ކ. މާލެ
|
16 ސެޕްޓެންބަރ 2017 | ހޮނިހިރު 16:52
ދިވެހިރާއްޖެއިން ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ ޕާރމަނަންޓް ރެޕްރެސެންޓޭޓިވް، ޖެފްރީ ސާލިމް ވަހީދު
ދިވެހިރާއްޖެއިން ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ ޕާރމަނަންޓް ރެޕްރެސެންޓޭޓިވް، ޖެފްރީ ސާލިމް ވަހީދު
ހާރިޖީ ވުޒާރާ
އދ. ގެ ވޯކިންގ ގްރޫޕް
ރައީސް ނަޝީދާއި ނާޒިމަށް ޝަރީއަތްކޮށް ހުކުމް ކުރީ ބައިނަލްއަގްވާމީ ހަމަތަކުގެ މަތިން: ރާއްޖެ
ގާނޫނީ ހުކޫމާތު ހަމަހަމަކަމާއެކު ގާއިމްކުރުމަށް މަސައްކަތް ކުރަން
ގައުމުތަކުގެ ދާޚިލީ ނިޒާމުތައް ހިންގުމުގެ ފުރުސަތު ދިނުމަށް ގޮވާލި
ދާޚިލީ ނިޒާމްގެ އެކި މަރުހަލާތައް ބޭނުންކޮށްގެން ހައްލު ހޯދުމުގެ ޖާގަދީ

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް (ރޓޑ) މުހައްމަދު ނާޒިމްގެ މައްޗަށް ޝަރީއަތްކޮށް ހުކުމް އިއްވާފައިވަނީ ރާއްޖޭގެ ގާނޫނުތަކާއި ބައިނަލްއަގްވާމީ ހަމަތަކުގެ މަތިން ކަމަށް ރާއްޖެއިން އދ. ގައި ބުނެފި އެވެ.

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ 36 ވަނަ ސެޝަންގައި ވާހަކަ ދައްކަވަމުން ދިވެހިރާއްޖެއިން ޖެނީވާގައި ހުންނަ އދ.ގެ އޮފީހަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ ޕާރމަނަންޓް ރެޕްރެސެންޓޭޓިވް، ޖެފްރީ ސާލިމް ވަހީދު ވިދާޅުވީ ރައީސް ނަޝީދާއި ނާޒިމްގެ މައްޗަށް ޝަރީއަތް ހިންގުނީ ރާއްޖޭގެ ގާނޫނުތަކުގައި ބަޔާންކޮށްފައިވާފަދަ ކުށެއް ދެ ބޭފުޅުން ކުރައްވާފައިވާތީ ކަމަށެވެ.

ޖެފްރީ ވިދާޅުވީ ގާނޫނީ ހުކޫމާތު އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު ދެމެހެއްޓުމަށް ދިވެހި ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ރައީސް ނަޝީދާއި ނާޒިމްގެ މައްސަލަައިގައި އދ. ގެ ވޯކިންގ ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން ދެކޭގޮތް ހާމަކޮށްފައިވާއިރު، އެ ދެ ބޭފުޅުންގެ މައްސަލައިގައި ވެސް ގާނޫނީ ހުކޫމާތު ހަމަހަމަކަމާއެކު ދެމެހެއްޓުމަށް މަސައްކަތް ކޮށްފައިވާނެ ކަމަށެވެ.

ޖެފްރީ ވިދާޅުވެފައިވާ ގޮތުގައި ރައީސް ނަޝީދާއި ނާޒިމްގެ މައްޗަށް ޝަރީއަތް ހިންގައި ހުކުމް ކުރެވުނީ ރާއްޖޭގެ ގާނޫނުތަކާއި ބައިނަލްއަގްވާމީ ހަމަތަކާއި އުސޫލުތަކުގެ މަތިންނެވެ. 

އދ. ގެ ވޯކިން ގްރޫޕްގެ ގޮވާލުންތަކާ ގުޅިގެން ރާއްޖޭގެ ފަރާތުން ވަނީ ޖުމްލަ ތިން ކަމަކަށް ގޮވާލާފަ އެވެ. އެގޮތުން ގައުމުތަކުގެ ދާޚިލީ ނިޒާމުތައް ހިންގުމުގެ ފުރުސަތު ދިނުމަށާއި، މައްސަލަތަކުގައި ދާޚިލީ ނިޒާމްގެ އެކި މަރުހަލާތައް ބޭނުންކޮށްގެން ހައްލު ހޯދުމުގެ ޖާގަ ދިނުމަށް ވަނީ ގޮވާލާފަ އެވެ. މީގެ އިތުރުން ވޯކިންގ ގްރޫޕްއިން މައްސަލަތައް ބަލާއިރު ހަމައެކަނި ނުރަސްމީ ސޯސްތަކަށް ބަރޯސާނުވެ ސަރުކާރުން ދައްކާ ވާހަކަތައް ވެސް ބަލައިގަތުމަށް ވަނީ ގޮވާލާފަ އެވެ.

ރައީސް ނަޝީދު 13 އަހަރަށް ޖުލަށް ލުމަށް ހިންގި ޝަރީއަތް ބޭއިންސާފް ކަމަށާއި ބައިނަލްއަގްވާމީ މުއާހަދާތަކާ ޚިލާފް ކަމަށް ބުނެ، އެމަނިކުފާނު ވަގުތުން މިނިވަންކޮށް ބަދަލު ނަގައިދިނުމަށް ވޯކިންގ ގްރޫޕުން ގޮވާލާފައިވަނީ 2015 ވަނަ އަހަރުގެ އޮކްޓޯބަރުގަ އެވެ.

ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ހިންގި ތަހުގީގާއި ޝަރީއަތުގައި ހުރި ގިނަ މައްސަލަތަކެއް ފާހަގަކޮށް، ވޯކިންގ ގްރޫޕުން ގޮވާލާފައިވަނީ ނާޒިމް ވެސް މިނިވަންކޮށް، ނުހައްގުން ޖަލަށްލުމާ ގުޅިގެން ލިބިވަޑައިގެންނެވި ގެއްލުމުގެ ބަދަލު ދިނުމަށެވެ. ނާޒިމް މިނިވަންކުރުމަށް ގޮވާލާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީގަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް