26 ސެޕްޓެންބަރ 2017 | އަންގާރަ 08:30
ފިނޭންސް މިނިސްޓަރާއި މިނިސްޓްރީގެ އިސްވެރިންތަކެއް މަޖިލީހުގައި
ފިނޭންސް މިނިސްޓަރާއި މިނިސްޓްރީގެ އިސްވެރިންތަކެއް މަޖިލީހުގައި
އަޒުމޫން އަހުމަދު
ދައުލަތުގެ ގެރެންޓީ
ގެރެންޓީ ދީގެން ލޯނު ނަގާ ކުންފުނީގެ ހިއްސާދާރުން ޕާސަނަލް ގެރެންޓީ ދޭންޖެހޭ ގޮތަށް އުސޫލު ބަދަލުކޮށްފި
މީގެ ކުރިން ހިއްސާދާރުން ގެރެންޓީ ހޯދަނީ ސަރުކާރަށް ފެނިއްޖެ ނަމަ
ލޯނުގެ ޖުމްލަ އަދަދާ އެއްވަރުގެ އެސެޓެއް ސަރުކާރަށް ރަހުނުކުރަންޖެހޭ
އެސެޓަކީ ސަރުކާރަށް ކުރިމަތިވާ ރިސްކާ އެއްވަރުގެ ސެކިއުރިޓީއެއްކަން ޔަގީންކުރަންޖެހޭ

ދައުލަތުން ގެރެންޓީ ދީގެން ލޯނު ނަގާއިރު، ކުންފުނީގެ ހިއްސާދާރުން ސަރުކާރަށް ޕާސަނަލް ގެރެންޓީއެއް ދޭންޖެހޭ ގޮތަށް "ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރުމުގެ އުސޫލަށް" ފިނޭންސް މިނިސްޓްރީން އިސްލާހު ގެނެސްފި އެވެ.

ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރުމުގެ އުސޫލަށް ހޯމަ ދުވަހު ގެނައި އިސްލާހުގައި ބުނާ ގޮތުން ސަރުކާރު ހިއްސާ ނުހިމެނޭ ކުންފުންޏެއްނަމަ ގެރެންޓީ ދޫކުރުމުގައި ކޮމިޓްމެންޓް ފީ އަދި މެނޭޖްމެންޓް ފީ، ގެރެންޓީ ދޫކުރާ ތާރީޚުގައި ލޯނުގެ އިންޓްރެސްޓަށް އަރާނޭ ކަމަށް އަންދާޒާކުރެވޭ އަދަދު އަދި އެހެނިހެން ޚަރަދު ހިމެނޭގޮތަށް ލޯނުގެ ޖުމުލަ އަދަދު (ޓޯޓަލް ކޮސްޓް އޮފް ބޮރޮއިންގް)ގެ 100 އިންސައްތައާ އެއްވަރުގެ އެސެޓެއް ސަރުކާރަށް ރަހުނުކުރަންޖެހޭނެ އެވެ.

އެގޮތުން ރަހުނު ކުރެވޭ އެސެޓަކީ ސަރުކާރަށް ކުރިމަތިވާ ރިސްކާ އެއްވަރުގެ ސެކިއުރިޓީއެއްކަން ޔަގީންކުރަން ވެސް ޖެހެ އެވެ.

މި އިސްލާހު ގެނައުމުގެ ކުރިން އުސޫލު ހަމަޖެހިފައިވަނީ ސަރުކާރަށް ފެނިއްޖެ ހިނދެއްގައި ލޯނު ނަގާ ކުންފުނީގެ ހިއްސާދާރުން ސަރުކާރަށް ޕާރސަނަލް ގެރެންޓީ ދޭ ގޮތަށެވެ. އެހެން ނަމަވެސް، އަލަށް ގެނައި އިސްލާހާއެކު ސަރުކާރު ހިއްސާ ނުހިމެނޭ ކުންފުންޏެއްނަމަ ގެރެންޓީ ދޫކުރުމުގައި ލޯނު ނަގާ ކުންފުނީގެ ހިއްސާދާރުން ސަރުކާރަށް ޕާރސަނަލް ގެރެންޓީ ދޭންޖެހެ އެވެ.

މީގެ އިތުރުން އުސޫލަށް ގެނައި އިސްލާހުތަކުގައި ބުނަނީ ގެރެންޓީ ކުރެވިފައިވާ ލޯން އަނބުރާ ދެއްކުމުގައި ދަތިތަކެއް ކުރިމަތިވެ، ސެކިއުރިޓީ ލިކުއިޑޭޓް ކުރުމުގެ މަރުޙަލާ ފެށުމުގެ ކުރިން، ގެރެންޓީ ދެވޭ ފަރާތުންނާއި ގެރެންޓީއަށް އެދި ހުށަހަޅާ ކުންފުނިންވެސް ލަސްނުކޮށް އެކަން ފިނޭންސް މިނިސްޓްރީއަށް އަންގަން ވާނެ ކަމަށެވެ.

ގެރެންޓީ ކޯލް ކުރުމުން ސަރުކާރުން ދައްކާ ފައިސާއަކީ، ގެރެންޓީ ކޮށްދެވޭ ކުންފުންޏާއި އެ ކުންފުނީގެ ހިއްސާދާރުން ސަރުކާރަށް ދައްކަންޖެހޭ ދަރަންޏަކަށް ބަދަލުކުރެވިގެން ދާނެ ކަމަށާއި އަދި މި ދަރަނި އަނބުރާ ދެއްކުމަށް ގެރެންޓީއަށް ހުށަހެޅި ފަރާތާއި މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރަންވާނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

"ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރުމުގެ އުސޫލަކީ" ދިވެހި ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރުމުގައި ބަލާނޭ މިންގަނޑުތަކާއި، ގެރެންޓީއަށް އެދި ހުށަހަޅާ ކުންފުނިތަކުން ޢަމަލު ކުރަންޖެހޭ ގޮތާއި ފުރިހަމަ ކުރަންޖެހޭ ޝަރުޠުތައް ބަޔާންކޮށްފައިވާ އުސޫލެވެ. މި އުސޫލުގެ މައިގަނޑު މަޤްޞަދަކީ ދައުލަތުގެ ނަމުގައި ދޫކުރެވޭ ގެރެންޓީއަކީ ހަމަހަމަކަމާއި، ދެފުށް ފެންނަ ހަރުދަނާ އުސޫލެއްގެ ދަށުން ދޫކުރެވޭ ގެރެންޓީއެއް ކަމުގައި ހެދުން ކަމަށް ފިނޭންސް މިނިސްޓްރީއިން ބުނެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
26 ސެޕްޓެންބަރ 2017 | އަންގާރަ 12:24
މުހައްމާ
ދަވްލަތް ދޮވެލަން އަނެއްކާ އާ ގޭމެއް.. ބޮޑުން ލޯނު ނަގާފައި ފިލާނީ.ދަވްލަތުގެ ގަރެންޓީ ދެވޭނީ ވަރަށް ބޮޑެތި ލޯން ތަކަށް އަދި އެއީ ލޯކަލް ބޭންކަކަށް ހަމަނުޖެއްސޭ ޢަދަދެއްގެ ފައިދާވާ ޕްޮރޮޖެކްޓަކަށް ވާންވާނެ. ތިޔަ އުޅެނީ ކެމްޕެއިނަށް ލޯނު ކޮޅެއް ނަގަން.