ރާއްޖޭގެ ހުރިހާ ރަށްތަކާއި ރިސޯޓްތައް ސާފުކުރުމުގެ ގޮތުން ހޮނިހިރު ދުވަހު ފެށި ހަރަކާތުގައި އެމްއެންޑީއެފުން ބައިވެރިވެއްޖެއެވެ.
އެމްއެންޑީއެފުން ބުނީ އެންވަޔަރަމަންޓް މިނިސްޓްރީ އާއި އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީން އިސްނަގައިގެން އެއް ހަފުތާގެ މުއްދަތަށް ހިންގާ މި ހަރަކާތުގައި ބައިވެރިވުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިފައިން ހަރަކާތްތެރިވަމުން ދާނެ ކަމަށެވެ. މިގޮތުން، މާލޭގެ ފަޅު ސާފުކުރުމުގެ ޕްރޮގްރާމެއް އެމްއެންޑީއެފް ކޯސްޓްގާޑުން މިއަދު ކުރިއަށްގެންދާއިރު، ހުޅުމާލޭ އާއި ވިލިމާލޭގައި ހިންގާ ސާފުކުރުމުގެ ޕްރޮގްރާމްގައި ވެސް އެމްއެންޑީއެފް މާލޭ އޭރިއާގެ ސިފައިން ދަނީ ބައިވެރިވަމުންނެވެ. އަދި، އެމްއެންޑީއެފް އޭރިއާތައް ނިސްބަތްވާ ރަށްތަކުގައި، މިހަރަކާތްތައް ކުރިއަށްދާއިރު، އެ އޭރިއާތަކުގައި މަސައްކަތް ކުރާ ސިފައިން ޢަމަލީ ގޮތުން ބައިވެރިވާނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އެމްއެންޑީއެފުން ބުނީ "އިންޓަރނޭޝަނަލް ކޯސްޓަލް ކްލީން އަޕް ޑޭ" ގެ ނަމުގައި ހިންގާ މި ހަރަކާތުގައި، ހޭޅިފަށާއި ގޮނޑުދޮށާއި މޫދު އަދި ވަށައިގެންވާ ސަރަޙައްދުތައް ސާފުކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ހަރަކާތުގައި، އެމްއެންޑީއެފްގެ އޭރިއާތަކުގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.