ކ. މާލެ
|
17 ސެޕްޓެންބަރ 2017 | އާދީއްތަ 09:30
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖޭގެ ހައިކޯޓް
މުހައްމަދު ޝަރުހާން
ހައިކޯޓް ފަނޑިޔާރުން
ހައިކޯޓް ދެކުނު ގޮފީގެ ތިން ފަނޑިޔާރުން މާލެ ވަޑައިގެން މަސައްކަތް ކުރައްވަން ފައްޓަވައިފި
ފަނޑިޔާރުން ވަގުތީ ގޮތުން މާލެ ބަދަލުކުރީ ސުޕްރީމް ކޯޓުގެ އަމުރެއްގެ ދަށުން
މައްސަލަ ފުނިޖެހިފައިވުމުން މައްސަލަ އަވަސްކުރުމަށް
ފުނިޖެހިފައިވާ މައްސަލަތައް މިއަހަރުގެ ނިޔަލަށް ނިންމަންޖެހޭ

ސުޕްރީމް ކޯޓުން ނެރުނު އަމުރާ އެއްގޮތަށް ހައިކޯޓުގެ ދެކުނު ގޮފީގެ ތިން ފަނޑިޔާރުން މާލެ ވަޑައިގެން މަސައްކަތް ކުރައްވަން ފައްޓަވައިފި އެވެ.

ހައިކޯޓުން ބުނީ އާދިއްތަ ދުވަހުން ފެށިގެން އެ ތިން ފަނޑިޔާރުން ހިމެނިވަޑައިގަންނަވާ ގޮތަށް ބާއްވާ ޝަރީއަތްތައް އޮންނާނެ ކަމަށެވެ. 

އެގޮތުން މާލެ ވަޑައިގެން ހައިކޯޓުގައި މަސައްކަތް ކުރައްވަން ފައްޓަވާފައި ވަނީ ފަނޑިޔާރު ޢަބްދުލްޢަނީ މުހައްމަދާއި، ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ އިތުރުން ފަނޑިޔާރު ޝުޖާއު އުސްމާނެވެ.

ހައިކޯޓުގެ ދެކުނު ގޮފި ގާއިމްކޮށް އެ ކޯޓަށް ކަނޑައަޅާފައި ވަނީ ފަނޑިޔާރު ޢަބްދުލްޢަނީ މުހައްމަދާއި، ފަނޑިޔާރު ޝުއައިބުގެ އިތުރުން ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އެވެ. އަޒްމިރަލްދާ އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ކޯޓަށް ޝުޖާއު އުސްމާން ކަނޑައެޅީ 2016 ވަނަ އަހަރުގެ މެއި މަހުގަ އެވެ.

ސުޕްރީމް ކޯޓުން މިދިޔަ މަހުގެ 29 ވަނަ ދުވަހު ނެރުނު އަމުރުގައި ބުނެފައި ވަނީ ހައިކޯޓުގެ ދެކުނު ގޮފީގައި މަސައްކަތް ކުރައްވާ ފަނޑިޔާރުން ވަގުތީ ގޮތުން މާލެއަށް ބަދަލުކުރުމަށް ނިންމެވީ ގިނަ ދުވަސްތަކެއް ވެފައިވާ 500 އަށް ވުރެ ގިނަ މައްސަލަ ހައިކޯޓުގައި ފުނިޖެހިފައިވުމުން، ކޯޓުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން ކަމަށެވެ.

އަމުރުގައި ބުނެފައި ވަނީ ހައިކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރުން މާލެއަށް ބަދަލުކުރައްވަނީ، އެ ފަނޑިޔާރުން ހަމަޖައްސާފައިވާ ހައިކޯޓުގެ ގޮތްޕަށް ހުށަހެޅި، ހިނގަމުންދާ މައްސަލަތައް ބަލައި ނިންމުމަށް ހުރަސްނޭޅޭނޭ ގޮތެއްގެމަތިން ކަމަށެވެ. އަދި ފަނޑިޔާރުން މާލެއަށް ބަދަލު ކުރެވުމުން، މާލޭގައި ފުނިޖެހިފައިވާ މައްސަލަތައް މި ހިނގާ 2017 ވަނަ އަހަރުގެ ނިޔަލަށް ނިންމަން ޖެހޭނެ ކަމަށް ވެސް ސުޕްރީމް ކޯޓުގެ އަމުރުގައި ވެއެވެ.

ހައިކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރުން ވަގުތީ ގޮތުން މާލެއަށް ބަދަލު ކުރުމަށް ސުޕްރީމް ކޯޓުން އަމުރު ކުރިއިރު، ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު އިތުރު ކުރުމަށް ދާދިފަހުން ވަނީ ޤާނޫނަށް ވެސް އިސްލާހެއް ގެނެސްފައެވެ. އެ އިސްލާހުގެ ދަށުން، ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު، އިސް ފަނޑިޔާރާ އެކު 11 އަށް އިތުރުވެގެން ދާއިރު، އެ 11 ފަނޑިޔާރުންގެ ތެރޭގައި ހައިކޯޓުގެ ދެކުނު ގޮތްޕަށް އައްޔަން ކުރާ ތިން ފަނޑިޔާރުންނާއި، ހައިކޯޓުގެ އުތުރު ގޮތްޕަށް އައްޔަން ކުރާ ތިން ފަނޑިޔާރުން ތިބެން ވާނެ ކަމަށް ވަނީ ނިންމާފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް