ކ. މާލެ
|
24 ސެޕްޓެންބަރ 2017 | އާދީއްތަ 15:34
މިއަދުގެ ޝަރީއަތުގެ އަޑު އެހުމަށްފަހު ކްރިމިނަލް ކޯޓުން ޒިއަތު ނިކުންނަވަނީ
މިއަދުގެ ޝަރީއަތުގެ އަޑު އެހުމަށްފަހު ކްރިމިނަލް ކޯޓުން ޒިއަތު ނިކުންނަވަނީ
މުހައްމަދު ފަޒީން
އެމްއެމްޕީއާރުސީގެ ހިޔާނާތް
އެމްއެމްޕީއާރުސީގެ 1 މިލިއަން ޑޮލަރަށް ހިޔާނާތްތެރިވި ދައުވާއަށް ޒިޔަތާއި ޝާހިދުވެސް އިންކާރުކޮށްފި
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ 30 މައްސަލައެއްގެ ދައުވާ ޒިޔަތުގެ މައްޗަށް
ދައުވާތައް ކޮށްފައިވަނީ ވަކިވަކިން
ޅ. މާބިންހުރާ މައްސަލާގައި ޒިޔަތު މިހާރު ވެސް ހުންނެވީ 8 އަހަރުގެ ޖަލު ހުކުމެއްގަ

އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުއާއި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ދެބެއިންގެ ދެދަރި ކޮއްކޮ ޝާހިދު ހުސައިންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާއަށް ޒިޔަތާއި ޝާހިދުވެސް އިންކާރު ކޮށްފި އެވެ.  

އާދިއްތަ ދުވަހުގެ ބޭއްވި އެ ޝަރީއަތުގެ އަޑުހުމުގައި ޒިޔަތާއި ޝާހިދުގެ ގާނޫނީ ވަކީލުންގެ އެދުމުގެ މަތިން ވަނީ އެމައްސަލަ ތަހުގީގު ކުރި ޕޮލިސް އިންވެސްޓިގޭޝަން އޮފިޝަރާއި އެ ތަހުގީގު ކުރިއަށް ގެންދިޔައިރު އަޑުއެހުމަށް ހުންނެވި ޕޮލިސް އޮފިޝަރެއް ހާޒިރުކޮށް، ސުވާލު ކޮށްފަ އެވެ.

އެގޮތުން ޒިޔަތުގެ ފަރާތުން ވަނީ އެ މައްސަލަ ތަހުގީގު ކުރަމުންދިޔައިރު، އެއީ ޒިޔަތާއި ބެހޭ މައްސަލައެއްގެ ތަހުގީގު ނޫން ކަމަށާއި އެއީ އެހެން މީހެއްގެ މައްޗަށް ކުރާ ތުހުމަތެއްގައި ކަމެއް އޮޅުންފިލުވުމަށް ހާޒިރު ކުރިކުރުމެއް ކަމަށް އިންވެސްޓިގޭޝަން އޮފިޝަރު ވިދާޅުވެފައިވާނެތޯ ސުވާލު ކުރައްވާފަ އެވެ.  ނަމަވެސް އިންވެސްޓިގޭޝަން އޮފިޝަރާއި އަޑުއެހި ޕޮލިސް އޮފިޝަރުވެސް ވަނީ އެގޮތަށް އަމަލު ކޮށްފައި ނުވާނެ ކަމަށް ވިދާޅުވިއެވެ.

ޝާހިދުގެ ފަރާތުން ވަނީ މިމައްސަލައިގެ ތަހުގީގުގެ ބޭރުން އެހެން މައްސަލައެއްގައި ދީފައިވާ ބައެއް މައުލޫމާތު މި މައްސަލައިގެ ތަހުގީގު ބަޔާނުގައި ގައި ހިމަނާފައި ވާތީ ސުވާލު ކުރައްވާފަ އެވެ. ޝާހިދުގެ އެ ސުވާލާއި ގުޅިގެން އެމައްސަލަ ތަހުގީގު ކުރި އިންވެސްޓިގޭޝަން އޮފިޝަރާއި އަހުއެހި ޕޮލިސް އޮފިސަރު ވިދާޅުވީ މީގެ ކުރިން އެހެން މައްސަލައެއްގެ ތުހުމަތެއްގައި ތަހުގީގުކޮށް އެމައްސަލައިގެ ޝަރީއަތް ވެސް ނިމިފައިވާ ކަމަށެވެ. އަދި އޭގެފަހުން ޝާހިދުގެ މައްޗަށް ކުރެވޭ އެހެން ތަހުމަތެއްގައި ކޯޓު އަމުރެއްގެ ދަށުން ޝާހިދު ހައްޔަރުކޮށް ތަހުގީގެއް ހިންގާފައިވާ ކަމަށެވެ. އަދި މިތަހުގީގު ބަޔާނަކީ އެ މައްސަލައިގެ ތެރެއިން ހިންގާފައިވާ ތަހުގީގު ބަޔާނެއް ކަމަށް ވެސް އިންވެސްޓިގޭޝަން އޮފިޝަރާއި ޕޮލިސް އޮފިޝަރު ވެސް ވިދާޅުވި އެވެ. 

ޒިޔަތާއި ޝާހިދުގެ ގާނޫނީ ވަކީލުން އޮޅުން ފިލުވަން ބޭނުންވާ ކަންކަން އޮޅުން ފިލުވުމަށް ފަހު، ގާޒީ ވަނީ ދައުވާއާމެދު ދެކޭގޮތް ހާމަ ކުރެއްވުމަށް އަންގަވާފަ އެވެ. އެގޮތުން ޒިޔަތާއި ޝާހިދު ވެސް ވަނީ އެ ދައުވާއަށް އިންކާރު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. ގާޒީ ވަނީ ދައުލަތުގެ ގާނޫނީ ވަކީލާއި ޒިޔަތާއި ޝާހިދުގެ ވަކީލުން އަރިހުންވެސް ހެކި ހުރި ނަމަ ހެކި ހުށަހެޅުމަށް ފުރުސަތު ދެއްވާފަ އެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ އެއީ ބޭންކް އެކައުންޓަކަށް ޖަމާކުރި ފައިސާތަކެއްގެ މައްސަލައެއް ކަމުން ޝަރީއަތަށް ހުށަހަޅާފައިވާ ލިޔުންތަކުގެ އިތުރަށް ހުށަހަޅާނެ އިތުރު ކިތާބީ ހެއްކެ ނެތް ކަމަށާއި އަދި ޝަފަވީ ހެއްކެއް ވެސް ނެތް ކަމަށެވެ. 

ޒިޔަތާއި ޝާހިދުގެ ގާނޫނީ ވަކީލުން ވިދާޅުވީ މިމައްސަލައިގައި ހުށަހަޅަން ހުރީ ކިތާބީ  ހެކި އެކަނި ކަމަށެވެ. 

ޒިޔަތު އާއި ޝާހިދުގެ މައްޗަށް އުފުލާފައި ވަނީ ޚިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ ކޮށްފައި ވަނީ 2014 ވަނަ އަހަރުގެ ތެރޭގައި އެމްއެމްޕީއާރްސީ އަށް ލިބުނު ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) އަށް ޚިޔާނާތްތެރިވި މައްސަލައިގަ އެވެ. ދައުވާގައިވާ ގޮތުން، ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަކުން، ޝާހިދުގެ އެކައުންޓަށް ޑޮލަރުތައް ވަނީ ޖަމާކޮށްފަ އެވެ.

ޅ. މާބިންހުރާ ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާ އަށް ޚިޔާނާތްތެރިވި މައްސަލައިގައި ޒިޔަތު މިހާރު ވެސް ހުންނެވީ 8 އަހަރުގެ ޖަލު ހުކުމެއްގަ އެވެ. ޚިޔާނާތުގެ މައްސަލައާ ގުޅިގެން ޝާހިދު ފުލުހުންގެ ބަންދުގައި ކުރިން ހުރި ނަމަވެސް ފަހުން ވަނީ ގޭބަންދަށް ބަދަލު ކޮށްފަ އެވެ. 

އާދިއްތަ ދުވަހުގެ ޝަރީއަތަުގެ އަޑުއެހުން ނިންމާލައްވަމުން ގާޒީ ވަނީ ކިތާބީ ހެކި ލިޔުމުން ހުށަހެޅުމަށް ތިން ދުވަހުގެ މުހުލަތެއް ދީފަ އެވެ. އޭގެ ފަހުން ހެކި ބަލައި ނުގަނެވޭނެ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި ތިން ދުވަހަށްފަހު ޝަރީއަތަުގެ އަޑުއެހުމެއް ބޭއްވޭނެ ކަމަށާއި އެ ދުވަހުގެ ޝަރީއަތުގެ އަޑުއެހުމުގައި ހެއްކާ ބެހޭ ގޮތުން ވާހަކަ ދެއްކުން އޮންނާނެ ކަމަށްވެސް ގާޒީ ވިދާޅުވި އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް