ކ. މާލެ
|
17 ސެޕްޓެންބަރ 2017 | އާދީއްތަ 22:42
ަވަކީލުންތަކެއް
ަވަކީލުންތަކެއް
މުހައްމަދު ޝަރުހާން
ވަކީލުންގެ މައްސަަލަތައް
ސަސްޕެންޑް ކުރި ވަކީލުންގެ ދިފާއުގައި ކުރީގެ އުއްތަމަ ފަނޑިޔާރާއެކު އިތުރު 35 ވަކީލަކު ނުކުމެވަަޑައިގެންފި
މި ޕެޓިޝަން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފަ
56 ވަކީލުން ސަސްޕެންޑްކޮށްފައިވަނީ ސެޕްޓެމްބަރު 10 ވަނަ ދުވަހު
އިތުރު ވަކީލުންތަކެއް ޕެޓިޝަނެއް ހުށަހެޅީ ކުރިން ސަސްޕެންޑްކުރި ވަކީލުންނަށް އަލުން ވަކާލާތު ކުރުމުގެ ހުއްދަ ދިނުމަށް އެދި

ޝަރުއީ ދާއިރާގައި ހުރި ގިނަ މައްސަލަތައް ފާހަގަކޮށް އެކަންތައްތައް އިސްލާހު ކުރުމަށް ގޮވާލުމުން ސަސްޕެންޑް ކުރި 56 ވަކީލުންގެ ދިފާއުގައި ކުރީގެ އުއްތަމަ ފަނޑިޔު އަހްމަދު ފާއިޒާއެކު ޖުމުލަ 35 ވަކީލަކު ޕެޓިޝަނެއް ސްޕްރީމް ކޯޓަށް ހުށަހަޅުއްވައިފި އެވެ. 

ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ގޮވާލައި 56 ވަކީލަކު ސޮއިކުރައްވައި ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅަން ވަޑައިގަތީ އޯގަސްޓް 30 ވަނަ ދުވަހު އެވެ. ނަމަވެސް އެ ޕެޓިޝަން ބަލައި ނުގަނެ، ޕެޓިޝަންގައި ސޮއިކުރެއްވި ވަކީލުން ސެޕްޓެމްބަރު 10 ވަނަ ދުވަހު ސަަސްޕެންޑްކުރި އެވެ. މި ސަސްޕެންޝަން އައީ"ފާޓު ފުޅާ" ގާނޫނު އަސާސީއަކާއެކު  ވަކީލުންގެ  ޕެޓިޝަން އެޓާނީ ޖެނެރަލް އޮފީހަށް ސެޕްޓެމްބަރު 10 ވަނަ ދުވަހު ހުށަހެޅުއްވި ފަހުންނެވެ. 

ސަސްޕެންޑްކުރި ވަކީލުންގެ ދިފާއުގައި ނުކުމެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި  ކުރީގެ އުއްތަމަ ފަނޑިޔާރުއަހުމަދު ފާއިޒާއި ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަޒްމަރަލްޑާ ޒާހިރާއި ، ގާނޫނު އަސާސީ އެކުލަވާލި މަޖިލީހުގެ ނައިބު ރައީސް ޝާހީން ހަމީދު ހިމެނިވަޑައިގަންނަވައެވެ. ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދާއި ކުރީގެ ޑެޕިއުޓީ އެޓަރނީޖެނެރަލް އަހުމަދު މުހައްމަދާއި މަޝްހޫރު ގާނޫނީ ވަކީލު މައުމޫނު ހަމީދާއި ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއިލާއި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު  އަނާރާ ނައީމް ވެސް ސަސްޕެންޑްކުރި ވަކީލުންގެ ދިފާއުގައި ސޮއި ކުރެއްވެވި އެވެ. މީގެ އިތުރުންވެސް ކުރީގެ ގާޒީންނާއި މެޖިސްޓްރޭޓުންނާއި ކޯޓުތަކުގައި ވަކާލާތު ކުރައްވާ ގިނަ ވަކީލުން މި ލިސްޓްގައި ހިމެނިވަޑައިގަންނަވައެވެ. 

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް އެޑްރެސް ކުރައްވާ ފޮނުއްވި ޕެޝިޓަންގައި ބުނެފައި ވަނީ ޝަރުއީ އަދި ގާނޫނީ އުސޫލަކީ އެއްވެސް ފަރާތަކާމެދު ތުހުމަތުކުރެވޭ މައްސަލައެއްވާނަ އެ މައްސަލައެއް ތަހުގީގު ކުރެވިގެން މެނުވީ އެއްވެސް ފަރާތަކާމެދު ފިޔަވަޅު ނޭޅުން ކަމަށެވެ. ސަބަބަކީ މައްސަލައެއްގައި ތުހުމަތުކުރެވޭ ފަރާތަކާމެދު ފިޔަވަޅެއް  އަޅަންޖެހޭ ނުވަތަ ނޫންކަން ދެނެގަނެވޭނީ އެ މައްސަލައަކާއި ގުޅިގެން ކުރެވޭ ތަހުގީގަކުން ކަމުގައިވާތީ މިމަހުގެ 10 ވަނަ ދުވަހު ސަސްޕެންޑް ކުރި ވަކީލުންގެ ވަކާލާތު ކުރުމުގެ ހުއްދަ އެ މައްސަލަ ބަލާނިމެންދެން ދޫކޮށްދެއްވުމަށް އެދިވަޑައިގެންފައިވެ އެވެ. އެގޮތުން 56 ވަކީލުން ތަމްސީލު ކުރާ އެފަރާތްތަކުގެ މުވައްކިލުންގެ މަސްލަހަތުގައިވެސް މިއީ ވަރަށް މުހިއްމު ކަމެއް ކަމަށް 35 ވަކީލުންގެ ޕެޓިޝަންގައި  ފާހަގަ ކުރައްވައިވެ އެވެ. ސަސްޕެންޑްކޮށްފައިވާ ވަކީލުން 500 އަށް ވުރެ ގިނަ މައްސަލައިގައި ދިޔައީ ވަކާލާތުކަން ކުރައްވަމުންނެވެ. 

ވަކީލުން ސަސްޕެންޑްކުރީ ޖަމާޢަތް ހަދައިގެން ޣައިރު ޤާނޫނީ ގޮތެއްގައި ސުޕްރީމް ކޯޓު ދޮށަށް އެއްވެ، ޢަދުލު އިންޞާފުގެ ބާރުގެ މަސައްކަތާ ބެހި، ނުފޫޒު ފޯރުވަން މަސައްކަތްކޮށް ކޯޓުތަކުގެ އިޚްތިޞާޞްތަކާއި ކޯޓުތަކުގެ އިޖުރާއަތުތަކާއި، ކޯޓުތަކުން ނިންމާ ނިންމުންތަކާ ޚިލާފު ޣައިރު ޤާނޫނީ ލިޔުމެއް ލިޔެ، އެ ލިޔުމުގައި ސޮއިކޮށް، ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރަށް ދަތިކޮށް، ކޯޓުތަކުގެ ޙުރުމަތް ކެނޑި މައްސަލަ ބަލައި ތަޙްޤީޤު ކުރަމުންދާ ކަމަށް ބުނެ އެވެ.

ވަކީލުން ބުނަމުން ދަނީ ސަސްޕެންޑް ކުރިޔަސް ޝަރުއީ ދާއިރާގައި ހުރި މައްސަލަތައް ހައްލު ކުރުމަށް ފަށާފައިވާ މަސައްކަތް ހުއްޓާ ނުލައްވާނެ ކަމަށެވެ.

ސަސްޕެންޑު ކުރީ ބިރު ދައްކަން ކަމަށާއި ފަހަތަށް ނުޖެހޭނެ ކަމަށް އެ ވަކީލުން ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް