މުޅި ނިޒާމްގެ ދިފާއުގައި ގިނަބަޔަކު ތެދުވަން ޖެހޭ ކަމަށް ރައީސް ޢަބްދުﷲ ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
އިދިކޮޅު އެމްޔޫއޯގެ ލީޑަރުގެ ގޮތުގައި ވެސް ހުންނެވި ޑރ ޖަމީލް މިގޮތަށް ވިދާޅުވީ އެމަނިކުފާނު އަންގާރަ ދުވަހު ކުރެއްވި ޓްވީޓެއްގައެވެ.
ރާއްޖޭގެ ޝަރުއީ ނިޒާމްގައި ހުރި މައްސަލަތަކެއް އިސްލާހް ކުރުމަށް ގޮވާލާ 56 ޤާނޫނީ ވަކީލަކު ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހެޅުމުން އެވަކީލުން ސަސްޕެންޑް ކޮށްފައި ވަނިކޮށް ޑރ ޖަމީލް ކުރެއްވި ޓްވީޓްގައި ވިދާޅުވީ ޙައްޤުބަސް ބުނަން ތެދުވާންވީ ހަމައެކަނި ޤާނޫނީ ވަކީލުން ނޫން ކަމަށާއި މުޅި ނިޒާމުގެ ދިފާއުގައި އަދިވެސް ގިނަބަޔަކު ތެދުވާން ޖެހޭ ކަމަށެވެ.
Hahqqu bas bunnan thedhuvan vee hama ekani qaanoonee vakeelunneh noon. Mulhi nizaamu ge dhifaaugai adhives gina bayaku thedhuvaan jehey.
— Mohamed Jameel Ahmed (@MJameelAhmed) September 18, 2017
ސިޔާސީ ފިއްތުންތަކާ ހުރެ އިނގިރޭސިވިލާތައް އަމިއްލައަށް އަރުވާލެވިގެން ހުންނެވި ޑރ ޖަމީލް މިހެން ވިދާޅުވެފައި މިވަނީ ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިންއާއި މަޝްހޫރު ގިނަ ޤާނޫނީ ވަކީލުންތަކެއް ސަސްޕެންޑް ކުރި ޤާނޫނީ ވަކީލުންގެ ދިފާއުގައި އިތުރު ޕެޓިޝަނެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ. ޖުމްލަ 35 ވަކީލުން އެޕެޓިޝަންގައި ސޮއި ކުރައްވާފައިވާއިރު އޭގެ ތެރޭގައި ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ، ގާނޫނު އަސާސީ އެކުލަވާލި މަޖިލީހުގެ ނައިބު ރައީސް ޝާހީން ހަމީދު ހިމެނިވަޑައިގަންނަވައެވެ. ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދާއި ކުރީގެ ޑެޕިއުޓީ އެޓަރނީޖެނެރަލް އަހުމަދު މުހައްމަދާއި މަޝްހޫރު ގާނޫނީ ވަކީލު މައުމޫނު ހަމީދާއި ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއިލާއި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވެސް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން ވެސް ކުރީގެ ގާޒީންނާއި މެޖިސްޓްރޭޓުންނާއި ކޯޓުތަކުގައި ވަކާލާތު ކުރައްވާ ގިނަ ވަކީލުން އެ ލިސްޓްގައި ހިމެނިވަޑައިގަންނަވައެވެ.
އެވަކީލުންގެ ޕެޓިޝަން ހުށަހެޅުއްވިފަހުން ސަސްޕެންޑްކުރި 13 ވަކީލެއްގެ ސަސްޕެންޝަން ވަނީ އުވާލާފައެވެ.