ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެންޑިޑެސީ ބާތިލްކުރަން، 2008 ވަނަ އަހަރު ހުށަހެޅި މައްސަލައަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ލަފާ ދެއްވި ކަމަށް، އެ މައްސަލަ ހުށަހެޅި މޫސާ އަންވަރު ބުނެފި އެވެ.
މޫސާ އަންވަރު ކުރި ޓްވީޓެއްގައި ބުނީ 2008 ގެ ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދުގެ ކެންޑިޑެސީ ބާތިލްކުރަން ސުޕްރީމް ކޯޓަށް އޭނާ ހުށަހެޅި މައްސަލައިގެ ޑްރާފްޓަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ލަފާ ދެއްވި ކަމަށެވެ.
ރިޔާސީ އިންތިހާބަށް ރައީސް ނަޝީދު ކުރިމަތިލައްވާފައި ވަނިކޮށް މޫސާ އަންވަރު ހުށަހެޅު މައްސަލައިގައި ބުނެފައި ވަނީ ރައީސް ނަޝީދަކީ ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ކ) ގައި ބަޔާންކުރާ ޝަރުތު ފުރިހަމަވާ ބޭފުޅެއް ނޫން ކަމަށާއި އެމަނިކުފާނަކީ އިސްލާމް ދީނުގައި ހައްދު ކަނޑައަޅާފައިވާ ކުށެއް ސާބިތުވެފައިވާ ބޭފުޅެއް ކަމަށެވެ.
އެ މައްސަލައިގައި ސުޕްރީމް ކޯޓުން ހުކުމް ކޮށްފައި ވަނީ ރައީސް ނަޝީދުގެ ކެންޑިޑެސީ ބާތިލްކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
މައްސަލައިގައި ހުކުމް ކުރެއްވި އިރު، އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވީ އަބްދުﷲ ސައީދެވެ. އަދި މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތުގައި ވެސް އިންނެވީ އެމަނިކުފާނެވެ.
މޫސާ އަންވަރުގެ މި ތުހުމަތުތަކާ ގުޅޭ ގޮތުން އުއްތަމަ ފަނޑިޔާރުގެ ބަހެއް ހޯދުމަށް ރާއްޖެއެމްވީން ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.