ކ. މާލެ
|
25 ސެޕްޓެންބަރ 2017 | ހޯމަ 12:34
ސިފައިންނާއި ފުލުހުން ވަނީ މެމްބަރުން މަޖިލީހުގެ އިދާރާއިން ނެރުމުގެ ތެރެއިން ބައެއް މެމްބަރުންނަށް އަނިޔާވެފައި
ސިފައިންނާއި ފުލުހުން ވަނީ މެމްބަރުން މަޖިލީހުގެ އިދާރާއިން ނެރުމުގެ ތެރެއިން ބައެއް މެމްބަރުންނަށް އަނިޔާވެފައި
އަޒުމޫން އަހުމަދު
މަޖިލިސް މެމްބަރުން
މެމްބަރުންގެ މައްޗަށް ކުރާ ދައުވާތަކުގެ އިބްތިދާއީ އަޑުއެހުންތައް މާދަމާ ފަށަނީ
ޖުލައި 24 ވަނަ ދުވަހު ހިނގި ކަންތައްތަކާ ގުޅިގެން
ގާނޫނު ތަންފީޒްކުރާ މުވައްޒަފަކަށް ހުރަސް އެޅުމުގެ ދައުވާ
އިބްތިދާއީ އަޑުއެހުން މާދަމާ 15:00 ގައި

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރަކު ފުލުހުންގެ ސަފުތައްފަޅާލައި ރައްޔިތުން މަޖިލިސްކުރާގެއަށް  ވެންނެވި ކަމަށްބުނާ މައްސަލާގައި ދައުލަތުން ކުރާ ދައުވާގެ އިބްތިދާއީ އަޑުއެހުންތައް އަންގާރަ ދުވަހަށް ކްމިނަލް ކޯޓުގައި ތާވަލް ކޮށްފި އެވެ.

މިމައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވާ ބައެއް މެމްބަރުން ވަނީ އެކަން "ރާއްޖެއެމްވީ"އަށް ކަށަވަރު ކޮށްދެއްވާފަ އެވެ. މަޑުވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ ކްމިރިމިނަލް ކޯޓުން އޭނާއާ ޗިޓް ހަވާލުކޮށްފައިވާ ކަމަށާއި މި މައްސަލައިގައި ދައުލަތުން ދައުވާ ކުރާ 12 މެމްބަރުންނަށް ޗިޓް ހަވާލު ކުރުމުގެ މަސައްކަތް ކްރިމިނަލް ކޯޓުން ކުރަމުންދާ ކަމަށެވެ. އަމީތު ވިދާޅުވީ އެ 12 މެމްބަރުންނަށް ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް އަންގާފައިވަނީ އަންގާރަ ދުވަހުގެ 15:00 އަށެވެ.

އެ މެންބަރުންގެ މައްޗަށް ކޮށްފައިވަނީ ގާނޫނު ތަންފީޒް ކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ދައުވާ އެވެ. ދައުވާ ކޮށްފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 17 ވަނަ ދުވަހު އެވެ. 

މެންބަރުންގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވަނީ ޖުލައި މަހުގެ 24 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ވަން މައްސަލައާ ގުޅިގެންނެވެ. އެ މައްސަލައާ ގުޅިގެން ގިނަ އަދަދެއްގެ މެންބަރުން ފުލުސް އޮފީހަށް ހާޒިރުކޮށް ތަހުގީގު ހިންގާފައި ވެއެވެ.

ދައުވާކޮށްފައިވާ 12 މެންބަރުންނަކީ:

  • ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހު
  • ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް މުހައްމަދު
  • ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް(ވައްޑެ)
  • ހިތަދޫ މެދު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ދީދީ
  • ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް
  • ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން
  • ހެންވޭރު ދެކުނު މުހައްމަދު އަބްދުލް ކަރީމް(ރުކުމާ)
  • މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު
  • ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސެއިން އަރީފް
  • މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު
  • ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން
  • ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު

މި މެންބަރުންގެ ތެރެއިން ސައުދާއި، ވައްޑެގެ އިތުރުން އަމީތުގެ މައްޗަށް ވަނީ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ ވެސް ކޮށްފަ އެވެ. އެ ތިން މެންބަރުންނަށް އެ ދައުވާ ކޮށްފައިވަނީ މަޖިލިސް މެންބަރުން ނޫން ކަމަށް ކަނޑައަޅާފައިވަނިކޮށް މަޖިލީހަށް ވަން ކަމަށް ބުނެ އެވެ.

މެންބަރުންގެ މައްޗަށް ފުލުހުން ކޮށްފައިވާ ތުހުމަތަކީ ޖުލައި މަހުގެ 24 ވަނަ ދުވަހު މަޖިލިސް އިދާރާ ހިމެނޭ ސަރަހައްދު ބަންދުކޮށްފައިވަނިކޮށް، ފުލުހުންގެ ސަފުތައް ފަޅާލައި މަޖިލިސް އިދާރާއަށް ވަންކަމުގެ ތުހުމަތެވެ. ފުލުހުން ހިންގާފައިވާ ތަހުގީގަށް މި ހުރިހާ މެންބަރުން ވެސް ފުލުހުން އިދާރާއަށް ހާޒިރުކޮށް ސުވާލުކޮށް ބަޔާން ނަގާފައިވެއެވެ.

މެންބަރުން ބުނަމުންދަނީ ރައްޔިތުންގެ މަޖިލީހަށް މެންބަރުން ވަނުމަށް އެއްވެސް ފަރާތަކަށް މަނާ ނުކުރެވޭނެ ކަމަށާއި އަދި ފުލުހުންނަށް އެ ތުހުމަތު ކުރެވިދާނެ ކަމަށް ވެސް ގަބޫލުނުކުރާ ކަމަށެވެ.

ޖުލައި މަހުގެ 24 ވަނަ ދުވަހު މެންބަރުންތައް މަޖިލީހަށް ވަނުމާއެކު ފުލުހުންނާއި ސިފައިން ވަދެ މެންބަރުންތައް ވަނީ ނެެރެފަ އެވެ. މިއި ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި އެގޮތަށް ސިފައިންނާއި ފުލުހުން ވަދެ މެންބަރުން ނެރުނު ފުރަތަމަ ފަހަރެވެ.

ސިފައިން ވަނީ މަޖިލިސް އިދާރާގައި ތަޅު އަޅުވައި،  މަޖިލިސް މެމްބަރުންނަށް މަޖިލީހުގެ އިދާރާއަށް ނުވަދެވޭ ގޮތަށް "ހިސާރު" ކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރަކު ފުލުހުންގެ ސަފުތައްފަޅާލައި ރައްޔިތުން މަޖިލިސްކުރާގެއަށް  ވެންނެވި ކަމަށްބުނާ މައްސަލާގައި ޕްރޮސެކިއުޓާ ޖެނަރަލް އައިޝަތު ބިޝާމް ހެއްކަށް ނުފޫޒު ފޯރުވާ ކަމުގެ ތުހްމަތު އިދިކޮޅު އިއްތިހާދުން ވަނީ ކޮށްފަ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަދި އިދިކޮޅު އިއްތިހާދުގެ ތަރުޖަމާނު އަހްމަދު މަހްލޫފު ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މައްޗަށް ކޮށްފައިވާ ދައުވާގައި ހެކިބަސްދޭން ތިބި ފުލުހުންނާ ޕީޖީ އޮފީހުގައި ބައްދަލުކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެ މައުލޫމާތު ލިބުނީ ޕީޖީ އޮފީހަށް ގެންދިޔަ ފުލުހެއްގެ ފަރާތުން ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް