ކ. މާލެ
|
20 ސެޕްޓެންބަރ 2017 | ބުދަ 19:40
ހަތަރު މެންބަރުންގެ ޕްރެސް ކޮންފްރެންސް
ހަތަރު މެންބަރުންގެ ޕްރެސް ކޮންފްރެންސް
ފާތިމަތު ޝަނާ މުހައްމަދު
ހަތަރު މެންބަރުންގެ ޕްރެސް
އީސީ މެންބަރުންނާ ދެކޮޅަށް ދައުވާ ކުރާނަން: މެންބަރުން
އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން ކަންކަން ކުރަނީ ގާނޫނާ ހިލާފަށް

ގާނޫނާއި ގަވައިދުތަކުގެ ބޭރުން މަޖިލީސް މެންބަރުން ވަކި ކުރިކަން އިއުލާނު ކުރުމަށް ފަހު ބައި-އިލެކްޝަނުގެ ކަންކަން ކުރައްވަމުން ދަނީ ގާނޫނާއި ގަވައިދުތަކުގެ ބޭރުން ކަމަށާއި އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށް ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ހަތަރު މެންބަރުން ބުނެފި އެވެ.

މ. ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ވިދާޅުވީ، މިއަދު އިލެކްޝަންސް ކޮމިޝަނުގެ އަމަލުތައް ހުރީ މިނިވަން މުއައްސަސާއަކުން އަމަލު ކުރައްވަންޖެހޭ  އުސޫލުތަކާއި އެއްގޮތަށް ނޫން ކަމަށާއި އެ ފަރާތުން މަސައްކަތް ކުރައްވަނީ ވަކި މީހަކު ހިތްހަމަޖައްސައި ދިނުމަށް ކަމަށެވެ. އަމީތު ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން ވަކި މީހަކު ރުއްސުމަށް އެކުރާ ކަންކަމުގެ ސަބަބުން އެންމެ ފަހު ވަގުތު ބެދޭނީ އެ މެންބަރުން ކަމަށެވެ. ގާނޫނާ ހިލާފަށް ނިންމާ ނިންމުންތަކާއި ކުރައްވާ އިއުލާނުތަކުގައި ސޮއި ކުރައްވާ ހައްދަވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން ކަމަށާއި އެ މެންބަރުންނާ ހަމައަށް ގާނޫނު ހަރާ ހަމަކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަމީތު ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން މިއަދު ގާނޫނުން ބޭރުން އަމަލުތައް ހިންގަމުންދާ އިރު އެ މެންބަރުގެ ދައުރު ނިމޭނީ އެ ބޭފުޅުންގެ އަމަލުތަކަށް ގާނޫނޫގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުން ކަމަށެވެ.

" އަޅުގަނޑުމެންގެ ގޮނޑި ގާނޫނުތަކާއި ހިލާފަށް ގެއްލިޖެ ކަމަށް އިލެކްޝަންސް ކޮމިޝުން އެންގުމުން ޖުލައި މަހުގެ 20 ވަނަ ދުވަހު ސުޕްރީމް ކޯޓަށް މައްސަަލަ ހުށަހެޅިން. މިއަދު މިހާތަނަށް އައިއިރު އަޅުގަނޑުމެންނަށް ގަބޫލު ކުރެވިއްޖެ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން ވެސް އަޅުގަނޑުމެންގެ ގޮނޑި ގެއްލުވާލެވޭނެ އެއްވެސް ހާލަތެއް ނެތްކަން." އަމީތު ވިދާޅުވި އެވެ.

މި ޕްރެސް ކޮންފްރެންސްގައި ވާހަކަ ދައްކަވަމުން ވިލިނގިލީ ދައިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވީ، ސަރުކާރުން މިއަދު ރައްޔިތުންނަށް ލާބަޔާ މަންފާއަށް އެއްވެސް ކުރާ މަންޒަރު ނުފެއްނަ ކަމަށެވެ. އަދި މިނިވަން މުއައްސަސާތަކުން އެފަރާތްތަކުގެ ޒިންމާތައް އެންމެ ފުރިހަމައަށް ނުނެގުމުގެ ސަަބަބުން، ރައްޔިތުންގެ ހައްގުތައް ގެއްލެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

" ރައްޔިތުން ރައީސް ޔާމީން އިންތިހާބު ކޮށްފައި ވަނީ ހިތުހުރި ގޮތަކަށް ކަންކަން ކުރައްވާކަށެއް ނޫން. ރައީސް ޔާމީން ކަންތައްތައް ކުރައްވަން ޖެހޭ ގޮތް ގާނޫނު އަސާސީގައި ވަރަށް ރަގަޅަށް ވަނީ ބަޔާންކޮށްފައި. ރައީސް ޔާމީން މިއިން އެއްވެސް މުއައްސަސާއަކަށް އެންގެވި އެންގުމެއް ފެންނާކަށް ނޯންނާނެ. މާދަމާ ވެސް ގާނޫނު އަރާ ހަމަކުރާނީ ިކަންކަމުގައި ސޮއިކޮށްފައި ތިބި މީހުންނާއި." ސައުދު ވިދާޅުވި އެވެ.

ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް ވިދާޅުވީ، ސުޕްރީމް ކޯޓުން ވަރަށް ސާފުކޮށް ހާމަކުރި ހުކުމްގައި މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އޮތް އިރުވެސް، ގޮނޑި ގެއްލުނު ކަމަށް ބުނެ ސަރުކާރުން އެކަން އިޝްތިހާރު ކުރުމަކީ ކަންބޮޑުވާ  މައްސަަލައެއް ކަމަށެވެ.

" ކިތަންމެ ވަރަކަށް ވެސް އުންމިދު ކުރެވިދާނެ ކަންކަން ރަގަޅުވާން. އަޅުގަނޑު ތުލުސްދޫ ދާއިރާގެ މެންބަރަކަށް އިންތިހާބުވިކަން އެއީ ޔަގީންވެފައި އޮތް ކަމެއް. އިލެކްޝަންސް ކޮމިޝަނުން ވެސް ޔަގީންކޮށްދީފައިވާ  ކަމެއް. މިގޮތަށް މިކަން އޮއްވާ މަޖިލީހުގެ ތެރެއިން އަދާކުރަންޖެހޭ ޒިންމާތައް އުފުލަމުން ދަނިކޮށް އޭރުގެ މަޖިލީހުގެ ރައީސަށް އިތުބާރު ނެތް ކަމަށް ނިންމުމަށް މަސައްކަތް ކުރުމުން އެކަމާ ހިންހަމަނުޖެހޭ ފަރާތްތައް މިކަމާ ދެކޮޅަށް ނުކުންނަން ފެށީ." ވަހީދު ވިދާޅުވި އެވެ.

ހއ. ދިއްދޫ  ދާއިރާގެ މެންބަރު އަބްދުލް ލަތީފު ވިދާޅުވީ، ސަރުކާރުން ހިންގާ ކަންކަމުގައި ރައީސް އަބްދުﷲ ޔާމީންގެ އިތުރަށް، މެޑަމް ފާތިމަތު އިބްރާހިމް ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔާ ބާރު ފޯރުވުމަކީ ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. އެގޮތުން މީހާރު ވެސް އެކި ރަށްރަށަށް ގޮސް ކެމްޕެއިން މަސައްކަތް ފަށްޓަވައިގެން އުޅެއްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވި އެވެ. ލަތީފު ވަނީ ދިއްދޫގައި ފްލެޓް ދީފައިވާ ގޮތާ މެދު ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ.

" ކެމްޕެއިން އޮފީހުން ގުޅާފައި ބުނެފައި އެބަހުރި ރައީސް ޔާމީންގެ ސިޔާސަތައް ތާއީދު ކުރޭތޯ އަހާފައި. ބައެއް ފަރާތްތަކުން މަޖަލަކަށް ތާއީދު ކުރަމޭ ބުނުމުން އެބަހުރި ހައުސިން ޔުނިޓްތައް ދީފައި." ލަތީފު ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން ގާނޫނާއި ގަަވައިދާ ހިލާފުވެފައިވާ ކަމަށް ހަތަރު މެންބަރުން ހާމަކޮށްފައިވާ އިރު ބައި އިލެކްޝަން ބާއްވަން ގާނޫނު އަސާސީން ބުނާ މުއްދަތު ފަހަނައަޅައި ދިޔަ އިރުވެސް އިންތިހާބު ނުބޭއްވުމުގެ ސަބަބުން އިލެކްޝަންސް ކޮމިޝަނުން ގާނޫނު އަސާސީ އާއި ސުޕްރީމް ކޯޓުގެ ހުކުމާ ހިލާފުވެފައިވާކަން ވަނީ ހާމަވެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް