ށ.ފީވަކު މިސްކިތުގައި ބަހައްޓާފައިވާ ފަންޑު ފޮއްޓެއް ވަގަށް ނަގާފައިވަނިކޮށް އެ ފަންޑު ފޮށި ހޯދައި، ތުހުމަތުކުރެވޭ މީހަކު ށ. ފީވަކުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި މީހާ ހައްޔަރުކޮށްފައިވަނީ ރޮހިނޖާގެ މުސްލިމުންނަށް އެހީވުމުގެ ގޮތުން ށ.ފީވަކު މަސްޖިދުލް ޢިއްތިޙާދުގައި ބަހައްޓާފައިވާ ފަންޑު ފޮއްޓެއް ވަގަށް ނަގާފައިވާކަމަށް ބުނެ ށ.ފީވަކު ޕޮލިސް ސްޓޭޝަނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މި ސެޕްޓެންބަރު މަހުގެ 13 ވަނަ ދުވަހުގެ 18:10 ހާއިރުއެވެ.
ވަގަށް ނަގާފައިވާ ފަންޑު ފޮށި ހޯދާފައިވަނީ މައްސަލަ ހުށަހެޅުމާ ގުޅިގެން ފީވަކު ރައްޔިތުންނާއި ފުލުހުން ކުރަމުންދިޔަ މަސައްކަތުން ސެޕްޓެންބަރު 13 ވަނަ ދުވަހުގެ ވަގުތެއްގައި މިސްކިތުގެ ހުޅަނގު ދެކުނު ފަރާތުގައި ހުރި ގަސްތަކުގެ ތެރެއަށް އެއްލާލާފައިވަނިކޮށް ކަމަށް ފުލުހުން ބުނެއެވެ. އަދި މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާ ބަލައިފާސްކުރިއިރު އޭނާ ލައިގެންހުރި ޖިންސުގެ ކުރިމަތީ ޖީބުން 350 ރުފިޔާ ފެނިފައިވެއެވެ. އަދި އެއްލާލާފައިވާ ފަންޑު ފޮށިތެރެއިން 7900 ދިވެހި ރުފިޔާ އާއި 100 ޑޮލަރު ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
މިމައްސަލަ ށ. ފީވަކު ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.