ކ. މާލެ
|
21 ސެޕްޓެންބަރ 2017 | ބުރާސްފަތި 11:50
ސައުދުއާއި އަމީތު ބަންދުން ދޫކޮށްލާފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު
ސައުދުއާއި އަމީތު ބަންދުން ދޫކޮށްލާފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހު
ރާއްޖެ އެމްވީ
ސައުދުއާއި އަމީތު
އެއްމަސް ފަހުން ސައުދުއާއި އަމީތަށް ރޭގަނޑު ގެއިން ބޭރަށް ނިކުމެވޭގޮތް ވެއްޖެ
އެއް މަސް ވަންދެން ރޭގަނޑު 9 އިން ހެނދުނު 6 އަށް ގެއިން ބޭރަށް ނުނިކުތުމަށް
ކްރިމިނަލް ކޯޓުގެ ޝަރުތުގެ މުއްދަތު ހަމަވީ އޯގަސްޓް 20 ގައި
ބުދަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ދެ ބޭފުޅުން ބައިވެރިވި

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި ޝަރުތުގެ މުއްދަތު ހަމަވެ، ރޭގަނޑު ގެއިން ބޭރަށް ނިކުމެ އުޅުއްވުމުގެ ފުރުސަތު ދެ ބޭފުޅުންނަށް ލިބިއްޖެ އެވެ.

ޖުލައި މަހުގެ 27 ވަނަ ދުވަހު އަމީތާއި ސައުދު ހައްޔަރުކުރިއިރު، އެ ދެ ބޭފުޅުން ދޫކޮށްލާފައި ވަނީ ހަތަރު ވަނަ ފަހަރަށް ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުން އޯގަސްޓް 20 ވަނަ ދުވަހު އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނިކޮށް މަޖިލިސް އިދާރާ އަށް ވަން މައްސަލައިގައި ހައްޔަރުކުރިއިރު، ދެ ބޭފުޅުން ދޫކޮށްލާފައި ވަނީ ޝަރުތުތަކަކާއެކު އެވެ.

އެގޮތުން އަމީތާއި ސައުދަށް ވެސް ކްރިމިނަލް ކޯޓުން ޝަރުތުކޮށްފައި ވަނީ ރޭގަނޑު 9 އިން އަނެއް ދުވަހުގެ ހެނދުނު 6 އާ ދެމެދު ގެއިން ބޭރަށް ނުކުމެވަޑައިނުގަތުމަށާއި ހެކިވެރިއަކާ ބައްދަލު ނުކުރުމަށް އަދި ކޯޓަށް ހާޒިރުވުމަށެވެ.

އެއް މަސް ދުވަސް ވަންދެން ރޭގަނޑު 9 އިން އަނެއް ދުވަހުގެ ހެނދުނު 6 އާ ދެމެދު ގެއިން ބޭރަށް ނުކުމެވަޑައިނުގަތުމަށް ޝަރުތުކުރިއިރު، އެ މުއްދަތު ހަމަވެފައިވަނީ ބުދަ ދުވަހު އެވެ.

ރޭގަނޑު ގެއިން ބޭރަށް ނުކުމެވަޑައިގަތުން މަނާ ކޮށްފާތީ ދެ ބޭފުޅުންނަށް އިދިކޮޅު ޕާޓީތަކުން ބޭއްވި ޖަލްސާތަކުގައި ބައިވެރިވެވިފައިނުވެ އެވެ. އެހެންނަމަވެސް، އެ މުއްދަތު ހަމަވުމާއެކު ބުދަ ދުވަހުގެ ރޭ އިދިކޮޅު ޕާޓީތަކުން މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި ދެ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

ސައުދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނުހައްގުން ޖަލު ގޮޅީގައި 23 ދުވަސް އަދި ރޭގަނޑު 9 ގެ ފަހުން ގޭ ބަންދުގައި 30 ދުވަހަށް ފަހު އިސްލާހީ މަސައްކަތަށް ނިކުމެވިއްޖެ ކަމަށެވެ.

އަމީތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "ނުހައްގުން، ބޭއިންސާފުން" ރޭގަނޑު ބަންދުކޮށްފައި ހުންނަތާ އެއް މަސް ފާއިތުވީ ކަމަށާއި ކްރިމިނަލް ކޯޓުން ކުރި ޝަރުތުގެ މުއްދަތު ހަމަވީ ކަމަށެވެ.

މަޖިލީހަށް ވަން މައްސަލައިގައި ސައުދުއާއި އަމީތުގެ މައްޗަށް ދައުލަތުން ވަނީ ދައުވާކޮށްފަ އެވެ. ދެ ބޭފުޅުންގެ މައްޗަށް އުފުލާފައިވަނީ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ އާއި ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ ވާޖިބަށް ހުރަސްއެޅުމުގެ ދައުވާ އެވެ.

އަމީތާއި ސައުދުއާއެކު ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް(ވައްޑެ) ވެސް ހައްޔަރުކުރި އެވެ. ފޯނު ނަމްބަރު ދިނުމަށާއި ގާނޫނާ ޚިލާފް ކަމެއް ނުކުރުމަށް ޝަރުތުކޮށް ވައްޑެ ދޫކޮށްލިއިރު، އޭނާގެ މައްޗަށް ވެސް ވަނީ ދައުވާ ކޮށްފަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް