ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ރަޝީދަށް ސެކިއުރިޓީ ފޯރުކޮށްދިނުން ހުއްޓާލައިފި އެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގާޒީ އަހުމަދު ރަޝީދަށް ސެކިއުރިޓީ ފޯރުކޮށްދިނުން ހުއްޓާލާފައި ވަނީ މިދިޔަ ހަފްތާގަ އެވެ.
ގާޒީ އަހުމަދު ރަޝީދުގެ ސެކިއުރިޓީ ކަނޑާލާފައި މިވަނީ، ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ ސަސްޕެންޑް ކޮށްފައިވަނިކޮށެވެ. ގާޒީ އަހުމަދު ރަޝީދު ސަސްޕެންޑްކުރީ އޯގަސްޓް 23 ވަނަ ދުވަހު އެވެ.
ގާޒީ އަހުމަދު ރަޝީދު ސަސްޕެންޑު ކުރުމާ ގުޅޭ ގޮތުން ޖޭއެސްސީ އިން ބުނެފައި ވަނީ ކޮމިޝަނުން ބަލަމުންދާ ޝަކުވާއަކާ ގުޅިގެން ކޮމިޓީގެ ތަހުގީގަށް ގާޒީ އަހުމަދު ރަޝީދު އޯގަސްޓް 23 ގައި ހާޒިރުވެ ޝަކުވާއާ ގުޅޭ ގޮތުން ދީފައިވާ ބަޔާނާއި، އެ ޝަކުވާއާ ގުޅިގެން ހުށަހެޅިފައިވާ ހެކިންނަކީ ކްރިމިނަލް ކޯޓުގެ ބައެއް ގާޒީންނާއި ބައެއް މުވައްޒަފުން ކަމަށް ވުމުން، ގާޒީ އަހުމަދު ރަޝީދު ކޯޓަށް ނުކުމެ މަސައްކަތް ކުރެވޭ ގޮތަށް އޮވެއްޖެ ނަމަ، ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ބޮޑުކަމަން ކޮމިޓީއަށް ގަބޫލުކުރެވިފައިވާ ކަމަށެވެ.
ގާޒީ އަހުމަދު ރަޝީދު ކްރިމިނަލް ކޯޓުގެ މަސައްކަތަށް ނުކުމެ އުޅުމަކީ ކޮމިޓީން ކުރަމުންދާ ތަޙްޤީޤަށް ހުރަސްތަކެއް އެޅިދާނެ ކަމެއް ކަމަށް ބެލެވޭ ކަމަށާއި އެހެންކަމުން ފަނޑިޔާރުންގެ ގާނޫނުގެ 38 ވަނަ މާއްދާގެ (ރ) ގެ ދަށުން ޝަކުވާގެ ތަހުގީގު ފުރިހަމަކޮށް، އެ ކަމުގެ ރިޕޯޓު ކޮމިޝަނަށް ހުށަހަޅާ، ގާނޫނުގައިވާ ގޮތުގެމަތީން ލިބެންޖެހޭ ފުރުސަތުތަކަށްފަހު، ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން ގާޒީ އަހުމަދު ރަޝީދު ސަސްޕެންޑް ކުރާ ކަމަށް އެ ކޮމިޝަނުން ބުނެފައި ވެއެވެ.
ގާޒީ އަހުމަދު ރަޝީދުގެ ސެކިއުރިޓީ ކަނޑާލާފައިވާއިރު، ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފަށް ފޯރުކޮށްދެމުން ދިޔަ ސެކިއުރިޓީ ވެސް ވަނީ ކަނޑާލާފަ އެވެ.
މިކަމާ ގުޅޭ ގޮތުން ފުލުހުން ބުނީ ވީއައިޕީންނަށް ދެމުން އަންނަ ސެކިއުރިޓީއާ ގުޅޭ މައުލޫމާތު މީޑިއާއަށް ހާމަނުކުރާ ކަމަށެވެ.