ކ. މާލެ
|
18 ސެޕްޓެންބަރ 2017 | ހޯމަ 06:21
ރާއްޖެއިން ލަންކާއަށް ކަނޑައެޅުއްވި އާ ސަފީރު މުޙައްމަދު ހުސައިން ޝަރީފް
ރާއްޖެއިން ލަންކާއަށް ކަނޑައެޅުއްވި އާ ސަފީރު މުޙައްމަދު ހުސައިން ޝަރީފް
ވީނިއުސް
ރޮހިންޖާ
ރޮހިންޖާގެ ހައްޤުގައި މާދަމާވެސް ވޯޓެއް ނަގައިފިއްޔާ ބައިވެރިވާނަން:މުންދު
މުންދު ވިދާޅުވީ އދ. ގައި ނެގި ވޯޓާއި ރޮހިންޖާއާއި ގުޅުމެއް ނެތްކަމަށް
ނަމަވެސް އިދިކޮޅު ފަރާތްތަކާއި ހާރިޖީ ސިޔާސަތުގެ ތަޖުރިބާކާރުން ވިދާޅުވަނީ އާރުޓޫޕީ ވޯޓާއި މިޔަންމާއާ ގުޅުން އޮތް ކަމަށް

މިދިޔަ ހުކުރު ދުވަހު އދ.ގައި ނެގި ވޯޓަކީ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ނެގި ވޯޓެއް ނޫން ކަމަށާއި މާދަމާވެސް ރޮހިންޔާ މުސްލިމުންގެ ޙިމާޔަތުގައި އދ.ގައި ވޯޓެއް ނަގާނަމަ ރާއްޖެއިން އެ ވޯޓެއްގައި ބައިވެރިވާނެ ކަމަށް ރާއްޖެއިން ލަންކާއަށް ކަނޑައެޅުއްވި އާ ސަފީރު މުޙައްމަދު ހުސައިން ޝަރީފް، ވިދާޅުވެއްޖެއެވެ.

 

އާދިއްތަ ދުވަހުގެރޭ ޕީއެސްއެމުން ގެނެސްދިން ޕްރޮގްރަމެއްގައި ވާހަކަދައްކަވަމުން މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ މުސްލިމުންނަށް ދިމާވާ ކޮންމެ ހިތްދަތި ކަމެއްގައިވެސް އެންމެ ފުރަތަމަ އަޑު އުފުލާނެ ބަޔަކަށް ދިވެހިރާއްޖެ ވާނެކަމަށެވެ. ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަނިޔާވެރި ޖަރީމާތަކާދެކޮޅަށް އެންމެ ފާޅުކަން ބޮޑު ގޮތެއްގައިވެސް މިހާތަނަށް ފިޔަވަޅު އަޅާފައި ވަނީ ރާއްޖެއިންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

 

މުންދު މިހެން ވިދާޅުވެފައިވާއިރު، ރޮހިންޖާ މުސްލިމް ދަރިފަސްކޮޅާ ދެކޮޅަށް މިޔަންމާ ސަރުކާރުން ހިންގާ ލާއިންސާނީ އަމަލުތަކާ ގުޅިގެން ގިނަ ގައުމުތަކުން ކަންބޮޑުވުން ފާޅުކުރަމުންގެންދާ މި ދަނޑިވަޅުގައި، އދ. ގެ 72 ވަނަ ސެޝަންގެ ރަސްމީ އެޖެންޑާގައި "ގަތުލު އާންމާއި، ހަނގުރާމައިގެ ކުށްތަކާއި، ނަސްލު ނައްތާލުމާއި، އަދި އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ކުށްތައް ހުއްޓުވުމާއި ރައްކާތެރިކުރުމުގައި ޒިންމާއަދާކުރުން" ގެ ނަމުގައި ސަޕްލިމެންޓްރީ އައިޓަމެއް ހިމެނުމަށް ހުކުރު ދުވަހު ވޯޓް ނެގި އިރު ޗެމްބަރުގައި ރާއްޖެއިން ހާޒިރުވެފައެއް ނުވެއެވެ. އެކަމުގެ ސަބަބުން ސަރުކާރަށް އިދިކޮޅު ފަރާތްތަކުގެ ފާޑުކިއުން އިންތިހާއަށް ވަނީ ކުރިމަތިވެފައެވެ.

 

އެހެންނަމަވެސް އދ. ގެ އާއްމު މަޖިލީހުގެ 72 ވަނަ ސެޝަންގައި ބަހުސް ކުރުމަށް ސަޕްލިމެންޓްރީ އައިޓަމެއްގެ ގޮތުގައި އާރްޓޫޕީ ހިމަނަން ފެނޭތޯ ނެގި ވޯޓަކީ ރޮހިންޖާ ނުވަތަ މިޔަންމާއާ ގުޅުންހުރި ވޯޓެއް ނޫންކަމަށް ފޮރިން މިނިސްޓްރީންވަނީ ބުނެފައެވެ.

މިހެން ފޮރިން މިނިސްޓްރީން ބުނެފައިވަނީ ރައްޔިތުންނަށް އޮޅުވާލުމަށް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް