ކ. މާލެ
|
25 ސެޕްޓެންބަރ 2017 | ހޯމަ 19:21
އިހަވަންދޫ: 13 މީހަކަށް ވަނީ ހުކުމް ކޮށްފައި
އިހަވަންދޫ: 13 މީހަކަށް ވަނީ ހުކުމް ކޮށްފައި
ފޭސްބުކް
އިހަވަންދޫ
ފެބްރުއަރީ 8 ވަނަ ދުވަހު އިހަވަންދޫ ޕޮލިސްޓޭޝަނަށް ވަދެ ފުލުހުން ނެރުނު ކަމަށް ބުނެ 13 މީހަކު ޖޫރިމަނާކޮށްފި
ޖޫރިމަނާކުރީ 1500ރ. އިން
ދައުލަތުން 20 މީހެއްގެ މައްޗަށް ދައުވާކުރާއިރު ހުކުމް ކުރީ 13 މީހަކަށް
އެއްމަސްދުވަހުގެ ތެރޭގައި ފައިސާ ދައްކަން ޖެހޭ

ރައީސް ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރުގެ ފެބްރުއަރީ 7 ވަނަ ދުވަހު ބަދަލުވެފައިވަނިކޮށް ޖެހިގެން އައި 8 ވަނަ ދުވަހު އިހަވަންދޫ ޕޮލިސް ސްޓޭޝަނަށް ވަދެ އެސްޓޭޝަންގައި ތިބި ފުލުހުން އެސްޓޭޝަނުން ނެރުނު ކަމަށްބުނެ 13 މީހަކު ޖޫރިމަނާ ކުރުމަށް އިހަވަންދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފިއެވެ.

އިވަންދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ޝަރީއަތުގެ މަޖިލީހަށް ފާހަގަ ކުރެވުނު ނުކުތާތަކަށް ރިއާޔަތް ކުރާއިރު ދައުވާ ލިބޭ 20 މީހުންގެ ތެރެއިން ޝަރީއަތަށް ހާޒިރުވި 16 މީހުންގެ މައްޗަށް ދައުލަތުން ކޮށްފައިވާ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާގައިވާ ފަދައިން 08 ފެބްރުއަރީ 2012 ވަނަ ދުވަހުގެ 17:30 އެހާކަށްހާއިރު ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަންގެ ތެރެއަށް ވަދެ އެސްޓޭޝަންގެ ތަޅުދަނޑި ހަވާލު ކުރުމަށް ފުލުހުންނަށް އަންގައި އެސްޓޭޝަންގައި މަސައްކަތްކުރަން ތިބި އެންމެހާ ފުލުހުން އެސްޓޭޝަނުން ނުކުތުމަށް އަންގައި އެސްޓޭޝަންގައި އެވަގުތު މަސައްކަތްކުރަން ތިބި ފުލުހުން ނެރުމުގައި ހަރަކާތްތެރިވި މީހުންނާ އެކު ބައިވެރިވެފައިވާކަން ޝަރީޢަތަށް ހެކިބަސްދިން ހެކިންގެ ހެކިބަހުން ސާބިތުވާ ކަމަށެވެ.

އެހެންކަމުން އެކަމަކީ ފުލުހުންގެ ޤާނޫނުގެ 72 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކުށުގެ ޢަމަލެއް ކަމުގައިވާތީ އެ 16 މީހުންގެ ތެރެއިން ހުކުމް ކުރުމުގެ މަޖިލީހަށް ހާޒިރުވި 13 މީހުންކުރެ ކޮންމެ މީހަކު 1500ރ. އިން ޖޫރިމަނާ ކުރާ ކަމަށެވެ. އަދި އެފައިސާ 25 ސެޕްޓެމްބަރ 2017 ވަނަ ދުވަހުން ފެށިގެން 1 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށް އަންގައި ހުކުމްކޮށް އަދި އެޤަޟިއްޔާއިން ކުށް ސާބިތުވެފައިވާ މީހުންގެ ތެރެއިން ހުކުމް ނުކުރެވިވާ މީހުންގެ މައްޗަށް އެކޯޓުގެ އެހެން ޤަޟިއްޔާއަކުން ހުކުމް ކުރެވޭނެކަން އަންގައި ޤަޟިއްޔާ ނިންމީ ކަމަށެވެ.

މި 13 މީހުންގެ ތެރޭގައި ހިމެނީ 61 އަހަރާއި 23 އަހަރާ ދެމެދުގެ މީހުންނެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެބްރުއަރީ 8 ވަނަ ދުވަހުގެ ހަމަނުޖެހުންތަކާ ގުޅިގެން އެކި ފަރާތްތަކުގެ މައްޗަށް ދައުވާތައް އުފުލާފައިވާ އިރު އޭގެ ތެރެއިން ގިނަ ބައެއްގެ މައްސަލަތައް އަދިވެސް ނިމިފައެއް ނުވެއެވެ. ބައެއް މީހުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ވެސް އުފުލާފައި ވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް