ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ގަތުލު އާންމުތަކާއި ހަނގުރާމައިގެ ޖަރީމާތައް ހުއްޓުވުމުގެ މައްސަލަ އދ. ގެ 72 ވަނަ އާންމު ޖަލްސާގެ އެޖެންޑާގައި ހިމެނުމާ މެދު ނެގި ވޯޓުގައި ރާއްޖެއިން ބައިވެރިނުވުމުން ހާރިޖީ ސިޔާސަތު އެހެން ބަޔެއްގެ އަތް މައްޗަށް ދޫކޮށްލާފައިވާކަން ހާމަވާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރޮހިންޖާ މުސިލްމުނާއި ދެކޮޅަށް އެ ގައުމުގެ އަސްކަރިއްޔާއިން ބޮޑެތި ޖަރީމާތަކެއް ހިންގަމުންދާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާ ގަތުލު އާންމުތަކާއި ހަނގުރާމައިގެ ޖަރީމާތައް ހުއްޓުވުމުގެ މައްސަލަ އދ. ގެ 72 ވަނަ އާންމު ޖަލްސާގެ އެޖެންޑާގައި ހިމެނުމާ މެދު ނެގި ވޯޓުގައި ރާއްޖެއިން ބައިވެރިވެފައެއް ނުވެއެވެ. އެކަން ކުށްވެރިކޮށް ކުރީގެ ރައީސުލްޖުމްހުރިއްޔާ މުހައްމަދު ނަޝީދު ކުރެއްވި ޓުވީޓެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ، ވޯޓުގައި ބައިވެރިނުވުމުން ހާމަކޮށްދެނީ ރާއްޖޭގެ ހާރިޖީ ސިޔާސަތު އެހެން ބައެއްގެ އަތް މައްޗަށް ދޫކޮށްލާފައިވާވުން ކަމަށެވެ. އަދި ވޯޓު ނެގިއިރު ރާއްޖެއިން ހާޒިރުވެ ނެތުމުން، އެކަމުން ހާމަކޮށްދެނީ ރާއްޖެއިން ވޯޓަށް ފިލުމުގެ ގޮތުގައި ކަމަށާއި، ވޯޓަށް ފިލުމަކީ ހަނގުރާމައިގެ ޖަރީމާތައް ލިބެމުންދާ ރޮހިންޖާއާއި އިންޑިއާ ކަނޑުގެ ސަލާމަތާ މެދުވެސް އަޅާނުލުންކަމަށް ނަޝީދު ވިދާޅުވި އެވެ.
Maldives has again outsourced its foreign policy:absconded from UN vote, forsaking Indian Ocean security & #Rohingya suffering war crimes.
— Mohamed Nasheed (@MohamedNasheed) September 16, 2017
މިޔަންމާ ސަރުކާރުން ރޮހިންޖާ ނަސްލު ނައްތާލުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ނަސްލު ނައްތާލުމާއި ގަތުލު އާންމުތައް ހުއްޓުވުން އދ. ގެ ރަސްމީ އެޖެންޑާގައި ހިމެނުމަށް ނެގި ވޯޓަށް ރާއްޖެއިން ހާޒިރުވެފައިނުވާކަން ވަނީ ހާމަވެފައެވެ.
އދ. ގެ 72 ވަނަ ސެޝަންގެ ރަސްމީ އެޖެންޑާގައި "ގަތުލު އާންމާއި، ހަނގުރާމައިގެ ކުށްތަކާއި، ނަސްލު ނައްތާލުމާއި، އަދި އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ކުށްތައް ހުއްޓުވުމާއި ރައްކާތެރިކުރުމުގައި ޒިންމާއަދާކުރުން" ގެ ނަމުގައި ސަޕްލިމެންޓްރީ އައިޓަމެއް ހިމެނުމަށް ހުކުރު ދުވަހު ވޯޓް ނެގި އިރު ޗެމްބަރުގައި ރާއްޖެއިން ހާޒިރުވެ ނެތްކަން ވޯޓްގެ ތަފްސީލް ޝީޓުންވެސް ވަނީ ހާމަވެ އެވެ.
އެ އައިޓަމް ރަސްމީ އެޖެންޑާގައި ހިމެނުމަށް ފާސްވީ 113 ގައުމެއްގެ ތާއީދާއެކު އެވެ. ރަސްމީ އެޖެންޑާގައި އައިޓަމް ހިމެނުމާ ދެކޮޅަށް 21 ގައުމަކުން ވޯޓް ދީފައިވެއެވެ. 17 ގައުމަކުން ވަކި ކޮޅަކަށް ވޯޓް ދީފައެއް ނުވެ އެވެ.