މީހުން ދިރިއުޅޭ ހާލަތު ބަލައި ސަރވޭ ކުރުމަށް ހައުސިން މިނިސްޓްރީގެ ފަރާތުން ގޭގެއަށް ދިޔަ ހައުސިން މިނިސްޓްރީގެ ބެލުމަށްފަހު ހާލަތު ދަށްކަމަށް ކަނޑައެޅި ފަރާތްތަކަށް މާލެއިން ފްލެޓް ލިބިފައި ނުވާކަމަށް މާލެ ސިޓީގެ މޭޔަރ ސިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ސިފާ މިހެން ވިދާޅުވީ ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
ސިފާ ވިދާޅުވީ މާލެއިން ފްލެޓް ލިބުނު ގޮތާ ގުޅޭގޮތުން ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާއި ގިނަ މީހުންނަކީ 18 އަހަރުވަންދެން ފްލެޓެއް ލިބޭތޯ އެކަމުގެ މަސައްކަތުގައި އުޅެފައިވާ މީހުން ކަމަށެވެ. އެހެންކަމުން ފްލެޓް ލިބުނު މީހުންނަށް ފްލެޓް ލިބުނީ ކީއްވެހޭ ނާހާށޭ ސަރުކާރުގެ ވެރިން ވިދާޅުވި ކަމުގައި ވިޔަސް ރައްޔިތުންނަށް އެ ސުވާލު ކުރެވޭނެ ކަމަށް ސިފާ ވިދާޅުވިއެވެ.
ސިފާ ވިދާޅުވީ މާލެއިން ފްލެޓް ދޫކޮށްފައިވަނީ އެއްވެސް އިންސާފަކުން ނޫން ކަމަށާއި މަތިން މާކްސް ލިބުނު ފަރާތްތަކަށް އަދި ހާލުގައި ދިރިއުޅޭ މީހުންނަށް ފްލެޓް ލިބިފައި ނުވާ ކަމަށެވެ.
ސިފާ ވިދާޅުވީ މާކްސް ދީފައިވަނީ މީހުންގެ ދިރިއުޅުމާއި ދަރިން ތިބޭ އަދަދު ވަރަށް ބޮޑަށް ބަލައިގެން ކަމަށާއި އެހެންނަމަވެސް ފްލެޓް ދިނުމުގައި މިކަންކަމަށް ރިއާޔަތްކޮށްފައި ނުވާކަމަށް ސިފާ ވިދާޅުވިއެވެ.
"ސަރވޭކުރަން ހައުސިންގ މިނިސްޓްރީން ދިޔަ ކުދިން ތިމަންނަމެން އުޅޭ ހާލަތު ފެނިފަ އިނގިލީގަ ދައިގަނެފާ ސުބްހާނަﷲއޭ ކިޔާފައި ދެރަވެގެން ވާހަކަދައްކާފައި ހާލަތު ދަށްވެގެން ނޯޓްކޮށްގެން ނިކުތް ގޭގޭގެ ބޭފުޅުންނަށް ހަމަ ހިލަމެއްވެސް ނެތް ވެފައެއް. 100 އިން މަތިން ޕޮއިންޓް ލިބުނު މީހުންގެ ތެރެއިން ފްލެޓް ނުލިބި އެއަށްވުރެ ދަށްކޮށް ޕޮއިންޓް ލިބުނު މީހުންނަށް ފްލެޓް ލިބުނީ" ސިފާ ވިދާޅުވިއެވެ.
ސިފާ ވިދާޅުވީ ރައީސް މައުމޫނާއި ރައީސް ނަޝީދުގެ ދައުރުގައިވެސް ފްލެޓް ދޫކޮށްފައިވަނީ ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ކަމަށާއި މާކްސް ލިބުނުގޮތް ހާމަކޮށް ރައްޔިތުންނަށް ސުވާލު ކުރުމުގެ ފުރުސަތު ހުޅުވާލައިގެން ކަމަށެވެ.
"ރައީސް ނަޝީދުގެ ދައުރުގައިވެސް ރައީސް މައުމޫންގެ ދައުރުގައިވެސް އެފުރުސަތު ހުޅުވާލާފައި އެބައޮތް އެންމެ މަތިން މާކްސް ލިބުނީ ކޮން ފަރާތަކަށްތޯ. އެއީ ކާކުތޯ. އެހެން އޭރުވެސް އެކަން ކޮށްފައި އެވަނީވެސް ރައްޔިތުންނަށް މިކަމަކީ ބޮޑުކަމަކަށްވެ ޝަކުވާ ހުށަހަޅަން ޖާގަ ދިނުމަށްޓަކައި. އެފުރުސަތު އޮންނަން އެބަޖެހޭ. މިހުރިހާ އެއްޗަކީވެސް ރައްޔިތުންގެ ދަރިންގެ ދަރިންގެ ބޮލުގައިވެސް އެޅޭނެ ލޯނު. މިއީ އެންމެފަރާތެއްގެ އެކަނި މަސްލަހަތު ހިމެނޭ ކަންކަމެއް ނޫން" ސިފާ ވިދާޅުވިއެވެ.
ސިފާވެސް ވިދާޅުވީ ފްލެޓް ދިނުމުގެ ކުރިން ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުން ގުޅިކަމަށް ވަރަށް ގިނަ ބަޔަކު ބުނަމުންދާކަމަށާއި އެފަދަ ޝަކުވާތައް މާލޭ ސިޓީ ކައުންސިލާވެސް ހިއްސާ ކުރަމުން އަންނަ ކަމަށެވެ.