ގެދޮރުވެރިކަމުގެ ޕްރޮގްރާމުގެ ދަށުން ހައުސިންގ މިނިސްޓްރީއިން އާންމު ކޮށްފައިވާ ފްލެޓް ލިބޭ މީހުންގެ ލިސްޓާ ގުޅޭ ގޮތުން ގިނަ ޝަކުވާތަކެއް ކުރަމުންދަނިކޮށް، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ ބައްދަލުވުން މާދަމާ ބޭއްވުމަށް ނިންމައިފިއެވެ.
ފްލެޓްގެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހުގެ އިތުރުން ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން އެވެ.
ރޮޒައިނާ އާދަމް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ފްލެޓްތަކުގެ މައްސަލާގައި މާދަމާ ކޮމެޓީން ބޭއްވުމަށް އެޖެންޑާ ކޮށްފައިވާ ކަމަށާއި އަދި ކޮމެޓީ ބޭއްވުން ކެންސަލް ނުކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ކޮމެޓީ ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާ ހެނދުނު 10:30 ގައެވެ.
Flat thakauge massala aa gulhigen maadhama committee baavvan agenda koffi. Cancel nukuraane kamah ummeedhu kuran. pic.twitter.com/urBybugyLG
— MP Rozaina Adam (@Roxeyna) September 19, 2017
މެންބަރުން ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ ފްލެޓް ލިބޭ މީހުންގެ ލިސްޓް ހާމަކޮށްފައިވާއިރު، އެ ލިސްޓުގައި ހިމެނޭ މީހުންނަކީ އެ ފްލެޓްތައް އެންމެ ހައްގުވާ ފަރާތްތައް ނޫން ކަމަށާއި ފްލެޓް ދެނީ ދެފުށް ފެންނަ ގޮތަށް ނޫން ކަމަށް ބުނެ އެތައް ރައްޔިތުންނެއް ޝަކުވާ ކުރަމުންދާ ކަމަށެވެ.
ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި ނަމާއި، އެޑްރެސް އަދި ޕޮއިންޓް ލިބިފައިވާ ގޮތުގެ ތަފްސީލު ވެސް ހާމަކޮށްފައި ނުވާތީ ޝޯޓް ލިސްޓް ކުރެވިފައިވާ ފަރާތްތަކަކީ ކޮބައި ކަމާއި، މިކަންކަން ކުރުމުގައި ގެންގުޅެފައިވާ އުސޫލުތަކަކީ ކޮބައިކަން ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ސާފުވާންޖެހޭ ކަމަށް އެ މައްސަލައިގައި ބުނެފައިވެއެވެ.
މެންބަރުން ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ ރައްޔިތުންގެ ފައިސާ ބޭނުން ކޮށްގެން އެޅޭ ފްލެޓްތަކަކީ އެތަންތަން ހައްގުވާ ފަރާތްތަކަށް، ދެފުއް ފެންނަ ގޮތަށް ދޫކުރެވޭ ތަންތަން ކަމުގައި ކަށަވަރު ކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތެއް ކަމަށް ދެކޭ ކަމަށެވެ.
ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކުރުމުގެ ޕްރޮގްރާމުގެ ދަށުން ގެދޮރުވެރިކުރުން ޕްރޮގްރާމުގެ ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓް އިއުލާނު ކުރި އިރު، ފްލެޓް ލިބޭ މީހުންގެ އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ. އެ ލިސްޓުގައި ހިމަނާފައި ވަނީ ފޯމް ނަމްބަރު އެކަންޏެވެ.
މަތިން މާކްސް ލިބުނު ނަމަވެސް، ފްލެޓް ލިބިފައިނުވާތީ އާއި ފްލެޓް ލިބޭ މީހުންގެ މައުލޫމާތު ސިއްރުކޮށްފައި ވާތީ އެތައް ބަޔަކު ދަނީ މިކަމުގައި ކޮރަޕްޝަނުގެ އަމަލުތަކެއް އެކުލެވިގެންވާ ކަމަށް ތުހުމަތު ކުރަމުންނެވެ. މީގެ އިތުރުން، ރައީސް ޔާމީން ކެމްޕެއިން އޮފީހުން މަތިން މާކްސް ލިބުނު މީހުންނަށް ގުޅި މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ.
މިކަމާ ގުޅޭ ގޮތުން ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ފްލެޓް ލިބޭ މީހުންގެ މައުލޫމާތު ހިއްސާކޮށްފައިވަނީ އެ މީހުންގެ ޒާތީ މައުލޫމާތު ސިއްރު ކުރުމަށް ކަމަށާއި ފްލެޓް ލިބުނު މީހުންގެ މައުލޫމާތު އެހެން މީހުންނަށް އެނގެން ނުޖެހޭނެ ކަމަށެވެ. މުއިއްޒު ވިދާޅުވީ އެ މީހަކަށް ލިބުނު މާކްސް އެނގެން ޖެހޭނީ އެ މީހަކަށް ކަމަށެވެ.
ފްލެޓަށް މަތިން މާކްސް ލިބުނު މީހުންނަށް ކެމްޕެއިން އޮފީހުން ގުޅައި ފްލެޓާ ބެހޭ ގޮތުން ވާހަކަ ދެއްކި ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން މުއިއްޒު ވިދާޅުވީ ހައުސިންގ މިނިސްޓްރީއިން ކުރާ މަސައްކަތާއި އެ އޮފީހުގެ މަސައްކަތްތަކާ ގުޅުވައިގެން ވާހަކަ ދައްކަނީ ކީއްވެ ކަމަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި މެޑަމް އޮފީހުން ކުރާ މަސައްކަތަކީ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ވެސް ކުރަމުން އަންނަ މަސައްކަތެއް ކަމަށާއި ރައްޔިތުންގެ ހާލު ބަލައި، ރައީސް ޔާމީނަށް ތާއީދުކުރަންތޯ އެ އޮފީހަށް ސުވާލު ކުރެވޭނެ ކަމަށެވެ.