ކ. މާލެ
|
20 ސެޕްޓެންބަރ 2017 | ބުދަ 11:06
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން
ގޫގުލް
އިލެކްޝަން ކޮމިޝަން
ގާނޫނު ބުނާ މުއްދަތުގައި ބައި އިލެކްޝަން ނުބޭއްވި، ގާނޫނު އަސާސީއާއި ހުކުމާ ވެސް ޚިލާފު ވެއްޖެ
ގާނޫނު އަސާސީ ބުނާ ގޮތުން 60 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަންޖެހޭ
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނު ބުނާގޮތުން ފަސް ދުވަހުގެ ތެރޭ ކުރިމަތިލާން ހުޅުވާލަންޖެހޭ
ސުޕްރީމް ކޯޓުން ދެ މާއްދާގެ އުސޫލަށް އަމަލުކުރަން އިލެކްޝަންސް އަށް އަންގާފަ

ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ހުސްވެއްޖެ ނަމަ އެ ދާއިރާއެއްގެ ބައި އިލެކްޝަން ބާއްވަން ގާނޫނު އަސާސީގައި ބުނާ މުއްދަތު ފަހަނައަޅައި ދިޔަ އިރު ވެސް، އިންތިހާބު ނުބާއްވައި އިލެކްޝަންސް ކޮމިޝަނުން ގާނޫނު އަސާސީ އާއި ސުޕްރީމް ކޯޓުގެ ހުކުމާ ވެސް ޚިލާފުވެއްޖެ އެވެ.

ބައި- އިލެކްޝަންތައް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ދާއިރާތަކަކީ، މަޑުއްވަރީ ދާއިރާ އާއި، ދިއްދޫ ދާއިރާ، ތުލުސްދޫ ދާއިރާ، ވިލިނގިލީ ދާއިރާ އަދި ދަނގެތީ ދާއިރާގެ އިތުރުން މައްޗަންގޮޅި ދެކުނު ދާއިރާ އެވެ. އެ ދާއިރާތަކުގެ މެންބަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނީ ޖުލައި 18 ވަނަ ދުވަހު އެވެ. 

އެ މެންބަރުންގެ ގޮނޑިތައް ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ، ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިހާބު ކާމިޔާބުކުރާ މެންބަރުންގެ ތެރެެއިން ޕާޓީން ވަކިވާ، އަދި ވަކިކުރާ މެންބަރުންނާއި އަދި ޕާޓީ ބަދަލުކުރާ މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައި ޖުލައި 13 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމާ ހަވާލާދީ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ އެގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ނަމަ ގާނޫނު އަސާސީގެ 78 މާއްދާ އާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ "ށ" ގައިވާ ގޮތުގެ މަތިން އިންތިހާބު ބާއްވަން ވާނެ ކަމަށެވެ. އަދި އެ ހުކުމުގައިވާ ބަޔާން ވެގެންވާ އުސޫލުތަކަށް އަމަލުކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ވަނީ އަންގާފަ އެވެ.

ގާނޫނު އަސާސީގެ 78 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މެންބަރުކަމުން ވަކިވުމުގެ ސަބަބުން ހުސްވާ ގޮނޑިއަށް އެ ގޮނޑި ހުސްވި ތާރީހުން ފެށިގެން 60 ދުވަހުގެ ތެރޭގައި މެންބަރަކު އިންތިހާބު ކުރާން ވާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ 'ށ' ގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މެންބަރުކަމުން ވަކިވުމުގެ ސަބަބުން އެ ގޮނޑިއަށް މީހަކު އިންތިހާބު ކުރަންޖެހޭ ހާލަތުގައި އެ ހުސްވި ގޮނޑިއަށް މެންބަރަކު އިންތިހާބުކުރުމަށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަން ބޭއްވުމަށްޓަކައި އެ ގޮނޑި ހުސްވި ތާރީހުން ފެށިގެން ގިނަވެގެން ފަސް ދުވަހުގެ ތެރޭގައި، އެ އިންތިހާބީ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު ހުޅުވިއްޖެކަން، އިލެކްޝަންސް ކޮމިޝަނުން އާންމުކޮށް އަންގައި އިއުލާންކުރަންވާނެ ކަމަށެވެ.

އެހެން ނަމަވެސް، މެންބަރުންގެ ގޮނޑި ހުސްވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނުކުރިތާ އަންގާރަ ދުވަހަށް 60 ދުވަސް ފުރުނުއިރު، އިންތިހާބު ވެސް ބާއްވާފައެއް ނުވެ އެވެ. އިންތިހާބު ބާއްވާނެ ދުވަހެއް ވެސް އިއުލާނުކޮށްފައިނުވާއިރު، އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ވެސް ހުޅުވާލާފައެއް ނުވެ އެވެ.

މިކަމާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް