ކ. މާލެ
|
17 ސެޕްޓެންބަރ 2017 | އާދީއްތަ 09:50
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ
ރާއްޖެ އެމްވީ
ނޫސްވެރިޔާ ރިލްވާން
ރިލްވާން ވަގަށް ނެގި މައްސަލައާ ގުޅިގެން ތިން މީހެއްގެ މައްޗަށް ޓެރަރިޒަމުގެ ދައުވާ އުފުލައިފި
ތިން މީހުން ބައިވެރިވެގެން ރިލްވާން ގަދަކަމުން ފޮރުވާފައިވާ ކަމަށް ބުނެ
މި މައްސަލައާ ގުޅިގެން ކުރިން ހައްޔަރުކުރި މީހުންތަކެއް
މީގެ ތެރޭގައި ސީރިއާގައި މަރުވި ކަމަށް ބުނާ މީހަކު ވެސް ހިމެނޭ

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ވަގަށް ނެގި މައްސަަލައާ ގުޅިގެން ތިން މީހެއްގެ މައްޗަށް ޓެރަރިޒަމުގެ ދައުވާ އުފުލައިފި އެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ ރިލްވާން ވަގަށް ނެގި މައްސަލައާ ގުޅިގެން ދައުވާ ކޮށްފައި ވަނީ ހ. ހިލްޓަން، އަހުމަދު އާލިފް ރައޫފާއި، ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ އިތުރުން ސ. ހުޅުދޫ، އަތިޔާގޭ މުހައްމަދު ސުއައިދުގެ މައްޗަށް ކަމަށެވެ.

ތިން މީހުންގެ މައްޗަށް ދައުވާކޮށް މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ މިދިޔަ އޯގަސްޓް މަހުގެ 15 ވަނަ ދުވަހު އެވެ. ދައުވާގައި ބުނަނީ އެ ތިން ބައިވެރިވެގެން ރިލްވާން ގަދަކަމުން ފޮރުވާފައިވާ ކަމަށެވެ.

އެ މީހުންގެ މައްޗަށް ދައުވާ ކޮށްފައި ވަނީ ކުރީގެ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުންނެވެ. އެގޮތުން ދައުވާ ކޮށްފައިވަނީ އެ ގާނޫނުގެ ދެވަނަ މާއްދާގެ (ށ)އާ ހަވާލާދީ އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ.

ގާނޫނުގެ ދެ ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ މީހަކު ނުވަތަ މީހުން ކިޑްނެޕް ކުރުމާއި، ނުވަތަ ގަދަކަމުން ފޮރުވުމާއި ނުވަތަ ރަހީނުންގެ ގޮތުގައި ހިފަހެއްޓުމާއި، ނުވަތަ މީގެން ކަމެއް ކުރަން އުޅުމަކީ ކުށެއް ކަމަށެވެ. 

ގާނޫނުގެ ހަ ވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ މީހެއްގެ ފުރާނައަށް ގެއްލުމެއް ނުލިބޭ ޓެރަރިޒަމުގެ ކުށެއް ކުރި މީހެއްގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވާލުން ކަމަށެވެ. އަދި މިފަދަ ކުށެއް ކުރުމުގައި ނުވަތަ ރޭވުމުގައި ބައިވެރިވި މީހާގެ އަދަބަކީ ވެސް އެއީ ކަމަށާއި މިފަދަ ކުށަކަށް އެހީވެދިން މީހާ އާއި، މިފަދަ ކުށެއްގެ މައުލޫމާތު ސިއްރުކުރި މީހާގެ އަދަބަކީ ތިން އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ އަރުވާލުން ކަމަށެވެ.

ދައުވާ ކޮށްފައިވާ ތިން މީހުންގެ ތެރެއިން އާލިފް ރައޫފާއި މުހައްމަދު ނޫރައްދީނަކީ މި މައްސަލައާ ގުޅިގެން 2016 ވަނަ އަހަރު ހައްޔަރުކުރި ދެ މީހުންނެވެ. އެ މީހުން ދޫކޮށްލާފައި ވަނީ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުންނެވެ.

ރިލްވާނު ވަގަށް ނަގާފައި ވަނީ އޮގަސްޓް، 8، 2014 ވަނަ ދުވަހުގެ ރޭ އެވެ. ރިލްވާން ވަގަށް ނެގިތާ ތިން އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.

ފުލުހުން ބުނީ ރިލްވާން ގެއްލުނު ރޭ، ހުޅުމާލޭގައި އޮތް ރަތް ކުލައިގެ ކާރަކަށް މީހަކު ގަދަކަމުން އަރުވާ ކަމަށް ބުނެ އަދި މީހަކު ހަޅޭލަވާ ކަމަށް ބުނެ ބަޔަކު ރިޕޯޓްކުރި ކަމަށާއި ފުލުހުން އެ ސަރަހައްދަށް ދިޔައިރު އެ ކާރު ނެތް ކަމަށެވެ. އަދި ފަހުން އެ ކާރު ބަލާ ފާސްކޮށްފައިވާނެ ކަމަށާއި ކާރު ހުޅުމާލެއަށް ގެންގޮސްފައިވަނީ ގަވާއިދާ ހިލާފަށް ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ރިލްވާން ގެއްލުނު މައްސަލާގައި ބަލާ ފާސްކޮށްފައިވާ ކާރަކީ އާލިފް ރައުފްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައި އޮތް ކާރެކެވެ. އެ ކާރުގެ ތެރެއިން ރިލްވާންގެ މަންމަގެ ޑީއެންއޭ ލިބިފައިވާ ކަމަށާއި އެ ޑީއެންއޭ ލިބިފައިވަނީ ޑިކީގައި އަޅާފައި އޮތް ކާޕެޓެއްގެ ތެރޭގައި އޮތް އިސްތައްޓަކުން ކަަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

ރިލްވާން ގެއްލުނު ރޭ މާލޭގައި ރިލްވާން ސައިކަލް ދުއްވި އިރު، އޭނަގެ ސައިކަލް ފަހަތުން ބަޔަކު ދުއްވާފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. ރިލްވާނަށް ފާރަލި މީހުންގެ ތެރޭގައި މުހައްމަދު ސުއައިދު ހިމެނޭ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

ސުއައިދުގެ މައްޗަށް މި މައްސަލައިގައި ދައުވާ ކޮށްފައިވާއިރު، ސީރިއާގައި ހިނގަމުންދާ ހަނގުރާމައިގައި އޭނާ މަރުވެފައިވާ ކަމަށް ވަނީ އަޑުފެތުރިފަ އެވެ.

މި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުވާ ކޮށްފައި މިވަނީ މައްސަލައިގެ ތަހުގީގު ދިގުދެމިގެންދާތީ ރިލްވާނުގެ އާއިލާ އާއި މަދަނީ ޖަމިއްޔާތަކާއި ސިޔާސީ ޕާޓީތަކުން ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށެވެ. ބައިނަލްއަގްވާމީ ޖަމިއްޔާތަކާއި ގައުމުތަކުގެ ވެސް އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައިވަނީ މި މައްސަލައިގެ މައުލޫމާތު ހާމަނުކުރުމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
17 ސެޕްޓެންބަރ 2017 | އާދީއްތަ 10:39
ފަތައްސީލާ
Saabas fuluhunnah. Mahaana mahchah madiah jehsevee enmefahun.