ކ. މާލެ
|
25 ސެޕްޓެންބަރ 2017 | ހޯމަ 14:06
ޖުޑިޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) ގެ އިދާރާ
ޖުޑިޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) ގެ އިދާރާ
މުހައްމަދު ޝަރުހާން
ފަނޑިޔާރުން އައްޔަންކުރުން
ކްރިމިނަލްކޯޓާއި ސިވިލް ކޯޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ އިންޓަވިއު ބުދަ ދުވަހު
ޖުމްލަ 31 ބޭފުޅަކު ހުސްވެފައިވާ ހަ މަގާމަށް ކުރިމަތިލެއްވި
ޝޯޓް ލިސްޓްކޮށް އިންޓަވިއުކުރުން ބުދަ ދުވަހު ހެނދުނު ފަށަނީ
ގާޒީއެއްގެ މުސާރަ އުޅެނީ 45،000 ރުފިޔާއަށް ވުރެ މަތީގައި

ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންނާ އިންޓަވިއުކުރުން ބުދަ ދުވަހު ފެށުމަށް ޖުޑިޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީއިން ބުނީ ސިވިލް ކޯޓާއި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެ މަގާމުތަކަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އިންޓަވިއުއަށް ޝޯޓްލިސްޓްވި ފަރާތްތަކާ އިންޓަވިއުކުރުން ބުދަ ދުވަހުގެ ހެނދުނު 9:00 ފެށިގެން ކުރިއަށް ގެންދާނެ ކަމަށެވެ.

ކްރިމިނަލް ކޯޓަށާއި ސިވިލް ކޯޓަށް ގާޒީން ހޯދުމަށް ޖޭއެސްސީ އިން އިއުލާނު ކުރީ މިދިޔަ މަހުގެ 17 ވަނަ ދުވަހު އެވެ. ޖޭއެސްސީއިން ފުރަތަމަ އިއުލާނު ކުރީ ދެ ކޯޓުން ކުރެ ކޮންމެ ކޯޓަކަށް ދެ ގާޒީން ހޯދުމަށެވެ. އޭގެ ފަހުން މިދިޔަ މަހުގެ 28 ވަނަ ދުވަހު އެ ކޮމިޝަނުން ވަނީ ކްރިމިނަލް ކޯޓަށް ހޯދަން ބޭނުންވާ ގާޒީން އަދަދު ހަތަރަކަށް އިތުރުކޮށްފަ އެވެ.

އެ ހަ މަގާމަށް ޖުމްލަ 31 ބޭފުޅަކު ކުރިމަތިލެއްވި ކަމަށް ޖޭއެސްސީއިން ބުނެފައިވެއެވެ.

ކްރިމިނަލް ކޯޓުގެ ގާޒީންނަށް މަހަކު މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި 48،000 ވުރެ ގިނަ ރުފިޔާ ލިބޭނެ އެވެ. އަދި ސިވިލް ކޯޓުގެ ގާޒީންނަށް 46،000 އަށް ވުރެ ގިނަ ރުފިޔާ ލިބޭނެ އެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ފޯނު އެލަވަންސާއި މެޑިކަލް އިންޝުއަރެންސް ލިބޭނެއެވެ.

ކްރިމިނަލް ކޯޓަށް ގާޒީން ހޯދަން އިއުލާނު ކޮށްފައިވާއިރު، އެކޯޓުގެ އިސްގާޒީ ކަމުގައި ހުންނެވި އަބްދުލް ބާރީ ޔޫސުފް ޖުވެނައިލް ކޯޓަށް ބަދަލުކޮށް، ގާޒީ އަހުމަދު ޝަކީލް ވަނީ ފެމިލީ ކޯޓަށް ބަދަލު ކޮށްފަ އެވެ.

މީގެ އިތުރުން ޖޭއެސްސީއިން ވަނީ އެ ކޯޓުގެ ގާޒީ އަހުމަދު ރަޝީދު ސަސްޕެންޑު ކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް