ކ. މާލެ
|
25 ސެޕްޓެންބަރ 2017 | ހޯމަ 17:39
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް
ރާއްޖެއެމްވީ
ރޮޒައިނާ އާދަމް
ނިސްބަތުން ރަށްރަށުގައި ޖީއެސްޓީ ބޮޑުކޮށް ނަގާއިރު އަސާސީ ޚިދުމަތްތަކުގެ އަގު މާލެއަށް ވުރެ ބޮޑުވެގެން ނުވާނެ: ރޮޒައިނާ
މުދަލާއި ޚިދުމަތުގެ އަގު ރަށްރަށުގައި ބޮޑުވުމުން ރަށަރަށުގެ ރައްޔިތުން ޖީއެސްޓީ ދައްކަނީ ނިސްބަތުން ބޮޑު އަދަދެއް
މާލެއަށްވުރެ އަސާސީ ޚިދުމަތުގެ އަގު ރަށްރަށުގައި ނަގަނީ ބޮޑުކޮށް

މާލެއަށް ވުރެ ރަށްރަށުގެ ރައްޔިތުން ޖީއެސްޓީގެ ގޮތުގައި ދައްކާ މިންވަރު ބޮޑުވާއިރު ފެނާއި ނަރުދަމާ ފަދަ އަސާސީ ޚިދުމަތްތަކުގެ އަގު މާލެއަށް ވުރެ ބޮޑުކޮށްގެން ނެގުމަކީ ޤާނޫނުއަސާސީއާ ޚިލާފް ކަމެއް ކަމަށާއި އެކަން އެގޮތައް ނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިހެން ވިދާޅުވީ އައްޑޫ ސިޓީގައި މާލެއަށް ވުރެ ތިންގުނަ އަގުބޮޑުކޮށް ފެނަށް ޗާޖް ކުރުމަށް ނިންމާފައިވުމާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

ރޮޒައިނާގެ ބަޔާނުގައި ވިދާޅުވެފައި ވަނީ އައްޑޫ ސިޓީގެ ރައްޔިތުން ފެނާއި ނަރުދަމާ އަށް އިންތިޒާރު ކުރާތާ އެތައް އަހަރެއް ފަހުން ނަރުދަމާގެ ޚިދުމަތް އަދިވެސް ނުދެވި އޮތް ހާލު ފެނުގެ ޚިދުމަތްދޭން ފެށުމަށް މީޓަރުތައް ބެހެއްޓުމަށް ފަހު، ފެންޓަނަކަށް 65ރ. ގެ ރޭޓުން އެންމެ ދަށް ބޭންޑުގައި ވެސް ޗާޖްކުރާނެ ކަމަށް ރައްޔިތުންނަށް އަނގާފައިވާ ކަމަށެވެ. އެއަގަކީ ވެރިކަންކުރާ މާލޭގައި ފެނުގެ ޚިދުމަތް ފޯރުކޮށްދޭ އަގަށް ވުރެ ތިން ގުނަ ބޮޑު އަދަދަދެއް ކަމަށާއި އެހެން އެކަން އޮތްއިރު އެންމެކުޑަމިނުން ފެނުގެ ކޮލިޓީ ބެލެހެއްޓޭނެ ނިޒާމެއް ވެސް އައްޑޫގައި އަދި ރަނގަޅަކަށް ޤާއިމްކުރެވިފައިނުވާ ކަމަށް ވެސް އެބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ރޮޒައިނާ ވިދާޅުވި ގޮތުގައި މިކަމުގެ ޝަކުވާ އައްޑޫ ރައްޔިތުން ކުރަން ފެށުމުން އެއަގަކީ މާލެ ފިޔަވައި އެހެން ހުރިހާ ތަނެއްގައި ވެސް މިޚިދުމަތް ދެމުންދާ އަގު ކަމަށް ފެނަކައިން މައުލޫމާތު ދީފައިވާ ކަމަށެވެ. 

ރޮޒައިނާގެ ބަޔާނުގައި ވިދާޅުވެފައިވަނީ ފެނަކީ އަސާސީ ޚިދުމަތަކަށް ވެފައި ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް ސަރުކާރަށް ދައްކާ ޓެކްސްތައް ދައްކަމުން އަންނަނީ އެއް މިންގަނޑަކުން ކަމަށް ވެފައި މާލެ ފިޔަވައި އެހެން ރަށްރަށުގައި މާލެއަށްވުރެ މުދަލާއި ޚިދުމަތުގެ އަގު ބޮޑުވުމުގެ ސަބަބުން ރަށްރަށުގެ ރައްޔިތުން ހަޤީގަތުގައި ޖީއެސްޓީގެ ގޮތުގައި ދައްކާ ފައިސާ ވެސް ނިސްބަތުން ގިނަކަމަށެވެ. އެެހެންކަމުން އަސާސީ ޚިދުމަތެއްގެ އަގު އެހެން ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ އަތުން މާލެއަށް ވުރެ ބޮޑުކޮށް ނެގުމަކީ ބަލައިގަނެވޭނެ އުސޫލެއް ނޫން ކަމަށާއި އެއީ ޤާނޫނުއަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ ހަމަހަމަކަން ގެއްލިގެންދާ ކަމެއް ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭ ސަރުކާރުގެ ކުންފުނިތަކަކީ ވިޔަފާރީގެ އުސޫލުން އެންމެ ބޮޑު ފައިދާއެއް ލިބޭގޮތައް ހިންގަންޖެހޭ ތަންތަނެއް ނޫންކަމަށެވެ.

"ފެނަކައިގާ ސަރުކާރުން ހުޅުވާ އެކި ފަންޑުފޮށިތަކަށް ލާނެ ވަރަށް  ފައިސާ ހުރުމާއި މަޖިލިސް މެންބަރުން ބާއްވާ މުބާރާތްތަކަށް ހަދިޔާކުރާނެ ފައިސާ ހުރުމާއި ސަރުކާރުން ބާއްވާ އެކި ކެމްޕޭން އިވެންޓްތައް ސްޕޮންސަރކުރުމަށް ފައިސާހުރުމާއި ބޮޑުއަގުގައި ވަކިކުންފުނިތަކަކުން ތެޔޮގަތުމަށް ޚަރަދުކުރުމަށް ފައިސާ ހުރުމާއި ފެނަކައިން ޑޮލަރުގަންނަން ހަވާލުކުރާ ފަރާތްތަކަށް ކޮމިޝަން ދޭނެ ފައިސާ ހުރުމާއި ފެނަކައިން ހަވާލުކުރާ ޕްރޮޖެކްޓްތަކުގެ އެއްވެސް މަސައްކަތެއް ނުފަށަނީސް މަސައްކަތް ހަވާލުކުރާ ކުންފުނިތަކަށް މަސައްކަތުގެ އަގުގެ 80 ޕަސެންޓް އެޑްވާންސަށް ދައްކާނެ ފައިސާ ހުރުމުން ދައްކުވައިދެނީ ފެނަކައަކީ ފައިދާވާ ފައިސާ ގިނަ ކުންފުންޏެއް ކަމަށެވެ." ރޮޒައިނާގެ ބަޔާނުގައި ވިދާޅުވިއެވެ.

އެހެންކަމުން މިހާރުން މިހާރަށް ފެނަކައިންދޭ ކަރަންޓާ ފެނުގެ ޚިދުމަތުގެ އަގު މާލެއާއި އެއްވަރަށް އެހެންރަށްރަށުގައިވެސް ކުޑަކޮށްދިނުމަށް އެދި ސަރުކާރަށް ގޮވާލާ ކަމަށް ރޮޒައިނާގެ ބަޔާން ނިންމަވާލައްވަމުން ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް