ކ. މާލެ
|
24 ސެޕްޓެންބަރ 2017 | އާދީއްތަ 20:07
ހޮނިހިރު ދުވަހުގެރޭ ހިންގި މާރާމާރީއާ ގުޅިގެން ފުލުހުން ޚާއްޞަ އޮޕަރޭޝަނެއް ހިންގަނީ
ހޮނިހިރު ދުވަހުގެރޭ ހިންގި މާރާމާރީއާ ގުޅިގެން ފުލުހުން ޚާއްޞަ އޮޕަރޭޝަނެއް ހިންގަނީ
އަބުދުﷲ ނަސީރު އިބްރާހިމް
މާރާމާރީ
ހޮނިހިރު ދުވަހުގެރޭ 18 އަހަރުން ދަށުގެ ކުއްޖެއްގެ ގަޔަށްވެސް ވަނީ ވަޅިން ހަމަލާ ދީފައި:ޕޮލިސް
އަނިޔާވި 18 އަހަރުން ދަށުގެ ކުއްޖާ ވަނީ ފަރުވާއަށްފަހު ދޫކޮށްލާފައި
މާރާމާރީއާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހަމަލާ ދިނުމުގައި ޢަމަލީގޮތުން ބައިވެރިވި 3 މީހެއް

ހޮނިހިރު ދުވަހުގެރޭ ވަޅިޖަހާ ޒުވާނަކު މަރާލި ހާދިސާގައި 18 އަހަރު ނުފުރޭ ކުޑަކުއްޖެއްގެ ގަޔަށް ވެސް ވަޅި ހަރާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ ހޮނިހިރު ދުވަހުގެރޭ މާލޭގައި ހިންގި މާރާމާރީގައި ތޫނު އެއްޗަކުން ތިން މީހެއްގެ ގަޔަށް ހަމަލާދީފައިވާއިރު އޭގެ ތެރޭގައި 18 އަހަރު ނުފުރޭ ކުޑަކުއްޖަކު ވެސް ހިމެނޭ ކަމަށެވެ.

ފުލުހުން ބުނީ ފާއިތުވި ދުވަސްތަކުގައި މާރާމާރީ އާއި ރޭވިގެން ހިންގާ ކުށްތައް ކުރާ މިންވަރު ވަރަށް ބޮޑުތަން މަދުކުރެވިފައިވަނިކޮށް ހޮނިހިރު ދުވަހުގެރޭ 23:22 ހާއިރު މާފަންނު އައިޓަމްސް ފިހާރަ ނިމޭ ސަރަހައްދުގައި ތޫނު އެއްޗެއް ބޭނުން ކޮށްގެން ނުރައްކާތެރި މާރާމާރީއެއް ހިންގާފައިވާ ކަމަށެވެ.

އެމާރާމާރީގައި 24 އަހަރުގެ މީހަކަށާއި 19 އަހަރުގެ މީހެއްގެ އިތުރުން 18 އަހަރުން ދަށުގެ ކުއްޖަކަށް ވަނީ ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައި ކަމަށް ފުލުހުން ބުންޏެވެ. އަދި އެމީހުންނަށް އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށް 19 އަހަރުގެ މީހާ ހޮނިހިރު ދުވަހުގެރޭގެ ވަގުތެއްގައި ނިޔާވެފައިވާ ކަމަށާއި 24 އަހަރުގެ މީހާއަށް އަދިވެސް އައިޖީއެމްއެޗްގައި ފަރުވާދެމުންދާއިރު 18 އަހަރުން ދަށުގެ ކުއްޖާއަށް ފަރުވާ ދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެމާރާމާރީއާ ގުޅިގެން ތުހުމަތު ކުރެވޭ ފަރާތްތައް ހޯދުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ތުހުމަތު ކުރެވޭ 3 މީހަކު ހައްޔަރުކުރެވިފައިވާ ކަމަށާއި އެތިން މީހުންނަކީ ވެސް މާރާމާރީ ހިންގުމުގައި އަމަލީގޮތުން ބައިވެރިވެފައިވާ ތިން މީހުން ކަމަށެވެ. އަދި އެމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގް ކުރަމުންދާއިރު އެމައްސަލައިގެ އިތުރުން ކުރިން ހިންގާފައިވާ މިފަދަ އެހެންމައްސަލަތައް ވެސް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ދަނީ ތަހުގީގް ކުރަމުން ކަމަށެވެ.

މީގެ އިތުރުން މާރާމާރީ އާއި އެނޫން އެހެން މައްސަލަތައް މަދުކޮށް އަމަން އަމާންކަން ޤާއިމް ކުރުމަށްޓަކައި ފުލުހުން ގެންދަނީ ގިނަ ފިޔަވަޅުތަކެއް އަޅައި އެކަންކަން ތަންފީޒް ކުރުމުގެ މަސައްކަތްތައް ވެސް ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިފަދަ ރަހުމްކުޑަ ޢަމަލްތައް ހިންގާ ފަރާތްތައް ހޯދައި އެފަރާތްތަކުގެ މައްޗަށް ހިންގަންޖެހޭ ތަހުގީގްތައް ހިންގައި ޝަރީޢަތައް ހުށަހަޅާނެ ކަމުގެ ޔަޤީންކަން ދިވެހި އެންމެހައި ރައްޔިތުންނަށް އަރުވާކަމަށާއި މުޖުތަމައު ތެރޭގައި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ހިންގާ މިފަދަ ޢަމަލްތައް ހުއްޓުވުމަށް ފުލުހުންނަށް ލިބިފައިވާ އެންމެހައި ވަސީލަތްތައް އޭގެ އެންމެ މަތީ ދަރަޖައަށް ބޭނުން ކުރާނެ ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް