ކ. މާލެ
|
18 ސެޕްޓެންބަރ 2017 | ހޯމަ 16:16
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
މުހައްމަދު ޝަރުހާން
ފްލެޓާބެހޭ ޝަކުވާ
ދިވެހި ރައްޔިތުންނަކީ ވައްކަން ކުރާ، އޮޅުވާލާ ބައެއް ކަމަށް ސަރުކާރުން ބުނުމުން އިދިކޮޅު ފަރާތްތައް ރަތަށް
ހައުސިން މިނިސްޓްރީން މިކަން ކޮށްފައިވަނީ ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލައިގެން ކަމަށް އިދިކޮޅު ފަރާތްތަކުން ބުނޭ
ގޭގެއަށް ޒިޔާރަތްކޮށް ޗެކްކުރިކަމަށް ހައުސިންގ މިނިސްޓްރީ ބުނި ނަމަވެސް އެކަން ނުކުރާކަމަށް އިދިކޮޅު ފަރާތްތަކުން ބުނޭ
ފްލެޓާގުޅޭ މައުލޫމާތު މެޑަމް ފާތުންގެ އޮފީހަށް ލިބިފައިވޭ، ފޯމްލީ މީހުންނަށް އެ އޮފީހުން ގުޅިކަމަށް އިދިކޮޅު ފަރާތްތަކުން ބުނޭ

ދިވެހި ރައްޔިތުންނަކީ ވައްކަން ކުރާ އަދި އޮޅުވާލާ ބައެއް ކަމަށް ސަރުކާރުގެ ހައުސިން  މިނިސްޓަރު ޑޮކްޓަރު މުހައްމަދު މުއިއްޒު  ވިދާޅުވެފައި ވާތީ އެކަން ވަރަށް ބޮޑަށް ކުށްވެރި ކުރާ ކަމަށާއި ވައްކަންކޮށް، ރައްޔިތުންނަށް އޮޅުވާލަމުން ދަނީ މިސަރުކާރުން ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނެފި އެވެ.

ސަރުކާރުގެ ގެދޮރުވެރި ކުރުވުމުގެ ޕްރޮގްރާމްގެ ދަށުން 661  ފަރާތަކަށް ފްލެޓް ލިބިފައިވާ  ކަމަށް ބުނެ ހައުސިންގ މިނިސްޓްރީން އާއްމު ކޮށްފައިވާ ލިސްޓްގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެ، ގުޅިފައިވާ ޕާޓީތަކުން މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިންގ މިނިސްޓަރު މުއިއްޒުއަށް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

މިނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ތަރުޖަމާނު އަހުމަދު މަހްލޫފް ވިދާޅުވީ ރައްޔިތުންގެ އެންމެ ބޮޑަށް ބޭނުންވެފައިވާ ބޯހިޔާވަހިކަމުގެ ދަށުން ބޯހިޔާވަހިކަށް ނުވަތަ ފްލެޓް ލިބޭ ފަރާތްތައް ކަނޑައަޅާއިރު ނުވަތަ ތަރުތީބު ކުރާއިރު ބޮޑެތި އޮޅުވާލުންތައް ސަރުކާރުން ގެންގުޅޭނަމަ އެކަންކަން ސާފު ކުރުމަށް ނޫސްވެރިން މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން ރައްޔިތުންގެ ހުރި ޝަކުވާތަކާއި ގުޅިގެން ނޫސްވެރިން ކުރާ ސުވާލުތަކަށް ހައުސިންގ މިނިސްޓަރު މުއިއްޒު ޖަވާބު ދެއްވުމުގެ ބަދަލުގައި ނޫސްވެރިން ނިކަމެތިވާ  ކަހަލަ ވާހަކަތައް ވިދާޅުވުމަކީ އެއްގޮަތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެކަން ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމަށް އިދިކޮޅު ފަރާތްތަކުން ބުންޏެވެ.

"މިކަމަކީ ސީދާ ވައްކަން ކޮށްގެން، މަކަރު ހަދައިގެން، އޮޅުވާލައިގެން ކުރާކަމެއް. މިކަމުގައި މެޑަމްގެ އޮފީސް އިސްކޮށް ބައިވެރިވެގެން މިނިސްޓަރު ސައީދު އިސްކޮށްހުރެގެން ކޮށްފައިވާ ކަމެއް. މިއަދު އެނގިއްޖެ މުއިއްޒު ވެސް ސީދާ ބައިވެރިވެގެން ކޮށްފައިވާ ކަމެއް. މެޑަމް އޮފީސް މިކަމުގައި އެންމެ އިސްކޮށްއޮތީ،" މަހްލޫފް ވިދާޅުވި އެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި މާލެ ސިޓީ ކައުންސިލްގެ ރައީސް ޝިފާ މުހައްމަދު ވިދާޅުވީ ފްލެޓަށް އެދޭ ފޯމް ހުށަހެޅުމުން، އެމިނިސްޓްރީގެ ބެލުންތަކުން ބެލުމަށް ފަހު މާކްސް ލިބިފައިވާ ގޮތް ފޯމް ހުށަހެޅި ފަރާތްތަކަށް ލިޔުމުން ދޫކޮށްފައިވާ ކަމަށެވެ. އަދި އޭގެ ފަހުން މިނިސްޓްރީން ފޯމް ހުށަހެޅި ހުރިހާ ފަރާތްތަކެއް  ދިރިއުޅޭ ގޭގެއަށް ޒިޔާރަތްކޮށް ދިރިއުޅުމުގެ ހާލަތު ބަލާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިނަމަވެސް އެކަން ކޮށްފައިނުވާކަމަށެވެ.

"މިއަދު މުއިއްޒު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަވެއްޖެ އަޅުގަނޑުމެންނާއި ރައްޔިތުން މިދައްކަމުންދާ ވާހަކަތަކުގައި ހަގީގަތްތަކެއްވާކަން. ވަރަށް ނިކަމެތި ހާލުގައި ދިރިއުޅޭ ރައްޔިތުން ކުށްވެރި ކުރާގޮތަށް މިނިސްޓަރުގެ ވާހަކަ ބައްޓަންކޮށްފައިވަނީ،" ޝިފާ ވިދާޅުވި އެވެ.

ރާއްޖޭގައި މިހާރު އިމާރާތް ކުރަމުންދާ ގިނަ ހައުސިންގ ޕްރޮޖެކްޓްތަކުގެ އެއްބަސްވުމުންތަކުގައި ސޮއި ކުރައްވާފައިވާ އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ހައުސިންގ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ  ފްލެޓްތައް އިމާރާތް ކޮށްފައި ވަނީ ނަގާފައިވާ ލޯނުން ކަމަށެވެ. އެ ލޯނު އަދާ ކުރަނީ ދިވެހި ރައްޔިތުން ދައްކާ ޓެކްސް ފައިސާއިން ކަމަށްވާތީ އެ ފްލެޓްތަކާއި ގުޅޭގޮތުން އޮޅުން ފިލުވަން ޖެހޭ ކަންކަން އޮޅުންފިލުވުމުގެ ހައްގު ކޮށްމެ ރައްޔިތަކަށް ވެސް ލިބިގެންވާ ކަމަށެވެ.

"ފުރަތަމަ ފޯމް ބަލައިގަނެފަ އެދޭ މާކްސް، ދެވަނަ ފަހަރަށް ތިންވަނަ ފަހަރަށް ހަތަރު ވަނަ ފަހަރަށް ޗެކް ކުރުން، ޗެކް ކުރަން ވެސް ޖެހޭނެ. ގޭގެއަށް ގޮސް ބަލަންވެސް ޖެހޭނެ، ވަރަށް ރަނގަޅަށް ވެރިފައި ކުރަންޖެހޭނެ، އެކަމުގައި އެއްވެސް މައްސަލައެއް ނެތް. އެކަމަކު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އޮފީހުގެ ނަމުގައި އޮޕަރޭޓް ކުރާތަނަކުން މީސްމީހުންނަށް ގުޅާފަ ފްލެޓާބެހޭ މައުލޫމާތު އެމީހުން ކައިރީގައި އެހުން އެއީ މައްސަލައެއް،" އަސްލަމް ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް