ކ. މާލެ
|
18 ސެޕްޓެންބަރ 2017 | ހޯމަ 16:11
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު
ރާއްޖެ އެމްވީ
އުއްތަމަ ފަނޑިޔާރު
ޕެޓިޝަނުގައި ސޮއިނުކުރާ ވަކީލުންނާ އުއްތަމަ ފަނޑިޔާރު މިރޭ ބައްދަލުކުރައްވަނީ
ބައްދަލުވުން ބާއްވަން ހަމަޖެހިފައިވަނީ މިރޭ 8:00 ގައި ސުޕްރީމް ކޯޓުގަ
ޕެޓިޝަނުގައި ސޮއިކުރި އެއްވެސް ވަކީލަކަށް ދައުވަތު ނުދޭ ކަމަށް ބުނޭ
ވަކީލުން ސަސްޕެެންޑް ކުރުމުން އުއްތަމަ ފަނޑިޔާރާއި ކޯޓަށް ފާޑުކިޔުން

ޝަރުއީ ދާއިރާގައި އިސްލާހުކުރަން ހުރި ކަންތައްތައް ބަޔާންކޮށް ސުޕްރީމް ކޯޓަށް ހުށަހަޅަން މަސައްކަތް ކުރި ޕެޓިޝަނުގައި ސޮއި ނުކުރައްވާ ތިއްބެވި ވަކީލުންނާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މިރޭ ބައްދަލުކުރައްވަން ނިންމަވައިފި އެވެ.

އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ވަކީލުންނާއެކު އުއްތަމަ ފަނޑިޔާރު ބާއްވާ ބައްދަލުވުމަށް ބައެއް ވަކީލުންނަށް ވަނީ ދައުވަތު ދީފަ އެވެ. އެހެން ނަމަވެސް، ޕެޓިޝަނުގައި ސޮއިކުރެއްވި 56 ވަކީލުންނާއި، ވަކީލުންގެ ސަސްޕެންޝަން އުވާލުމަށް ގޮވާލައި ސުޕްރީމް ކޯޓަށް ހުށަހެޅި ޕެޓިޝަނުގައި ސޮއިކުރެއްވި 35 ވަކީލުންނަށް ދައުވަތު ދީފައި ނުވާ ކަމަށް އެ ވަކީލުން ބުނެ އެވެ.

އުއްތަމަ ފަނޑިޔާރު ވަކީލުންނާއެކު ބާއްވާ ބައްދަލުވުން ބާއްވަން ހަމަޖެހިފައިވަނީ މިރޭ 8:00 ގައި ސުޕްރީމް ކޯޓުގަ އެވެ.

ވަކީލުންތަކަކާ އުއްތަމަ ފަނޑިޔާރު ބައްދަލުކުރައްވަން ނިންމާފައިވާއިރު، ވަކީލުން ސަސްޕެންޑް ކުރި މައްސަލައިގައި އުއްތަމަ ފަނޑިޔާރަށާއި ސުޕްރީމް ކޯޓަށް ވަރަށް ބޮޑަށް ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އެގޮތުން ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކުގެ އިތުރުން ބޭރުގެ ޖަމިއްޔާތަކާއި ގައުމުތަކުން ދަނީ ވަކީލުންގެ ސަސްޕެންޝަން އުވާލުމަށް ގޮވާލާފަ އެވެ.

ސަސްޕެންޑް ކުރި ވަކީލުންގެ ތެރެއިން 13 ވަކީލެއްގެ ސަސްޕެންޝަން ހޯމަ ދުވަހު އުވާލާފައިވާއިރު، ލޯ އޭޝިއާއިން ރާއްޖެއަށް ފެކްޓް ފައިންޑިން މިޝަނެއް ރާއްޖެ ފޮނުވުމަށް ވަނީ ނިންމާފަ އެވެ.

ވަކީލުންތައް ސަސްޕެންޑް ކޮށްފައިވަނީ ޖަމާޢަތް ހަދައިގެން ޣައިރު ޤާނޫނީ ގޮތެއްގައި ސުޕްރީމް ކޯޓު ދޮށަށް އެއްވެ، ޢަދުލު އިންޞާފުގެ ބާރުގެ މަސައްކަތާ ބެހި، ނުފޫޒު ފޯރުވަން މަސައްކަތްކޮށް ކޯޓުތަކުގެ އިޚްތިޞާޞްތަކާއި ކޯޓުތަކުގެ އިޖުރާއަތުތަކާއި، ކޯޓުތަކުން ނިންމާ ނިންމުންތަކާ ޚިލާފު ޣައިރު ޤާނޫނީ ލިޔުމެއް ލިޔެ، އެ ލިޔުމުގައި ސޮއިކޮށް، ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރަށް ދަތިކޮށް، ކޯޓުތަކުގެ ޙުރުމަތް ކެނޑި މައްސަލަ ބަލައި ތަޙްޤީޤު ކުރަމުންދާ ކަމަށް ބުނެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް