ފުލުހުންގެ ސިއްރު މައުލޫމާތުތަކެއް ލީކު ކުރިކަމުގެ ތުހުމަތުގައި ވަޒީފާއިން ވަކިކުރި ފުލުހުންގެ އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ މުހައްމަދު ހަމީދު (އެމްސީ) ވަޒީފާއިން ވަކިކުރީ ރަނގަޅަށް ކަމަށް ކަނޑައަޅައި، ސުޕްރީމް ކޯޓުން މައްސަލަ ބޭރުކޮށްލައިފި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފުލުހުންގެ އިންޓެލިޖެންސްގެ ވެރިޔަކަށް ހުންނެވި ހަމީދު، ފުލުހުންގެ ސިއްރު މައުލޫމާތުތަކެއް ލީކުކުރި ކަމަށް ތުހުމަތުކޮށް، ވަޒީފާއިން ވަކިކުރީ އޮގަސްޓް، 2012 ގަ އެވެ. ޗީފް ސުޕްރިޓެންޑެންޓެއްގެ ރޭންކުގައި ހުއްޓާ ހަމީދު ވަކިކުރިއިރު، އެ މައްސަލަ އޭނާގެ ފަރާތުން ކޯޓަށް ހުށަހެޅުމުން ސިވިލް ކޯޓުން ސެޕްޓެމްބަރު، 2013 ގައި ހުކުމްކުރީ އޭނާ ކުރިން ހުރި ފެންވަރުގެ ވަޒީފާއެއް އަނބުރާ ދިނުމަށެވެ.
ސިވިލް ކޯޓުގެ ހުކުމް ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ނޮވެމްބަރު، 2016 ގައި ހުކުމް ކުރީ ހަމީދަށް ފުލުހުންގެ ވަޒީފާ އަނބުރާ ދޭން ނުޖެހޭ ކަމަށާއި އެހެންވެ ސިވިލް ކޯޓުގެ ހުކުމް ބާތިލްކުރުމަށެވެ.
ހަަމީދަށް ވަޒީފާ ދޭން އެންގުމުގައި، ސިވިލް ކޯޓުން ރިއާޔަތްކުރީ ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރުކަމުން މުހައްމަދު ފަހުމީ ހަސަން ވަކިކުރި މައްސަލާގައި ސުޕްރީމް ކޯޓުން ނިންމި ނިންމުމަށް ކަމަށް ވިޔަސް އެ ނިންމުމަކީ ފުލުހުންގެ ވަޒީފާގެ މައްސަލަތަކަށް ތަތުބީގު ކުރެވޭނެ ނިންމުމެއް ނޫން ކަމަށް ހައިކޯޓުން ކަނޑައެޅި އެވެ.
ހަމީދުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމުން، އެ ކޯޓުން ވަނީ ހައިކޯޓުގެ ނިންމުމަށް ތާއީދުކޮށް މައްސަލަ ބޭރުކޮށްލާފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ސުޕްރީމް ކޯޓުން އެ ނިންމުން ނިންމާފައި ވަނީ މި މަހުގެ ފުރަތަމަ ހަފްތާގަ އެވެ.
ސިއްރު މައުލޫމާތު ލީކު ކުރިކަމުގެ ތުހުމަތުގައި ހަމީދު ވަޒީފާއިން ވަކި ކުރުމުގެ އިތުރުން އޭނާ ހައްޔަރު ވެސް ކުރި އެވެ. އެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި ނަމަވެސް އެ މައްސަލަ ކޯޓަށް ފޮނުވާފައެއް ނުވެ އެވެ.