ކ. މާލެ
|
21 ސެޕްޓެންބަރ 2017 | ބުރާސްފަތި 14:37
ގަން އިންޓަރނޭޝަނަލް އެއާރޕޯޓުން އަތުލައިގަނެފައިވާ މަސްތުވާތަކެތި
ގަން އިންޓަރނޭޝަނަލް އެއާރޕޯޓުން އަތުލައިގަނެފައިވާ މަސްތުވާތަކެތި
ޕޮލިސް
މަސްތުވާތަކެތި
ލަންކާ މަގުން ރާއްޖެއައި އިންޑިއާގެ ފަސް މީހަކު 4.5 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރުމުން ވެސް ކޯޓުން ދޫކޮށްލައިފި
އެމީހުން ރާއްޖެއައީ ލަންކާ މަގުން ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް
އެ މީހުން ކޯޓުން ދޫކޮށްލީ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން
އެމީހުން އަތުލައިގަތީ މިމަހުގެ 18 ވަނަ ދުވަހު

ސްރީލަންކާއިން ރާއްޖެއައި އިންޑިއާ ފަސް މީހަކު 4.5 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށް، ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރު ކުރުމުން އެމީހުން ދޫކޮށްލައިފި އެވެ.

ފުލުހުން ބުނީ އައްޑޫސިޓީގައި މަސައްކަތް ކުރާ ފުލުހުންނާއި ކަސްޓަމްސް އާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނައަދަދެއްގެ މަސްތުވާތަކެތި ހޯދައި، ފަސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ކަމަށެވެ.

މި މައްސަލައާ  ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ 28 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ ފިރިހެނަކާއި 32 އަހަރުގެ އަންހެނަކާއި 39 އަހަރުގެ ފިރިހެނެއްގެ އިތުރުން 47 އަހަރުގެ އަންހެނެކެވެ. މި ފަސް މީހުންނަކީީ އިންޑިއާއަށް ނިޞްބަތްވާ ފަސް މީހުން ކަމަށް ފުލުހުން ބުނެއެވެ.

މި ފަސް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ކޮލަމްބޯއިން ގަމަށް ވައިގެ މަގުން ދަތުރު ކުރި ފްލައިޓަކުން މަސްތުވާތަކެތި އެތެރެކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މިި ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުގެ 09:30 ހާއިރު ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން ހުއްޓުވާ ބަލައި ފާސްކުރުމަށް ފަހުގައި ކަމަށް ފުލުހުން ބުނެއެވެ.

މި ފަސް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެމީހުންގެ ހަށިގަނޑާއި ތަކެތި ބަލައިފާސްކުރިއިރު އެމީހުން ގެނައި ލަގެޖް ފޮށިތަކުން ނެގި ރަބަރު ކޮތަޅު ތަކެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހިތަކެއް ވަނީ ފެނިފައެވެ. އެތަކެތީގެ ބަރުދަނުގައި 4.65 ކިލޯ ގްރާމް ހުއްޓެވެ. މީގެ އިތުރުން އެފޮށިތަކުން މަސްތުވާތަކެތި ބޭނުން ކުރުމަށް ގެންގުޅޭ ބައެއްކަހަލަ ތަކެތިވެސް ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން އެ ފަސް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ވަނީ ދޫކޮށްލާފައެވެ. ނަމަވެސް މި މައްސަލަ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް