ކ. މާލެ
|
19 ސެޕްޓެންބަރ 2017 | އަންގާރަ 14:36
 ރައީސް މައުމޫން ފެކްޝަންގައި އިސްކޮށް އުޅުއްވާ އާމިނަތު ނާދިރާ
ރައީސް މައުމޫން ފެކްޝަންގައި އިސްކޮށް އުޅުއްވާ އާމިނަތު ނާދިރާ
ރާއްޖެއެމްވީ
ފަލަ ސުރުހީ
އެކުވެގެން ނިކުތީމާ ނަތީޖާ ފެންނަކަން ގާނޫނީ ވަކީލުން ދައްކުވައިދީފީ
56 ވަކީލެއް ސަސްޕެންޑްކުރި
ސަސްޕެންޑްކުރި ވަކީލުންގެ ދިފާއުގައި 35 ވަކީލަކު ވަނީ ސުޕްރީމް ކޯޓަށް ޕެޓިޝަން ހުށަހަޅާފައި
ސަސްޕެންޑްކުރި ވަކީލުންގެ ތެރެއިން 13 ވަކީލަކަށް އަލުން ވަނީ ހުއްދަދީފަ

ގައުމުގެ ކަންކަން ރަނގަޅު ކުރުމަށް ވަކިވަކި ފަރުދުން ނިކުތުމަށް ވުރެ، އެކުވެގެން ނިކުތުމުން ނަތީޖާ ފެންނަކަން ރާއްޖޭގައި މަސައްކަތް ކުރައްވާ ގާނޫނީ ވަކީލުން ދައްކުވައިދީފި ކަމަށް ޕީޕީއެމް ރައީސް މައުމޫން ފެކްޝަންގެ ނާއިބު ރައީސް އާމިނަތު ނާދިރާ ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހުގެ ރޭ "ރާއްޖެޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނާދިރާ ވިދާޅުވީ ރާއްޖޭގެ ޝަރުއީ ދާއިރާގައި ހުރި މައްސަލަތައް ހައްލުކުރުމަށް ރާއްޖޭގެ މަސައްކަތްކުރާ ގާނޫނީ ވަކީލުންތަކެއް އިސްނަންގަވައިގެން ތައްޔާރުކުރި ޕެޓިޝަނާއި އެބޭފުޅުން ކުރައްވާ މަސައްކަތަކީ ވަރަށް ހިތްވަރުގަދަ މަސައްކަތެއް ކަމަށެވެ.

"އެބޭފުޅުން އެކުރެއްވި މަސައްކަތަކީ ޖުޑިޝަރީގައި ހުރި މައްސަލަތަކެއްގެ ވާހަކަ އެބޭފުޅުން ވިދާޅުވީ. ޕެޓިޝަނެއްގެ ޒަރީއާއިން އެވާހަކަ ދައްކަވަން އެބޭފުޅުން ނިންމެވި. އަޅުގަނޑުމެން އެންމެނަށް ވެސް އެބަ އިނގޭ ވަކިވަކި މީހުން ނިކުތީމަ ކުރާ އަނިޔާ ބޮޑުކަން. އޭގެ އެއްމިސާލު އެއީ އޭގެ ކުރިން ދެ ގާނޫނީ ވަކީލެއް ސަސްޕެންޑްކޮށްފައި އޮތްއޮތުން ވެސް. އެހެންވީމައި ގިނަ ބަޔަކު ނިކުމެ މިވާހަކަ ދެއްކީމައި ރަނގަޅުވާނެ ކަމަށް އަޅުގަނޑުމެން އެންމެވެސް ގަބޫލުކުރަން. ގިނަ ބަޔަކު އެވާހަކައެއް ދެއްކީމައި އަޑުއަހާ މީހުންވެސް ގިނަވާނެ،" ނާދިރާ ވިދާޅުވި އެވެ.

ނާދިރާ ވިދާޅުވީ ޖުޑިޝަރީ އިސްލާހު ކުރުމަށް އިސްކޮށް ނިކުންނެވި ގާނޫނީ ވަކީލުންނާއި އެ ވަކީލުން ސަސްޕެންޑް ކުރުމުން އެ ވަކީލުންގެ ދިފާއުގައި ނިކުންނެވި ގާނޫނީ ވަކީލުންނަށް ވެސް އައްސަރިބަހާ ސާބަސް ދަންނަވާ ކަމަށެވެ.

ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ރާއްޖޭގެ މަޝްހޫރު ގިނަ ގާނޫނީ ވަކީލުންތަކެއް ހިމެނޭގޮތަށް 56 ގާނޫނީ ވަކީލަކު ވަނީ އެ ދާއިރާގައި ހުރި ބައެއް މައްސަލަތައް ފާހަގަކޮށް ސުޕްރީމް ކޯޓަށް ހުށަހެޅުމަށް މަސައްކަތް ކުރައްވާފަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ އެ ޕެޓީޝަން ބަލައިގަތުގެ ބަދަލުގައި އެ ޕެޓިޝަނުގައި ސޮއިކުރެއްވި 56 ގާނޫނީ ވަކީލުންގެ ތެރެއިން 54 ގާނޫނީ ވަކީލަކު ސަސްޕެންޑް ކުރައްވާފަ އެވެ. އަނެއް ދެ ގާނޫނީ ވަކީލުން ކަމަށްވާ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން އާއި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް ހަސަން ޝަމީމު ވަނީ މީގެ ކުރިން ވެސް ހުންނެވީ ސަސްޕެންޝަނުގައެވެ. 

އެ 56 ގާނޫނީ ވަކީލުންގެ ދިފާއުގައި ގާނޫނީ އަދި ޝަރުއީ ދާއިރާގައި މަސައްކަތް ކުރައްވާފައިވާ އިތުރު 35 ގާނޫނީ ވަކީލުން ވަނީ ނިކުންނަވާފަ އެވެ. އޭގެ ތެރޭގައި ސުޕްރީމް ކޯޓުގެ ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން އާއި ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ އިތުރުން ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު އަދިވެސް މަޝްހޫރު ގިނަ ގާނޫނީ ވަކީލުން ހިމެނެ އެވެ.

ސަސްޕެންޑްކުރި 13 ވަކީލެއްގެ ސަސްޕެންޝަން މިހާރު ވަނީ އުވާލާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް