ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އިބްރާހީމް މުހައްމަދު ދީދީގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރެރިޒަމް ދައުވާގެ މައްސަލާގައި ހޯމަ ދުވަހަށް ތާވަލް ކުރި ޝަރީޢަތުގެ އަޑުއެހުން ކެންސަލް ކޮށްފިއެވެ.
ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރުކުރި މައްސަލާގައި ދީދީގެ މައްޗަށް ހިންގާ ޝަރީޢަތުގެ އަޑުއެހުމެއް ހޯމަ ދުވަހު ތާވަލް ކުރީ 2:00 އަށެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ދީދީ ވިދާޅުވީ ޝަރީޢަތުގެ އަޑުއެހުން ކެންސަލްކޮށްފައިވާ ކަމަށާއި ނަމަވެސް އަޑުއެހުން ކަންސަލް ކުރި ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލާގައި ދީދީގެ މައްޗަށް ކުރާ ޝަރީޢަތުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފައި ވަނީ ހޯމަ ދުވަހު މެންދުރު ފަހު 2:00 ގައެވެ.
މި މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައި ވަނީ ސެޕްޓެންބަރު މަހުގެ ހަ ވަނަ ދުވަހުއެވެ. އެ ދުވަހު ޝަރީޢަތުގެ އަޑުއެހުމުގައި ދީދީގެ ފަރާތުން އެދިވަޑައިގަތީ ޓެރެރިޒަމް ދައުވާގެ މައްސަލަ ކުރިއަށް ނުގެންދަން ޕްރޮސެކިޔުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމާފައިވާކަން ސާބިތު ކުރުމަށް ކުރީގެ ޕްރޮސެކިޔުޓާ ޖެނެރަލް މުހުތާޒް މުހުސިން އާއި ޕީޖީ އޮފީހުގެ ހަތަރު ވަކީލަކު ކޯޓަށް ހާޒިރު ކޮށްދިނުމަށެވެ.
ޝަރީޢަތުގެ މަޖިލީހުގައި ދީދީގެ ވަކީލް ވިދާޅުވީ ކުރީގެ ޕީޖީ މުހުތާޒްއާއި ޕީޖީ އޮފީހުގެ ހަތަރު ވަކީލަކު ކޯޓަށް ހާޒިރު ކޮށްދެއްވުމަށް އެދުނީ ޖެނެރަލް ދީދީގެ މައްޗަށް ކުރިން ކުރި ޓެރެރިޒަމްގެ ދައުވާ އަނބުރާ ގެންދިއުމަށް ފަހު ދައުވާ ނުކުރަން ނިންމާފައިވާކަން ސާބިތު ކޮށްދިނުމުގެ ގޮތުން ކަމަށެވެ.
މުހުތާޒުގެ އިތުރުން ޕީޖީ އޮފީހުގެ ވަކީލުން ކަމަށްވާ އަބްދުﷲ ރާބިއު އާއި އައިޝަތު ފަޒުނާ އަހުމަދު އާއި ނާފިޒާ އަލީގެ އިތުރުން އަހުމަދު ތައުފީގު ކޯޓުގެ އަޑުއެހުމަށް ހާޒިރުކޮށްދެއްވުމަށް ދީދީގެ ވަކީލް ވަނީ އެދިލައްވައިފައެވެ.