ކ. މާލެ
|
25 ސެޕްޓެންބަރ 2017 | ހޯމަ 20:53
ްާޤާސިމް އިބްރާހިމް - ޤާސިމް މި ވަގުތު ހުންނެވީ ސިންގަޕޫރުގައި
ްާޤާސިމް އިބްރާހިމް - ޤާސިމް މި ވަގުތު ހުންނެވީ ސިންގަޕޫރުގައި
ރާއްޖެ އެމްވީ
ޤާސިމްގެ ސިއްހީ ހާލުކޮޅު
ޤާސިމްގެ ބޭސްފަރުވާގެ މުއްދަތު އިތުރުނުކޮށްދިން މައްސަލަ ސިވިލް ކޯޓަށް ހުށައަޅައިފި
ޤާސިމްގެ ފުރާނައަށް ނުރައްކާވާ ގޮތަށް ކަރެކްޝަނަލް ސާރވިސުން އަންނަނީ އަމަލުކުރަމުން
ބަލިމީހަކަށް ދޭންޖެހޭ ފަރުވާ އާއި ބޭސްފަރުވާގެ މުއްދަތު ކަރެކްޝަނަލް ސާރވިސަށް ކަނޑައެއް ނޭޅޭނެ
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން އަމަލުކުރަނީ ތަބާވާންޖެހޭ ޤާނޫނީ އޮނިގަނޑާ ހިލާފަށް

ޤާސިމް އިބްރާހިމްގެ ބޭސްފަރުވާގެ މުއްދަތު އިތުރުނުކޮށްދިން މައްސަލަ ސިވިލް ކޯޓަށް ހުށައަޅައިފި އެވެ.

 

މައްސަލަ ސިވިލް ކޯޓަށް ހުށައަޅާފައިވާކަން ހާމަކޮށް، ޤާނޫނީ ވަކީލުން އާންމުކުރި ނޫސްބަޔާނެއްގައި ބުނެފައިވަނީ، ޤާސިމް އިބްރާހިމްގެ ބޭސްފަރުވާއަށް ހުރަސް އެޅި، އެމަނިކުފާނުގެ ފުރާނައަށް ނުރައްކާވާގޮތަށް، މޯލްޑިވްސް ކަރެކްޝަންސް ސަރވިސްގެ ފަރާތުން ޢަމަލުކުރައްވަމުންގެންދަވާކަމަށެވެ. އަދި މީހެއްގެ ބަލި ހާލަތާމެދު ގޮތް ކަނޑައަޅައި، ބަލިމީހަކަށް ދޭންޖެހޭ ފަރުވާ އާއި ބޭސްފަރުވާގެ މުއްދަތު، އިދާރީ ނިންމުމެއްގެ ގޮތުގައި  މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަކަށް ނުނިންމޭނެކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

 

ޤާސިމްގެ ވަކީލުން ވިދާޅުވީ، ބަލިމީހެއްގެ ބޭސްފަރުވާ ކުރިއަށް ގެންދިޔުމުގެ ތަރުތީބުތަކާއި ހަމަތަކަކީ ފަންނީ ގޮތުން ޑޮކްޓަރުން ނިންމާ ނިންމުންތަކެއް ކަމަށާއި، އެހެންކަމުން، ފަންނީ ޑޮކްޓަރުންގެ ލަފަޔާ ޚިލާފަށް، އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ތަބާވާންޖެހޭ ޤާނޫނީ އޮނިގަނޑުގައި އެފަރާތުގެ މައްޗަށް ޢަމަލުކުރަން ލާޒިމުކުރާ އުޞޫލުތަކާވެސް ޚިލާފަށް، ޤާސިމް އިބްރާހީމްގެ ފުރާނައަށް ނުރައްކާވާގޮތަށް، ރާއްޖެއިން ބޭރުގައި ބޭސް ފަރުވާ ކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށް ނުދިނުމަށް ނިންމާފައިވާ އަރބިޓަރީ ނިންމުމަކީ ޤާނޫނީ ގޮތުން ޞައްހަ ނިންމުމެއް ނޫންކަމަށްވާތީ އެމައްސަލަ ވާނީ ޤާސިމް އިބްރާހީމްގެ ފަރާތްޕުޅުން ސިވިލް ކޯޓަށް ހުށަހަޅާފައި ކަމަށެވެ.

 

ޤާސިމް އިބްރާހިމް ވަނީ 20 ސެޕްޓެމްބަރ 2017 ދުވަހު ސިންގަޕޫރުގެ މައުންޓް އެލިޒަބަތް ނޮވީނާ ހޮސްޕިޓަލްގައި ކްރޮނެރީ އިންޓަރވެންޝަން ހައްދަވާފައެވެ. ޤާސިމް އިބްރާހީމްގެ ބޭސް ފަރުވާއަށް ސިންގަޕޫރަށް ގެންދެވިފައިވަނީ، މާލެއިން ހެދެންނެތް ޓެސްޓްތަކެއް ހަދައި ފަރުވާ ލިބިގަތުމަށެވެ. ސިންގަޕޫރުގައި އެމަނިކުފާނަށް ފަރުވާ ދެއްވާ ޑޮކްޓަރުންވެސް ވިދާޅުވެފައިވަނީ އެމަނިކުފާނު ހެއްދެވި ހިތުގެ ޕްރޮސީޖަރއަށްފަހު އެމަނިކުފާނުގެ ވެންޓިކިއުލަރ އެކްޓޮޕިސް އިތުރަށް ބަލައި މޮނިޓަރ ކުރަމުން ގެންދަންޖެހޭނެ ކަމަށާއި، މިހާރު ކުރެވުނު ކޮރެނަރީ އިންޓަރވެންޝަން އިން ރިކަވަރވުމުން، ޕްރި ސިންކޯޕް ވިތް އިލެކްޓްރޯފިޒިއޮލޮޖިކަލް ސްޓަޑީ ހަދަންޖެހޭކަމަށެވެ.

 

އެކަންކަން ފާގަހަގަކޮށް، ޤާސިމް އިބްރާހިމްގެ ޤާނޫނީ ވަކީލުން ބުނީ، ޤާސިމް އިބްރާހީމްގެ ބޭސްފަރުވާއަށް ރާއްޖެއިން ބޭރުގައި ހުރުމަށް ދެއްވާފައިވާ މުއްދަތު އިތުރުކޮށްދިނުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ދިވެހި ސަރުކާރުގައި ތަކުރާރުކޮށް އެދިވަޑައިގަންފައިވާކަމަށެވެ. ނަމަވެސް، އެމަނިކުފާނުގެ ހިތުގެ އާލާސްކަންފުޅަށް ހޯއްދަވަން ޖެހިވަޑައިގަންނަވާ ބޭސްފަރުވާ ފުރިހަމަ ނުވަނީސް، އަދި މިވަގުތު މަތިންދާބޯޓުގައި އެމަނިކުފާނު ދަތުރުކުރެއްވުމަކީ ރައްކާތެރިކަމެއް ނޫންކަމަށް ޑޮކްޓަރުން ލަފާދެއްވާފައިވަނިކޮށް، އެމަނިކުފާނުގެ ކްރޮނެރީ އިންޓަރވެންޝަން ހެއްދެވުމަށްފަހު އެންމެ 5 ދުވަހުގެ ތެރޭގައި ރާއްޖެއަށް އަނބުރާ ވަޑައިގަތުމަށް  މޯލްޑިވްސް ކަރެކްޝަންސް ސަރވިސުން އަންގާފައިވާކަމަށެވެ.

 

ވަކީލުން ވިދާޅުވީ، ސަރުކާރުގެ އެންގުމާ އެއްގޮތަށް 25 ސެޕްޓެމްބަރ 2017 ގެ ސިންގަޕޫރު އެއަރލައިންސް ފްލައިޓް SQ 452 އިން މާލެއަށް އައުމަށް ޓިކެޓް ކޮންފަރމްކޮށް، މެޑިކަލް އިންފޮރމޭޝަން ފޯރމާއެކު ސިންގަޕޯރ އެއަރލައިންސް ގެ އޮފީހަށް ގެންދިޔުމުން، އެމަނިކުފާނަކީ ފްލައިޓްގައި ދަތުރުކުރުމަށް މެޑިކަލީ އަންފިޓް މީހަކަށްވާތީ، ފްލައިޓްގައި ދަތުރު ނުކުރެވޭނެކަމަށް އެއަރލައިނުން އެމަނިކުފާނަށް އަންގަވައިފައިވާކަމަށެވެ. އަދި އެމަނިކުފާނުގެ ޓްރެވަލް ޑޮކިއުމަންޓްގެ މުއްދަތު 26 ސެޕްޓެމްބަރު 2017 އަށް ހަމަވާތީ ދަތުރު ކުރެއްވުމުގެ ހުއްދަ ދެއްވުމަށް އެއަރލައިންގައި އެދުމުންވެސް ފްލައިޓްގައި ނުގެންދެވޭނެ ކަމަށާއި، ޓިކެޓް ކެންސަލް ކުރުމަށް އަންގައި ސިންގަޕޯރ އެއަރލައިންސުން ވަނީ ޓިކެޓްގައި ލިޔެފައިކަމަށް ޤާނޫނީ ވަކީލުން ވިދާޅުވެފައިވެއެވެ.

 

އެހެންކަމުން ޤާސިމް އިބްރާހިމްއަށް ފްލައިޓްގައި ދަތުރުކުރުމުގެ ހުއްދަ އެއަރލައިނުން ދެއްވަންދެން ބޭސް ފަރުވާއަށް ދެއްވާފައިވާ މުއްދަތު އިތުރުކޮށް ދެއްވުން އެދި މޯލްޑިވްސް ކަރެކްޝަންސް ސަރވިސްގައި އަނެއްކާވެސް ވާނީ އެދިފައިކަމަށް ޤާނޫނީ ވަކީލުން ހާމަކޮށްފައިވެއެވެ.

- ކޮމެންޓް