ކ. މާލެ
|
24 ސެޕްޓެންބަރ 2017 | އާދީއްތަ 18:58
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މަޖިލީހުގެ ރައީސް މަސީހް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މަޖިލީހުގެ ރައީސް މަސީހް
ރާއްޖެ އެމްވީ
އިދިކޮޅު ކޯލިޝަން
މަސީހު ކިތަންމެ އުހުގައި އިންނެވިއަސް ޖަލްސާ ބާއްވަން ލާހިކެއް ނޫން، ހުރަސް އަޅާނަން: އިދިކޮޅު ކޯލިޝަން
މަސީހަކީ މަޖިލީހުގެ ރައީސެއް ނޫން
އުސް ސްޓޭޖެއް ހަދަނީ ކޮންމެ ފަހަރަކު ސިފައިން ވަދެ ހިމާޔަތް ނުކޮށްދޭނެތީ
މަސީހް އިންވައިގެން ބާއްވާ ޖަލްސާއެއް ސައްހައެއް ނުވާނެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް ކިތަންމެ އުސް ތަނެއްގައި އިންނެވި ނަމަވެސް ރައްޔިތުންގެ މަޖިލިސް ޖަލްސާތައް ކުރިއަށް ގެންދަން ފުރުސަތު ނުދޭނެ ކަމަށް އިދިކޮޅު އިއްތިހާދުން ބުނެފި އެވެ.

 

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކޯލިޝަނުގެ ފަރާތުން އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ މަސީހަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނޫން ކަމަށެވެ. މިހާރު މަޖިލީހުގެ ރިޔާސަތު ނެތް ކަމަށާއި ކިތަންމެ އުހުގައި އިންނެވިއަސް އެއީ މަޖިލީހުގެ ރައީސަށް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.  ޖަލްސާތައް ހުއްޓުވުމަށް އިހްތިޖާޖު ކުރާނެ ކަމަށާއި އެންމެ ބޮޑު ސަބަބަކީ މަސީހަކީ މަޖިލީހުގެ ރައީސަށް ނުވުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

 

" އުސްތަނެއްގައި ސްޓޭޖް ހެއްދެވީމަ އަޅުގަނޑުމެންގެ އަތެއް ނުފޯރާނެ ތޯ. ފޯރާނެ ނޫންތޯ، އަޅުގަނޑުމެންވެސް ކޮންމެ ވެސް ގޮތެއް ހޯދާނެ ނޫން ތޯ އެ ސްޓޭޖަށް އަރަން. މަސީހަށް އެ ސްޓޭޖަށް އެރޭ ގޮތައް އަޅުގަނޑުމެނަށްވެސް އެރޭނެ ނޫންތޯ،" އަމީތު ވިދާޅުވި އެވެ.

 

މަޖިލީހުގެ ރައީސް އިންނަވަން ސްޓޭޖެއް ހަދަމުންދާ ކަމާއި އެތެރޭގައި ހިނގާ ކަންކަމުގެ މައުލޫމާތު ލިބެނީ އެ މަސައްކަތުގައި އުޅޭ މީހުންގެ ފަރާތުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި މަޖިލިސް ފެށުމުގެ ކުރިން އެ ސްޓޭޖްގެ ފޮޓޯވެސް އާންމު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

 

 މަޖިލިސް ތަޅުމުގައި ރިޔާސަތު ބަލަހައްޓަވާ ބޭފުޅަކަށް އުސް ސްޓޭޖެއް ހަދަނީ މަސީހް ހިމާޔަތް ކުރުމަށް ކޮންމެ ފަހަރަކު ސިފައިން ނުވަންނާނެ ކަމަށް ގަބޫލު ކުރެއްވޭތީ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

 

އެގޮތަށް އުސް ސްޓޭޖެއް ހަދާފައި ހުންނަނީ މިހާރު ދުނިޔޭގެ އެންމެ ހުދުމުހްތާރު ވެރިކަމެއް ކުރަމުންދާތަން ފެންނަ އުތުރު ކޮރެއާގައި ކަމަށް ވެސް އަމީތު ވިދާޅުވި އެވެ.

 

ސިފައިން ބަތިއްބައިގެން މީގެ ކުރިންވެސް މަޖިލީހުގައި ޖަލްސާތައް ބޭއްވި ކަމަށާއި އެހެން ނަމަވެސް ޖަލްސާތައް ދިޔައީ ކިހިނެތްކަން މެންބަރުންނަށް ސާފުނުވާ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ. އަދި މަޖިލީހުން ހިންގާ ގާނޫނާ ހިލާފު ކަންކަމުގައި ގުރުބާން ކުރަނީ އެތަނުގެ އާދައިގެ މުވައްޒަފުން ކަމަށްވެސް އަމީތު ވިދާޅުވި އެވެ.

 

" އޭގެ ހެއްކެތް އެއީ، ތިނަދޫ އަބުޅޯގެ ގޮނޑި ގެއްލިއްޖެ ކަމަށް މުސާރަ ކަނޑާލުމަށް މި މެމޯގައިވެސް މި ސޮއި ކުރެއްވީ ކޮން ކުއްޖެއް ތޯ، އަމީން އާންމުގެ ނައިބަކަށް އުޅޭ ކުއްޖެއް. މަސީހް އޮންނެވީ ގޭގައި. މަސީހު ބޭނުމެއްނުވި އެ އެއްޗިހީގައި ސޮއި ކުރައްވާކަށް. އެ މަސީހަށް އެނގޭ މަސީހް ސޮއި ކުރައްވައިފިނަމަ ކޮންމެވެސް ދުވަހަކުން އެ އެއްޗިއްސަށް ތިމަންނަ ޖަވާބު ދާރީވާން ޖެހޭނެކަން،" އަމީތު ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް