ކ. މާލެ
|
26 ސެޕްޓެންބަރ 2017 | އަންގާރަ 01:00
ރާއްޖެއިން ވިލާތުގެ ފަތުރުވެރިންތަކަކަށް މަރުހަބާ ކިޔަނީ
ރާއްޖެއިން ވިލާތުގެ ފަތުރުވެރިންތަކަކަށް މަރުހަބާ ކިޔަނީ
އަޒުމޫން އަހުމަދު
ފަތުރުވެރިކަން
ރާއްޖޭގައި ޓެރަރިސްޓް ހަމަލާއެއް ދިނުމުގެ ފުރުޞަތު ބޮޑު: އިނގިރޭސިވިލާތް
ދީފާނެ ހަމަލާއެއްގައި ތަފާތުކުރުމެއް ނުގެންގުޅޭނެ
އިނގިރޭސި ރައްޔިތުންނަށް އޮތް ނުރައްކާ ބޮޑު
މާލޭގައި ހަށިގޮއްވާލައިގެން ހަމަލާދޭން އުޅުނު މީހަކު ވަނީ ހައްޔަރުކޮށްފަ

ރާއްޖޭގައި ޓެރަރިސްޓް ހަމަލާއެއް ދިނުމުގެ ފުރުޞަތު ބޮޑުކަމަށް އިނގިރޭސިވިލާތުން ބުނެފިއެވެ.

އިނގިރޭސި ވިލާތުން ރާއްޖެއާއި ގުޅޭގޮތުން ކުރިން ނެރެފައިވާ ޓްރެވަލް އެޑްވައިޒަރީއަށް ހޯމަ ދުވަހު ޓެރަރިޒަމާއި ގުޅޭ ބައެއް އިތުރުކޮށްފައިވާއިރު، އެ ބައިގައި ބުނެފައިވަނީ، ރާއްޖޭގައި ޓެރަރިސްޓުންގެ ބަޔަކު ހަމަލާއެއް ދިނުމަކީ ވަރަށް ގާތް ކަމެއް ކަމަށެވެ. އަދި އެ ބައިގެ ތަފްޞީލުގައި ބުނެފައިވަނީ، ޓެރަރިސްޓުން ދޭ އެފަދަ ހަމަލާއެއް ދޭނެ ކަމަށް ބެލެވެނީ ތަފާތުކުރުމެއް ނެތި، ފަތުރުވެރިންނާއި ބިދޭސީން އާންމުކޮށް އެއްވެއުޅޭ ތަނެއްގައި ކަމަށެވެ.

ޓްރެވަލް އެޑްވައިޒަރީގައި އިތުރަށް ބުނެފައިވަނީ އިރާޤާއި ސީރިއާގައި ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން އިނގިރޭސިވިލާތުގެ ރައްޔިތުންނަށް އަމާޒުކޮށް، ދެމުންދާ އެކިއެކި ޓެރަރިސްޓް ހަމަލާތައް އިތުރުވެފައިވާ ކަމަށާ، އެހެންކަމުން އެކަމަށް، ދަތުރުކުރާ އިނގިރޭސި ހުރިހާ ރައްޔިތުން ސަމާލުވާން އެދޭ ކަމަށެވެ.

ޓެރަރިޒަމްގެ އިތުރުން ރާއްޖެ އާއި ގުޅޭގޮތުން އިނގިރޭސިވިލާތުން ނެރެފައިވާ ޓްރެވަލް އެޑްވައިޒަރީގައި އިތުރަށް ފާހަގަކޮށްފައިވަނީ، މާލޭގައި ބައެއް މުޒާހަރާތައް ހިނގާ ކަމާއި، ރާއްޖެއަކީ ޒިކާ ވައިރަސްގެ ނުރައްކާ އޮތް ޤައުމެއް ކަމަށް އިނގިރޭސިވިލާތުގެ ސިއްޙީ އިދާރާތަކުން ކަނޑައަޅާފައިވާ ކަމާއި، ބައެއް ފަތުރުވެރިންނަށް ވައްކަމުގެ މައްސަލަތަކާއި ކުރިމަތިލާން ޖެހުނު ވާހަކައެވެ.

ރާއްޖެ އާއި ގުޅޭގޮތުން އިނގިރޭސިވިލާތުން ނެރެފައިވާ ޓްރެވަލް އެޑްވައިޒަރީގައި، ޓެރަރިޒަމްގެ ނުރައްކަލުގެ ވާހަކަ ހިމަނާފައިވާއިރު، ހަނގުރާމަވެރި ދައީޝް (އައިސިސް) ޖަމާޢަތުގެ އިރުޝާދުގެ ދަށުން ހަށިގޮއްވާލައިގެން މާލޭގައި ހަމަލާއެއް ދޭން އުޅުމުގެ ތުޙުމަތުގައި މި ސެޕްޓެމްބަރ މަހުގެ 14 ވަނަ ދުވަހު އުމުރުން 37 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.

މީގެ އިތުރުން، ހަނގުރާމަވެރި ޖަމާޢަތްތަކާއި ގުޅުމަށް ތުރުކީ މަގުން ސީރިޔާއަށް އެތެރެވާން އުޅެނިކޮށް ތިން ދިވެއްސަކު ވަނީ ދާދިފަހުން ހައްޔަރުކޮށްގެން ރާއްޖެއަށް ގެނެސްފައެވެ.

މި ކަންކަން މިހެން ހިނގާފައިވާއިރު، ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރުން ހޮނިހިރު ދުވަހު ވަނީ ރާއްޖޭގެ ވައިގެ މައި ބަނދަރު، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހަތިޔާރާ އެކު ހަރަކާތްތެރިވާން ފަށާފައެވެ.

އެއާޕޯޓްގެ ސަލާމަތީ ކަންކަން ވަރުގަދަކުރި ކުރުމާ ގުޅޭ ގޮތުން، ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހަތިޔާރާއެކު ސިފައިން ހަރަކާތްތެރިވާން ފަށާފައި ވަނީ، ފަހަކަށް އައިސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޓެރަރިޒަމްގެ ޙަމަލާތައް ދިނުން އިތުރުވެފައިވާތީ އެކަމާ ގުޅިގެން އަޅާ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

އެހެންނަމަވެސް ސަލާމަތީ ކަންކަން ވަރުގަދަކުރީ ރާއްޖެއަށް ޓެރަރިޒަމްގެ އިންޒާރެއް، ނުވަތަ ނުރައްކަލެއް އޮވެގެން ނޫން ކަމަށާއި މިއީ ސަލާމަތީ ގޮތުން އަޅަމުންދާ ޚާއްޞަ ފިޔަވަޅުތަކެއް ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
26 ސެޕްޓެންބަރ 2017 | އަންގާރަ 10:31
މމ
ރާއްޖެއައް ޓެރަރިސްޓް ހަމަލާއެއް ދޭނެނަމައޭ ވަރައް ހިތައް އަރާދޯ