ކ. މާލެ
|
24 ސެޕްޓެންބަރ 2017 | އާދީއްތަ 05:22
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި
އަހުމަދު މުހުސިނު
ފަލަ ސުރުޚީ
އޭސީސީގެ ފަރާތުން ފެންނަނީ ކޮރަޕްޝަން ހުއްޓުވުމަށްވުރެ އެކަމަށް ހިތްވަރުދޭތަން: ރޮޒައިނާ
އޮޑިޓް ރިޕޯޓުގައި ކޮރަޕްޝަންގައި ބައިވެރިވާ ކުންފުނިތައް ހާމަކޮށްފައި ނެތުމުން ކަންބޮޑުވޭ
މިކަމުން ގެއްލުން ވަނީ ނިކަމެތި ރައްޔިތުންނަށް
އޭސީސީން މިމައްސަލަތައް ބަލާ ނިމޭ ދުވަހެއް ނުފެނޭ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ޢަމަލްތައް ހުންނަގޮތުން ފެނިގެން ދަނީ ކޮރަޕްޝަން ހުއްޓުވުމަށްވުރެ އެކަމަށް ހިތްވަރުދޭތަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިހެން ވިދާޅުވީ ރާއްޖެ ޓީވީން ހޮނިހިރު ދުވަހުގެރޭ ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

އޮޑިޓަރ ޖެނެރަލް މިދިޔަ ހަފްތާގައި ނެރުއްވި ފެނަކަ ކޯޕަރޭޝަންގެ އޮޑިޓް ރިޕޯޓްގައި ހުރި ބޮޑެތި ކޮރަޕްޝަންތަކުގެ ބައެއް މައްސަލަތައް ބަލަމުންދާކަމަށް އޭސީސީން ބުނި ބުނުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރޮޒައިނާ ވިދާޅުވީ ތިންއަހަރުގެ ކުރީގެ އޮޑިޓް ރިޕޯޓެއްގައިހުރި ކަންކަމަކީ ބަލަމުންދާ ކަންކަން ކަމަށް އޭސީސީން ބުނެފައިވާއިރު މިހާތަނަށް ކުރެވުނު ކަމެއް ނެތްކަމަށެވެ. އަދި ހާމަކުރި އެއްޗެއް، ހައްޔަރު ކުރެވުނު މީހަކުވެސް ނެތްކަމަށެވެ.

ރޮޒައިނާ ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި ތިއްބެވި ހުރިހާ ބޭފުޅުންވެސް ރައީސް ޔާމީންގެ ވެރިކަން ދިފާއު ކުރުމަށް މަސައްކަތް ކުރައްވަނީ އެވެރިކަން އޮންނަހާ ހިނދަކު އެމީހުންގެ ކޮރަޕްޝަން ނުބެލޭނެތީ ކަމަށާއި އެކަންކަން އޮއްބާލައިގެން ތިބުމަށް ކަމަށެވެ.

"އޭސީސީން މިވިދާޅުވަނީ ތިމަންނާމެން ބަލަމުންނޭ މިދަނީ. ބަލާ ނިމެނީ ކޮން ދުވަހަކުންތޯ. ރައްޔިތުންގެ ބައިތުލް މާލު އެއްކޮށް ހުސްވާ ފަހުންތޯ މިބޭފުޅުންނަށް ބެލެނީ. އޭސީސީއަކީ ސަރުކާރުގެ ކޮރަޕްޝަނތައް ބަލަން އޮންނަ ބައެއް. އެކަމަކު ފެނިގެން މިދަނީ ކޮރަޕްޝަން ހުއްޓުވުމަށްވުރެ ކޮރަޕްޝަނަށް ހިތްވަރުދެމުންދާތަން" ރޮޒައިނާ ވިދާޅުވިއެވެ.

ފެނަކައިގެ އޮޑިޓް ރިޕޯޓަށް އިޝާރާތް ކުރައްވާ ރޮޒައިނާ ވިދާޅުވީ އެ އޮޑިޓް ރިޕޯޓް ފުރިހަމަ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށާއި އެ ރިޕޮޓަކީ ވަކި މަޤްސަދެއް ހާސިލް ކުރެއްވުމަށް ނެރުއްވި ރިޕޯޓެއް ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ މީގެ ކުރީގެ އޮޑިޓް ރިޕޯޓް ތަކުގައި ތަފްސީލްތައް ހާމަކޮށްފައިވާ ވަރަށް ފެނަކައިގެ އޮޑިޓް ރިޕޯޓުގައި ތަފްސީލް ނެތްކަމަށާއި ކޮރަޕްޝަންތަކުގައި ބައިވެރިވެފައިވާ މީހުން ނުވަތަ އެފަދަ ކުންފުނިތަކުގެ ނަންތަކެއް މި އޮޑިޓް ރިޕޯޓުގައި ނެތް ކަމަށެވެ.

އެގޮތައް އެކަން ކޮށްފައިވަނީ ރޮޒައިނާ ވިދާޅުވި ގޮތުގައި ބަޔަކު މީހުންނަށް ބިރުދެއްކުމަށް ކަމަށާއި ބަޔަކު ބްލެކްމެއިލްކޮށްފައި ބޭތިއްބުން ކަމަށެވެ.

"އަޅުގަނޑުމެން ކަންބޮޑުވޭ އޮޑިޓް ރިޕޯޓްތައް ނެރުނުއިރު މީ ކޮން ކުންފުނިތަކެއްކަން އޮޑިޓް ރިޕޯޓުގައި ޖަހާފައި ނެތީމާ. މީގެ ކުރީގެ އޮޑިޓް ރިޕޯޓުން ފާހަގަ ކުރެވޭ ކޮން ކުންފުނިތަކަކަށްކަން މިކަހަލަ ގޮތަކަށް ފައިސާ ދޫކޮށްފައި ވަނީ، އެއީ ކޮންބައެއް ވެރިންގެ ގޮތުގައި ތިބި ކުންފުނިތައް ކަމާ މިހުރިހާ މައުލޫމާތެއް އޮޑިޓް ރިޕޯޓުން ސާފުކޮށް އެނގެން އޮވޭ" ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ ކުންފުނިތަކުން ބޮޑެތި ކޮރަޕްޝަންތައް ހިންގުމުން އެކުންފުނިތަކުގެ ވެރިންނަށް އެޅޭ ފިޔަވަޅެއް ނޯންނަ ކަމަށާއި އޭގެ ބަދަލުގައި އެމީހަކު އެހެންތަނަކަށް ބަދަލުކޮށް އޭނާއަށް ދެވެނީ އެއަށްވުރެ މަތީ މަޤާމެއް ކަމަށެވެ. އެހެންނަމަވެސް އެފަދަ ކުންފުނިތަކުގެ ކޮރަޕްޝަންތަކުގެ ލިބޭ ގެއްލުން ތަހައްމަލް ކުރަން ޖެހެނީ ނިކަމެތި ރައްޔިތުން ކަމަށާއި އަސާސީ ޚިދުމަތްތަކާއި ތަކެތީގެ އަގު ބޮޑުވެގެން ގޮސް ހުރިހާ ގެއްލުމެއް ލިބެނީ ރައްޔިތުންނަށް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
24 ސެޕްޓެންބަރ 2017 | އާދީއްތަ 10:22
މޮހޮނާ
ދެން ދެރަ ކަމެއް..