ކ. މާލެ
|
18 ސެޕްޓެންބަރ 2017 | ހޯމަ 08:37
ފަނޑިޔާރު ޝުޖާއު އުސްމާން، މާލެ ވަޑައިގެން މަސައްކަތް ކުރައްވަން ފެއްޓެވީ އާދިއްތަ ދުވަހު
ފަނޑިޔާރު ޝުޖާއު އުސްމާން، މާލެ ވަޑައިގެން މަސައްކަތް ކުރައްވަން ފެއްޓެވީ އާދިއްތަ ދުވަހު
ގޫގުލް
ފާރިސްގެ އިސްތިއުނާފް
ފާރިިސްގެ އިސްތިއުނާފް މައްސަލަ: ބެންޗުން ފަނޑިޔާރު ސަމީރު ބޭރުކޮށް، ރިޔާސަތަށް ފަނޑިޔާރު ޝުޖާއު އުސްމާން!
މައްސަލަައިގެ އަޑުއެހުމެއް މިއަދު 11:15 އަށް ވަނީ ތާވަލުކޮށްފަ
ބެންޗަށް ބަދަލު ގެނައީ ސުޕްރީމް ކޯޓުގެ އަމުރަކާ ޚިލާފަށް ކަމަށް
ފަނޑިޔާރު ޝުޖާއު މާލެއަށް ވަޑައިގެން މަސައްކަތް ކުރައްވަން ފެއްޓެވީ އާދިއްތަ ދުވަހު

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ ބަންދުކުރި މައްސަލައިގެ އިސްތިއުނާފް މައްސަލަ ބައްލަވަމުންދާ ބެންޗުގެ ރިޔާސަޔަށް ފަނޑިޔާރު ޝުޖާއު އުސްމާން ހަމަޖައްސަވައިފި އެވެ.

ފާރިސްގެ އިސްތިއުނާފް މައްސަލަ ކުރިން އޮތީ ހައިކޯޓުގެ ބީ8 ސެކްޝަންގައެވެ. އެހެން ނަމަވެސް، މައްސަލައިގެ އަޑުއެހުންތައް ނިމިފައި އޮންނަތާ މަހެއްހާ ދުވަސް ފަހުން ހޯމަ ދުވަހުގެ 11:15 އަށް މައްސަލަ ތާވަލުކުރި އިރު މައްސަލަ އޮތީ ބީ6 ސެކްޝަންގައެވެ.

ފާރިސްގެ މައްސަލަ ކުރިން ބައްލަވަމުން ގެންދެވީ، ހައިކޯޓުގެ އިސްފަނޑިޔާރު އަބްދުﷲ ދީދީއާއި، ފަނޑިޔާރު އަލީ ސަމީރުގެ އިތުރުން ފަނޑިޔާރު ޢަބްދުލް ރައޫފް އިބްރާހީމް އެވެ.

ފަނޑިޔާރު ސަމީރު ރިޔާސަތު ބެލެހެއްޓެވި ބެންޗަށް މިހާރު ވަނީ ބަދަލު ގެނެސްފަ އެވެ. ހައިކޯޓުގެ ތާވަލުގައިވާ ގޮތުން ބެންޗުން ފަނޑިޔާރު ސަމީރު ބޭރުކޮށް، ފަނޑިޔާރު ޝުޖާއު އުސްމާން ވަނީ ބެންޗުގެ ރިޔާސަތަށް ހަމަޖައްސަވާފަ އެވެ.

ފަނޑިޔާރު ޝުޖާއު އުސްމާން ފާރިސްގެ މައްސަލަ ބައްލަވާ ބެންޗަށް ހަމަޖައްސަވާފައިވާއިރު، އެމަނިކުފާނު ހުންނެވީ ހައިކޯޓު ދެކުނު ގޮފީގެ ފަނޑިޔާރަކަށެވެ.

ހައިކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރުން މާލެ ވަޑައިގެން ހައިކޯޓުގައި މަސައްކަތް ކުރެއްވުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރުގެ ދަށުން، ތިން ފަނޑިޔާރުން މާލެ ވަޑައިގެން މަސައްކަތް ކުރައްވަން ފެއްޓެވީ އާދިއްތަ ދުވަހު އެވެ. 

ފާރިސްގެ މައްސަލަ ބައްލަވަމުން ގެންދެވި ފަނޑިޔާރުންގެ ބެންޗު ބަދަލުކޮށްފައިވަނީ ސުޕްރީމް ކޯޓުގެ އަމުރާ ކަމަށް ޚިލާފަށް ކަމަށް ވިދާޅުވެ، އެކަން ހުއްޓުވައި ދިނުމަށް ފާރިސްގެ ވަކީލު މައުމޫން ހަމީދު ވަނީ ސުޕްރީމް ކޯޓުގައި އެދިވަޑައިގަންނަވާފަ އެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް އާދިއްތަ ދުވަހު ފޮނުއްވި ސިޓީއެއްގައި މައުމޫން ވިދާޅުވީ ބެންޗު އެކުލަވާލާފައި ވަނިކޮށް ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތި ބެންޗަށް ބަދަލު ނުގެނެވޭނެ ކަމަށް ސުޕްރީމް ކޯޓުގެ އަމުރަކުން 2012 ވަނަ އަހަރު ކަނޑައަޅާފައިވާ ކަމަށެވެ. އެހެންކަމުން ފާރިސްގެ މައްސަލަ ބަލާ ބެންޗަށް ބަދަލު ގެނެސްފައި ވަނީ އެ އަމުރާ ޚިލާފަށް ކަމަށް އެ ސިޓީގައިވެ އެވެ.

މައުމޫން ހަވާލާ ދެއްވާފައިވާ ސުޕްރީމް ކޯޓުގެ އަމުރަކީ ބޯޑާ ކޮންޓްރޯލް މައްސަލަ ހައި ކޯޓުން ބަލަމުން ގެންދަނިކޮށް އެ މައްސަލަ ބެލި ބެންޗަށް ބަދަލު ގެނައުމުން ސުޕްރީމް ކޯޓުން އެއިރު ނެރުނު އަމުރެކެވެ.

މައުމޫން އެދިވަޑައިގަންނަވާފައިވަނީ ބެލެނިވެރިކަމުގެ އިހްތިސާސްގެ ދަށުން، މަތީ ކޯޓުތަކުން ފިޔަވަޅު އެޅުމުގެ ގަވާއިދުގެ ދަށުން އެ މައްސަލާގައި ސުޕްރީމް ކޯޓުން ފިޔަވަޅު އަޅައި، ކުރިން މައްސަލަ ބެއްލެވި ބެންޗުން އެ މައްސަލައިގެ ހުކުމް އިއްވުމަށް އަމުރުކޮށް ދިނުމަށެވެ.

ސުޕްރީމް ކޯޓުގެ ނިންމުމަކާ ޚިލާފަށް ކުރިން އަމަލުކުރި ފަނޑިޔާރެއްގެ ޝަރުއިއްޔަތާއި ވިލާޔަތު ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މި އަހަރު ކުރީކޮޅު ނިންމިކަން ފާހަގަކޮށް މައުމޫން ވިދާޅުވެފައިވަނީ އެ ނިންމުން ނިންމާފައި ވަނީ ވެސް ބެލެނިވެރިކަމުގެ އިހްތިސާސްގެ ދަށުން ފިޔަވަޅު އަޅައިދިނުމަށް ބަންޑާރަ ނައިބުގެ ފަރާތުން ހުށަހެޅުމުން ކަމަށެވެ. އަދި އެ ފިޔަވަޅު އަޅާފައި ވަނީ އެ ހުށަހެޅުން ހުށަހެޅި ދުވަހު ކަމަށް އެ ސިޓީގައި މައުމޫން ވިދާޅުވެފައިވެ އެވެ.

ފާރިސްގެ މައްސަލާގައި ބެލެނިވެރިކަމުގެ އިހްތިސާސްގެ ދަށުން ފިޔަވަޅު އަޅައިދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅިތާ 20 ދުވަސް ވެފައިވާއިރު ވެސް އެކަމާ މެދު ގޮތެއް ނިންމާފައި ނުވާ ކަމަށާއި އެކަމުގައި އަވަހަށް ގޮތެެއް ނިންމަންޖެހޭނެ ކަމަށް އެ ސިޓީގައި މައުމޫން ވިދާޅުވެފައިވެ އެވެ.

ފާރިސްގެ އިސްތިއުނާފް މައްސަލައިގައި އެންމެ ފަހުން ހައިކޯޓުގައި އަޑުއެހުމެއް ބާއްވާފައި ވަނީ އޯގަސްޓް މަހުގެ 9 ވަނަ ދުވަހުއެވެ. އެ އަޑުއެހުން ނިންމާލާފައިވަނީ މައްސަލައިގައި އިތުރަށް ސާފުކުރާނެ ކަމެށް ނެތް ނަމަ ދެން ބާއްވާނީ ހުކުމް ކުރުމުގެ މަޖިލިސް ކަމަށް އިއުލާނުކުރެއްވުމަށް ފަހުއެވެ.

އޭގެ ފަހުން އެ މައްސަލަ ނިންމުމަށް އޯގަސްޓް 20 ވަނަ ދުވަހަށް ޝަރީއަތް ތާވަލުކުރިއެވެ. އެހެން ނަމަވެސް، ވަކި ސަބަބެއް ހާމަކުރުމެއް ނެތި އެ ދުވަހުގެ އަޑުއެހުން ކޯޓުން ކެންސަލް ކުރިއެވެ.

ހައިކޯޓުން ފާރިސްގެ ބަންދާ މެދު ގޮތެއް ނުނިންމައި މައްސަލަ ދިގުދަންމަމުންދާތީ ވަކީލުންނާއި، ފާރިސްގެ ބައްޕާފުޅު، ރައީސް މައުމޫން އަބްދުލްގައްޔޫމްވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް