ވަކީލުން ސަސްޕެންޑް ކުރި މައްސަލައިގައި ލޯ އޭޝިއާއިން ރާއްޖެއަށް ފެކްޓް ފައިންޑިން މިޝަނެއް ފޮނުވަން ނިންމައިފި ކަމަށް މަޝްހޫރު ގާނޫނީ ވަކީލް ހުސްނުއްސުޢޫދު ވިދާޅުވެއްޖެއެވެ.
LAWASIA has passed a Resolution on Maldives. Concerned about lawyers. Lawasia also decides to send a fact finding mission to Maldives.
— Husnu Al Suood (@hsuood) September 18, 2017
ހުސްނުއްސުޢޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ލޯ އޭޝިއާއިން ރާއްޖޭގެ ވަކީލުންގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށް ބަޔާނެއް ނެރެފައިވާ ކަމަށާއި އަދި އެ ޖަމިއްޔާއިން ރާއްޖެއަށް ފެކްޓް ފައިންޑިން މިޝަންއެއް ފޮނުވަން ނިންމާފައިވާ ކަމަށެވެ.
ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ގޮވާލައި 56 ވަކީލަކު ސޮއިކުރައްވައި ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅުއްވަން ވަޑައިގަތީ އޯގަސްޓް 30، 2017 ވަނަ ދުވަހު އެވެ. ނަމަވެސް އެ ޕެޓިޝަން ބަލައި ނުގަނެ، ޕެޓިޝަންގައި ސޮއިކުރެއްވި ވަކީލުން ސެޕްޓެމްބަރު 10 ވަނަ ދުވަހު ސަަސްޕެންޑްކުރި އެވެ. މި ސަސްޕެންޝަން އައީ"ފާޓު ފުޅާ" ގާނޫނު އަސާސީއަކާއެކު ވަކީލުންގެ ޕެޓިޝަން އެޓާނީ ޖެނެރަލް އޮފީހަށް ސެޕްޓެމްބަރު 10 ވަނަ ދުވަހު ހުށަހެޅުއްވި ފަހުންނެވެ.
ސަސްޕެންޑްކުރި ވަކީލުންގެ ދިފާއުގައި ނުކުމެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ކުރީގެ އުއްތަމަ ފަނޑިޔާރުއަހުމަދު ފާއިޒާއި ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަޒްމަރަލްޑާ ޒާހިރާއި ، ގާނޫނު އަސާސީ އެކުލަވާލި މަޖިލީހުގެ ނައިބު ރައީސް ޝާހީން ހަމީދު ހިމެނިވަޑައިގަންނަވައެވެ. ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދާއި ކުރީގެ ޑެޕިއުޓީ އެޓަރނީޖެނެރަލް އަހުމަދު މުހައްމަދާއި މަޝްހޫރު ގާނޫނީ ވަކީލު މައުމޫނު ހަމީދާއި ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއިލާއި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވެސް ސަސްޕެންޑްކުރި ވަކީލުންގެ ދިފާއުގައި ސޮއި ކުރެއްވެވި އެވެ. މީގެ އިތުރުންވެސް ކުރީގެ ގާޒީންނާއި މެޖިސްޓްރޭޓުންނާއި ކޯޓުތަކުގައި ވަކާލާތު ކުރައްވާ ގިނަ ވަކީލުން މި ލިސްޓްގައި ހިމެނިވަޑައިގަންނަވައެވެ.
މި ޕެޓިޝަން ހުށަހެޅުމާއެކު 13 ވަކީލަކަށް ހޯމަ ދުވަހު ވަނީ ހުއްދަ ދީފަ އެވެ.