ކ. މާލެ
|
17 ސެޕްޓެންބަރ 2017 | އާދީއްތަ 18:50
އަދާލަތު ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން:--
އަދާލަތު ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން:--
އަބުދުﷲ ނަސީރު އިބްރާހިމް
އަދާލަތު ޕާޓީ
ރާއްޖެ ލޭބަލް ވެގެން ގޮސްފައިވަނީ މުސްލިމުން ހިމާޔަތްކުރުމަށް ތާއީދު ނުކުރާ ގައުމެއްގެ ގޮތުގައި: އަދާލަތު
ރާއްޖެއާ މެދު ދެކެމުންދާ ރީތި ނަން ވަރަށް ބޮޑަށް ކިނލަނބުވަމުންދޭ
މިޔަންމާގައި ހިންގަމުންދާ ޖަރީމާތަކާ ދެކޮޅަށް ރާއްޖޭގައި ބޮޑު ހިނގާލުމެއް ބޭއްވުމަށް ގޮވާލެއްވި
އދ.ގައި ނެގުނު ވޯޓުގައި ބައިވެރިވުމަށް ރާއްޖެއިން ނުދިއުމަކީ ދިވެހި އެކަމާ ވަރަށް ބޮޑަށް ހިތާމަކުރާ ކަމެއް

މިޔަންމާ ސަރުކާރުން ރޯހިންޖާ ނަސްލު ނައްތާލުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ނަސްލު ނައްތާލުމާއި ގަތުލު އާންމުތައް ހުއްޓުވުން އދ. ގެ ރަސްމީ އެޖެންޑާގައި ހިމެނުމަށް ނެގި ވޯޓަށް ރާއްޖެއިން ހާޒިރުވެފައިނުވުމުން އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

 

އަދާލަތު ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ އިލްމްވެރިންގެ މަޖިލީހުގެ މެމްބަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ ވިދާޅުވީ އދ.ގެ އެ ވޯޓުގައި މުސްލިމް ބޮޑެތި ގައުމުތަކުން ބައިވެރިވެފައިވާއިރު ރާއްޖެ ހިމެނުނީ އެ ވޯޓުގައި ބައިވެރިނުވާ ހުދުމުހްތާރު ގޮތްތައް ގެންގުޅޭ ގައުމުތަކުގެ ތެރޭގައި ކަމަށެވެ. އަދި އެ ވޯޓުގައި ބައިވެރިނުވީ ރާއްޖޭގައި ވެސް ހިނގާ ލާއިންސާނީ އަދި ގާނޫނާ ހިލާފު އަމަލުތަކުގެ ތެރެއަށް އެހެން ގައުމުތަކުން ވަނުމަށް ނޭދޭތީ ކަމަށް ޑރ. މަޖީދު ވިދާޅުވި އެވެ.

 

" ކޮންމެ ނިޔަތެއްގައި ކޮންމެ ގޮތެއްގައި އެ ވޯޓުގައި ބައިވެރިނުވީ ކަމުގައިވީ ނަމަވެސް މިއަދު ދިވެހި ސަރުކާރު ލޭބަލް ކުރެވިފައި މި ވަނީ ބައިނަލް އަގުވާމީ މުޖުތަމައުގައި މައިނޯރިޓީ މުސްލިމުން ހިމާޔަތްކުރުމަށް ކުރާ މަސައްކަތަށް ސަޕޯޓް ނުކުރާ ނުވަތަ ތާއިދު ނުކުރާ ދައުލަތެއްގެ ގޮތުގައި،" ޑރ. މަޖީދު ވިދާޅުވި އެވެ.

 

އަދި މީގެ ކުރިން ރާއްޖެއާ މެދު ދެކެމުންދާ ރީތި ނަން ވަރަށް ބޮޑަށް ކިނލަނބުވަމުންދާ ކަމަށް ވެސް މަޖީދު ފާހަގަ ކުރެއްވި އެވެ. އެގޮތުން ކޮމަންވެލްތުން ރާއްޖެއިން ވަކިވެފައިވަނީ ވެސް ބައިނަލް އަގުވާމީ އުސޫލުތަކާ ހިލާފަށް ކުރަމުންދާ ކަންކަން އެޖެންޑާ ކުރަމުންދާތި ކަމަށާއި ހުދުމުހްތާރު ވެރިން އެހެން ބައެއްގެ ފާޑު ކިއުން ބޭނުން ނުވާނެ ކަމަށްވެސް ޑރ. މަޖީދު ވިދާޅުވި އެވެ.

 

" ބޭރުގެ ފަރާތްތަކުން އައިސް، ދިވެހި ރާއްޖޭގައި މި ހިންގާ ގާނޫނާ ހިލާފު ކަންތައް ތަކާއި ބައިނަލް އަގުވާމީ މިންގަނޑުތަކާއި ބައިނަލް އަގުވާމީ މުއާހަދާތަކާއި ހިލާފަށް ކުރާ ކަންތައްތަށް ބަލަން ފަށާފާނެ ތީވެ، އެކަމަށް މަގުފަހިކޮށް ނުދިނުމަށް މި ކަހަލަ ވޯޓުތަކުގައި ބައިވެރިނުވަނީ. މިއީ އަޅުގަނޑުމެނަށް ފެންނަން އޮތް ގޮތަކީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތަކީ"  ޑރ މަޖީދު ވިދާޅުވި އެވެ.

 

މީގެ އިތުރުން ޑރ. މަޖީދު ވަނީ އިސްލާމީ ތާރީހުގައި މުސްލިމުންގެ އެއްބައިވަންތަކަން ފެނިގެން ގޮސްފައިވާ ގޮތުގެ މައްޗަށްވެސް އަލި އަޅުއްވާލައްވާފަ އެވެ.

 

އޭގެ އިތުރުން މިޔަންމާގައި ހިންގަމުންދާ ޖަރީމާތަކާ ދެކޮޅަށް ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާ ޖަމާއަތްތަކާއި ހުރިހާ މުވައްސަސާތަކުން ނިކުމެ މާލޭގައި ބޮޑު އެއްވުމެއް ބޭއްވުމަށް އަދާލަތު ޕާޓީން ވަނީ ގޮވާލާފަ އެވެ.

 

 މި ބައްދަލުވުގައި ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވެސް ވިދާޅުވީ އދ.ގައި ނެގުނު ވޯޓުގައި ބައިވެރިވުމަށް ރާއްޖެއިން ނުދިއުމަކީ ދިވެހި އެކަމާ ވަރަށް ބޮޑަށް ހިތާމަކުރާ ކަމެއް ކަމަށެވެ.

 

"އެ ވޯޓުގައި ބައިވެރިވެ، ނަސްލު ނައްތާލުމާއި ހަނގުރާމަ ތަކާއި ދެކޮޅަށް ވޯޓު ދެއްވުން އެއީ ދިވެހިން އެދިގެން ތިބިގޮތް. މި ބައްދަލުވުމުގައި ފާހަގަކޮށްލަން ބޭނުންވޭ ދުނިޔޭގައި އެންމެ ބޮޑަށް ނިކަމެތިކޮށް ، އެންމެ ބޮޑެތި ލާ އިންސާނީ އަމަލުތައް ހިންގަމުންދަނީ މުސްލިމުންނާމެދު،" އަނާރާ ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް