ކ. މާލެ
|
19 ސެޕްޓެންބަރ 2017 | އަންގާރަ 09:50
ރައްޔިތުންގެ މަޖިލީސް މި އަަަހަރަށް ހުޅުވުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާއަށް ރައީސް އަބްދުﷲ ޔާމީން ވަޑައިގަންނަވަނީ
ރައްޔިތުންގެ މަޖިލީސް މި އަަަހަރަށް ހުޅުވުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާއަށް ރައީސް އަބްދުﷲ ޔާމީން ވަޑައިގަންނަވަނީ
ގޫގުލް
ރައީސް ޔާމީން
ރައީސް ޔާމީން ހައްޖަށް ވަޑައިނުގަތީ ވެރިކަން ބަދަލުކޮށް، ހައްޔަރުކޮށްފާނެތީ!
އެންމެ ފަހުން ރައީސް ޔާމީން ހައްޖަށް ވަޑައިގަތީ 2015 ވަނަ އަހަރު
އިދިކޮޅު ފަރާތްތަކުން ދިޔައީ ވެރިކަން ބަދަލުކުރަން ރާވަމުން ކަމަށް ރައީސް ޔާމީންގެ އަރިސް ބޭފުޅާ ވިދާޅުވި
ކަންކަން ކުރިއަށް ގެންދަން ފަސޭހަ ނުވޭނެ ކަމަށް ވިދާޅުވި

ރައީސް އަބްދުﷲ ޔާމީން މި އަހަރު ހައްޖަށް ވަޑައިނުގަތީ އެ މަނިކުފާނު މައްކާގައި ހުންނަވަނިކޮށް ވެރިކަން ބަދަލުކޮށް، އަދި އެނބުރި ވަޑައިގަތުމުން ހައްޔަރުކޮށްފާނެތީ ކަމަށް، އެ މަނިކުފާނުގެ އަރިސް ބޭފުޅަކު ރާއްޖެ އެމްވީއަށް ވިދާޅުވެއްޖެ އެވެ.  

ރައީސްގެ ހައްޖު ދަތުރުފުޅާ ގުޅޭ ގޮތުން ރައީސް އޮފީހުން ރަސްމީކޮށް ބަހެއް ހާމަކޮށްފައި ނެތަސް، ރައީސް ޔާމީންގެ އަރިސް ބޭފުޅަކު ނަން ހާމަނުކުރުމަށް ޝަރުތުކޮށް ވިދާޅުވީ އެ މަނިކުފާނު ހައްޖަށް ވަޑައިގަތުމަށް ހަމަޖައްސާފައި އޮތީ އަނބިކަނބަލުން ފާތުމަތު އިބްރާހިމްއާއެކު އޯގަސްޓް 24 ވަނަ ދުވަހު ކަމަށެވެ. ހައްޖަށް ވަޑައިގަތުން އެފަހަރު ކެންސަލްކުރެއްވީ އެންމެ ފަހު ވަގުތު ކަމަށް އޭނާ ވިދާޅުވި އެވެ.

ހައްޖަށް ވަޑައިގަތުން ފުރަތަމަ ކެންސަލް ކުރެއްވުމަށް ފަހުން ވެސް ވަޑައިގަތުމަށް ރޭއްވެވި ކަމަށާއި ބައެއް ހަށިފާރަވެރިން ވެސް މައްކާއަށް ފޮނުވި ކަމަށް ރާއްޖެ އެމްވީއާ ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވި އެވެ.

"އެންމެ ފަހު ވަގުތު އެނގިވަޑައިގަތީ ބަޔަކު ވަރަށް ބޮޑެތި ރޭވުންތަކެއް ހުރި ކަމަށް. ސަރުކާރު ބަދަލުކޮށް، އެ މަނިކުފާނު ހައްޔަރުކޮށްފާނެ ކަމަށް. އެހެންވެ ހައްޖު ދަތުރު ފުރަތަމަ ކެންސަލް ކުރެއްވީ،" އޭނާ ވިދާޅުވި އެވެ.

މިހާރު ހުރިހާ ކަމެއް ހަމައަކަށް އަޅުވާފައިވާ ކަމަށާއި ނަމަވެސް 2018 އާ ހަމައަށް  ކަންކަން ހަމަޖެހިގެން ކުރިއަށް ނުގެންދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

"ދެން ކަންކަން ފަސޭހައެއް ނުވާނެ. އެކަމަކު 2018 ގެ ކުރިން ވެރިކަން ބަދަލެއް ނުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ. 

ރައީސް އަބްދުﷲ ޔާމީން އެންމެ ފަހުން ހައްޖަށް ވަޑައިގަތީ 2015 ވަނަ އަހަރު އެވެ. އެފަހަރު ހައްޖުން އެނބުރި ވަޑައިގެން އިއްޒުއްދީން ފާލަމަށް ލޯންޗްކޮޅު ކައިރިކުރި ވަގުތު އެއްޗެއް ގޮވައި، އެ މަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ޒަހަމްވެވަޑައިގަތެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް 45 މެމްބަރަކު ސޮއި ކުރައްވާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމާއެކު، ސިޔާސީ މަސްރަހު ހަލަބޮލިވެ، އިދިކޮޅު މެމްބަރުންނާއި ލީޑަރުން ހައްޔަރުކުރަން ފެށި އެވެ. ބައެއް މެމްބަރުންގެ މައްޗަށް ދައުވާ އުފުލާފައި ވާއިރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރިޝްވަތު ހުށަހެޅި ކަމަށް ސާބިތުކޮށް  ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ވަނީ ހުކުމްކޮށްފަ އެވެ.

ރާއްޖެ އެމްވީއާ ވާހަކަ ދެއްކެވި ރައީސް ޔާމީންގެ އަރިސް ބޭފުޅާ ވިދާޅުވީ "ކޮންމެ މީހަކު ވެސް ހޫނު ފެނަށް އަތް ލުމުން އަތް ފިހޭނެކަން އެނގެން ވާނެ" ކަމަށެވެ.

އޭނާ އިޝާރާތް އެ ކުރެއްވީ އިދިކޮޅު މެމްބަރުންނާއި ލީޑަރުން ޖަލަށްލައި ހައްޔަރުކުރަމުން ދަނީ ވެރިކަން ބަދަލުކުރުމަށް މަސަައްކަތްކުރާތީ ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
19 ސެޕްޓެންބަރ 2017 | އަންގާރަ 11:12
ހަސަން
ކީކޭ ދެން އަޅެ ފަހެ ބުނާނީ! އެއޮތް ފަދަ ހައްޖު ދަތުރު ކެންސަލް ކޮށްލީ ވެރިކަން ބަދަލު ކޮށްފާނެތީއޭ ވިއްޔަ އެ ބުނަނީ! ނޫނޭ ވާ ކަންތަކެއް އެބަހުރި އިނގޭ!
19 ސެޕްޓެންބަރ 2017 | އަންގާރަ 10:15
ބަރަބޯ
ވެރިކަން ބަދަލު ކުރަންޏާ މިހާރު ވެސް ކުރަންވީއެއްނު ހެހެ