ދިވެހި ޚާރިޖީ ސިޔާސަތު އޮތީ ނީލަމުގައިކަމަށާއި، އެންމެ ރަނގަޅު އެއްޗެއް ލިބޭ ފަރާތަކަށް ޚާރިޖީ ސިޔާސަތު ވިއްކާލަނީކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
އާދިއްތަ ދުވަހުގެރޭ ރާއްޖެޓީވީގެ ފަލަސުރުޚީގައި، ނަސްލު ނައްތާލުމާއި ގަތުލު އާންމު ހުއްޓުވުމަށް އދ. ގައި ނެގި ވޯޓަށް ރާއްޖެއިން ހާޒިރުވެފައި ނުވާތީ އެކަމާއި ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން އަލީ ނިޒާރު ވިދާޅުވީ މިކަމުން ރާއްޖެއިން ރެކިގަނެ ހިންގި އަމަލުން ދޭހަވަނީ ޚާރިޖީ ސިޔާސަތު ނީލަމުގައި ގަންނާނެބާ ކިޔަމުން، ވިއްކާލަމުންދާކަން ކަމަށެވެ.
ރާއްޖޭގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބޮޑެތި ގައުމުތަކުން ވަދެފާނެކަމަށް ބުނެ ރެކިގަންނަން މަސައްކަތް ކުރާއިރު، ފެނިގެންދަނީ ރާއްޖެއާ ގުޅުން ބަދަހިކުރާ ބައެއް ބޮޑެތި ގައުމުތަކުން ބޭނުންވާގޮތަށް ކަންކަން ކުރަމުންދާ މަންޒަރު ކަމަށް ނިޒާރު ވިދާޅުވި އެވެ.
ރޮހިންޖާގެ މުސްލިމުންނަށް ދިމާވެފައިވާ ހާލަތާމެދު ރާއްޖޭގެ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތްއިރު، ދިވެހި ސަރުކާރުގެ އަމަލުތައް ހުރީ ދިމާ އިދިކޮޅަށްކަމަށް އޭނާ ވިދާޅުވިއެވެ.
މިޔަންމާއާއެކު ވިޔަފާރީގެ ގުޅުން ކަނޑާލިއިރު، ފާއިތުވެގެންދިޔަ ތިން ހަތަރު އަހަރު ވެސް ރާއްޖެއާއި މިޔަންމާއާ ދެމެދު ވިޔަފާރީގެ މުއާމަލާތެއް ހިނގާފައިވާކަމަށް ނުބެލެވޭކަމަށް އަލީ ނިޒާރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ކަނޑާލަންވީ ހަމައެކަނި ވިޔަފާރީގެ ގުޅުންނޫންކަމަށާއި އެގައުމާއެކު އޮތް ގުޅުން އެއްކޮށްވެސް ކަނޑާލަން ޖެހޭކަމަށެވެ.
އދ. ގައި ނެނގި ވޯޓްގައި ބައިވެރި ނުވުމުން ސަރުކާރުގެ ސިޔާސަތު އޮއްގޮތް ވަރަށް ސާފުވެއްޖެކަމަށާއި، 113 ގައުމަކުން އދ. ޖެނެރަލް އެސެމްބްލީގައި މި މައްސަލަ އެޖެންޑާކުރުމަށް ނެގި ވޯޓްގައި ރާއްޖެއިން އެއްބާރުލުން ނުދިނުމަކީ ރާއްޖެއާ ގުޅުން ބަދަހިކުރާ ގައުމުތަކުގެ ނުފޫޒް ރާއްޖެއަށް އޮތް މިންވަރު ހާމަވިކަމެއްކަމަށް އަލީ ނިޒާރު ވިދާޅުވިއެވެ.
"ދީނީގޮތުން ނުވަތަ ދީން ކުރިއެރުވުމަށް ރައްޔިތުންނަށް ކަންކަން ކޮށްދޭ ސަރުކާރެއް ނޫންމީ. މާ މަކަރުވެރި އެހެން ކަންތައްތަކެއް މިކަމުގެ އަޑީގައިވޭ" އޭނާ ވިދާޅުވިއެވެ.
އަލީ ނިޒާރު ވިދާޅުވީ ރައީސް ޔާމީންގެ ޒައާމަތުގައި މި ގައުމުގައި އޮތް ޒަމާންވީ ވަރުގަދަ ޚާރިޖީ ސިޔާސަތު ވަރަށް ބޮޑަށް ވެއްޓިފައިވާކަމަށެވެ.