ހއ ދިއްދޫއިންވެސް ފްލެޓް ލިބިފައިވަނީ ކިތައްމެ މަދުން މާކްސް ލިބިފައިވީނަމަވެސް ޕީޕީއެމަށް ނިސްބަތްވާ ގިނަ މީހުންނަށް ކަމަށް ދިއްދޫ ކައުންސިލުން ބުނެފިއެވެ.
ދިއްދޫ ކައުންސިލުން މިހެން ހާމަކުރެއްވީ އެކައުންސިލްގެ ރައީސް ޢަލީ ހާޝިމް ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
ހާޝިމް ވިދާޅުވީ އެރަށުން ފްލެޓް ލިބޭ މީހުން ހާމަކޮށްފައިވަނީ ހައުސިންގ މިނިސްޓްރީން ކަމަށާޢި އެލިސްޓް ޢާއްމުކޮށްފައިވަނީވެސް ފޯމް ނަމްބަރު އެކަނި ހިމަނައިގެން ގެޒެޓްގައި ކަމަށެވެ.
ހާޝިމް ވިދާޅުވީ ހައުސިން މިނިސްޓްރީން އެގޮތަށް އިއުލާންކޮށްފައި ވަނީ ޕީޕީއެމްގެ މެޖޯރިޓީއޮތް ދިއްދޫގެ ކުރީގެ ކައުންސިލުން ތައްޔާރުކޮށްފައިވާ ފްލެޓަށް އެދުނު މީހުންނަށް މާކްސް ލިބިފައިވާގޮތް މިހާރުގެ ކައުންސިލުން މިދިޔަ ފިތުރު ޢީދު ދުވަހު ޢާއްމުކޮށްފައިވަނިކޮށް ކަމަށެވެ.
ހާޝިމް ވިދާޅުވީ އެކައުންސިލުން ޢާއްމުކުރި އެމައުލޫމާތަކީ އޭގެ ކުރީގެ ކައުންސިލުން ވަރަށް ގިނަ މަސައްކަތްކޮށް ވަރަށް އިންސާފްވެރިކަމާއެކު ތައްޔާރުކޮށްފައިވާ މައުލޫމާތު ތަކެއް ކަމަށާއި އޭގައިވަނީ ހައުސިން މިނިސްޓްރީންވެސް ކަނޑައަޅާފައިވާ ގޮތަށް މާކްސް ދީގެން ލިބިފައިވާ ޕޮއިންޓްތަކެއް ކަމަށެވެ. ނަމަވެސް އެމައުލޫމާތު ހާމަކުރިފަހުން ހައުސިން މިނިސްޓްރީން އެދިގެން އެއިއުލާން ބާތިލްކޮށް، ލިސްޓް މާކްސް ޝީޓް ހައުސިން މިނިސްޓްރީއަށް ފޮނުވި ކަމަށް ހާޝިމް ވިދާޅުވި އެވެ.
ދިއްދޫއިން ފްލެޓް ލިބޭ މީހުންގެ ފޯމް ނަމްބަރު ހިމަނައިގެން ގެޒެޓްގައި ލިސްޓެއް ޢާއްމުކުރިއިރު ފްލެޓް ދީފައިވަނީ އެއްވެސް އިންސާފަކުން ނޫން ކަމަށާއި އެކަމުގެ ސަބަބުން ރަށުގެ މަސްލަހަތު ގެއްލިފައިވާ ކަމަށް ވެސް ހާޝިމް ވިދާޅުވި އެވެ.
"އެގޮތައް ހާމަކުރުމުން ގިނަ ބަޔަކަށް ފާހަގަ ކުރެވިއްޖެ ޚާއްޞަކޮށް ޕީޕީއެމަށް ނިސްބަތްވާ ވަރަށް ގިނަ ބަޔަކަށް އެބަހުރި ފްލެޓް ލިބިފަ. އަދި ވަރަށް ދަށްކޮށް 22 މާކްސް، 23 މާކްސް ލިބުނު ޕީޕީއެމް އެތައް ބަޔަކަށް އެބަހުރި ލިބިފަ. 90 ޕަސެންޓް ފްލެޓް ލިބުނު މީހުންނަކީ ހަމަ ކަނޑައެޅިގެން ދިއްދޫގައި ތިބި ޕީޕީއެމް ފަރާތްތައް" ޙާޝިމް ވިދާޅުވިއެވެ.
ހާޝިމް ވިދާޅުވީ އެންމެ މަތިން މާކްސް ލިބުނު މީހުންނަށް ލިބުނީ 63 މާކްސް ކަމަށާއި 3 މީހަކަށް އެއަދަދަށް މާކްސް ލިބުނު އިރު އޭގެތެރެއިން އެކަކަށް ފްލެޓް ލިބިފައި އަނެއް ދެމީހުންނަށް ފްލެޓް ނުލިބޭ ކަމަށެވެ.
ހާޝިމް ވިދާޅުވީ މިކަމުގެ ޝަކުވާ ރަށުގެ ރައްޔިތުން ވަރަށް ބޮޑަށް ކުރަމުންދާ ކަމަށާއި ނަމަވެސް ފްލެޓް ލިބުނު ފަރާާތަށް ފްލެޓް ލިބުނީ ކިހިނެއް ކަމެއް، ނުލިބޭ މީހާއަށް ނުލިބުނީ ކީއްވެ ކަމެއް ނޭނގޭ ކަމަށެވެ.