ސަސްޕެންޑްކުރި 56 ވަކީލުންގެ ދިފާއުގައި ކުރީގެ އުއްތަމަ ފަނޑިޔާރާއި ސީނިއާ ވަކީލުންތަކެއް ތެދުވުމާއެކު، 13 ވަކީލަކަށް އަލުން ހުއްދަ ދީފި އެވެ.
ވަކީލުން ސަސްޕެންޑްކުރި މައްސަލައިގައި ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒުއާއެކު ޖުމުލަ 35 ވަކީލަކު ސުޕްރީމް ކޯޓަށް އާދީއްތަ ދުވަހު ވަނީ ޕެޓިޝަނެއް ހުށަހަޅުއްވައިފަ އެވެ.
ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ހޯމަ ދުވަހު ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުގައި އަލުން ހުއްދަ ދިން ވަކީލުންނަކީ އަހްމަދު އަބްދުﷲ އާއި އަބްދުއްސަލާމް އާރިފާއި އަލީ ނަދީމާއި މާޖިދާ މަޖްދީ އާއި އަބްދު މާނިއު ހުސައިން އާއި އަބްދުﷲ ނަސީރު މުހައްމަދާއި އަހްމަދު ޝާން އާއި މުހައްމަދު ޝާހިދާއި މުހައްމަދު ފައްވާޒާއި އަނޫސާ މޫސާ އާއި ހަދީޖާ ނައީމާއި ޒިމްނާ އަބްދުލް މުހްސިން އަދި އިބްރާހިމް ޝިޔާމެވެ.
ޑީޖޭއޭގެ އިއުލާނުގައި ބުނެފައިވާ ގޮތުގައި ސެޕްޓެމްބަރު 18 ވަނަ ދުވަހުން ފެށިގެން މި ވަކީލުންނަށް އަލުން ހުއްދަ ދިނީ މައްސަލަ ބެލުމަށް ފަހު ކަމަށެވެ. ނަމަވެސް މިކަމުގެ ތަފްސީލެއް ހާމައެއް ނުކުރެ އެވެ.
ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ގޮވާލައި 56 ވަކީލަކު ސޮއިކުރައްވައި ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅުއްވަން ވަޑައިގަތީ އޯގަސްޓް 30، 2017 ވަނަ ދުވަހު އެވެ. ނަމަވެސް އެ ޕެޓިޝަން ބަލައި ނުގަނެ، ޕެޓިޝަންގައި ސޮއިކުރެއްވި ވަކީލުން ސެޕްޓެމްބަރު 10 ވަނަ ދުވަހު ސަަސްޕެންޑްކުރި އެވެ. މި ސަސްޕެންޝަން އައީ"ފާޓު ފުޅާ" ގާނޫނު އަސާސީއަކާއެކު ވަކީލުންގެ ޕެޓިޝަން އެޓާނީ ޖެނެރަލް އޮފީހަށް ސެޕްޓެމްބަރު 10 ވަނަ ދުވަހު ހުށަހެޅުއްވި ފަހުންނެވެ.
ސަސްޕެންޑްކުރި ވަކީލުންގެ ދިފާއުގައި ނުކުމެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ކުރީގެ އުއްތަމަ ފަނޑިޔާރުއަހުމަދު ފާއިޒާއި ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަޒްމަރަލްޑާ ޒާހިރާއި ، ގާނޫނު އަސާސީ އެކުލަވާލި މަޖިލީހުގެ ނައިބު ރައީސް ޝާހީން ހަމީދު ހިމެނިވަޑައިގަންނަވައެވެ. ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދާއި ކުރީގެ ޑެޕިއުޓީ އެޓަރނީޖެނެރަލް އަހުމަދު މުހައްމަދާއި މަޝްހޫރު ގާނޫނީ ވަކީލު މައުމޫނު ހަމީދާއި ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއިލާއި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވެސް ސަސްޕެންޑްކުރި ވަކީލުންގެ ދިފާއުގައި ސޮއި ކުރެއްވެވި އެވެ. މީގެ އިތުރުންވެސް ކުރީގެ ގާޒީންނާއި މެޖިސްޓްރޭޓުންނާއި ކޯޓުތަކުގައި ވަކާލާތު ކުރައްވާ ގިނަ ވަކީލުން މި ލިސްޓްގައި ހިމެނިވަޑައިގަންނަވައެވެ.
ވަކީލުން ސަސްޕެންޑްކުރުމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ސުޕްރީމް ކޯޓަށް ވަނީ އަމާޒުވެފަ އެވެ.