ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފަރުވާ އަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ދިން ގޮތަށް، ރާއްޖެއިން ބޭރަށް ވަޑައިގެން ބޭސްފަރުވާ ކުރެއްވުމުގެ ހުއްދަ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ވެސް ދޭންޖެހޭނެ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު ވިދާޅުވެއްޖެ އެވެ.
ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވީ އެއް ހަމައަކުން ބަލާނަމަ ގާސިމް ވެސް އަދި ހުކުމް ތަންފީޒްކުރަމުންދާ އެހެން މީހަކު ވިޔަސް ބޭހަށް ފޮނުވުމުން ފިލުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެހެންނަމަވެސް، ގާސިމަށާއި އެހެން މީހުންނަށް ހުއްދަ ދީފައިވާއިރު އަދީބަށް އެ ހުއްދަ ނުދިނުމަކީ ހަމަހަމަކަމާއި އިންސާފުން ބޭރުން ކޮށްފައިވާ ކަމެއް ކަމަށް ސިރާޖު ވިދާޅުވި އެވެ.
ސިރާޖު ވިދާޅުވީ ބައްޔަށް ބޭސްކުރުމަކީ ގައިދީއަކަށް ވިޔަސް އަދި މިނިވަނަކަށް ވިޔަސް ކޮންމެ މީހަކަށް ލިބިގެންވާ އަސާސީ ހައްގެއް ކަމަށާއި ސަރުކާރުން ކުރާ ކުށްހީއެއްގެ މައްޗަށް އަސާސީ ހައްގެއް ނުހިފެހެއްޓޭނެ ކަމަށެވެ.
ސިރާޖު ވިދާޅުވީ ގާސިމްގެ އާލާސްކަންފުޅަށް ފަރުވާ ކުރެއްވުމަށް އެކަށީގެންވާ މުއްދަތެއް ދޭންޖެހޭނެ ކަމަށާއި ހަމަ އެގޮތަށް އަދީބަށް ވެސް ފަރުވާ ކުރެއްވުމުގެ ފުރުސަތު ދިނުން ސަރުކާރުގެ މައްޗަށް ލާޒިމްވާ ކަމަށެވެ. އެހެންނަމަވެސް، އަދީބު ފިއްލަވާފާނެ ކަމަށް ސަރުކާރުން ކުރާ ކުށްހީއެއްގެ މައްޗަށް ބިނާކޮށް، ފަރުވާ ކުރުމުގެ ހައްގު ނިގުޅައިގަނެ، އަދީބަށް ލާއިންސާނީ އަނިޔާދެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސިރާޖު ވިދާޅުވީ އަދީބުގެ ފުރާނައަށް ސަރުކާރުން "އަގު ކިޔާފައިވާ" ކަމަށާއި، އެއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އިންސާނަކަށް ވީތީ ލިބެންޖެހޭ ހައްގުތަކާއި ގާނޫނު އަސާސީއާއި ބައިނަލްއަގްވާމީ މުއާހަދާތަކުން ކަށަވަރުކޮށްދޭ ހައްގުތައް ނުދީ ހިފަހެއްޓުމަށް ސަރުކާރުން ދައްކަމުންދަނީ ތާކުންތާކު ނުޖެހޭ ބަހަނާތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އަދީބުގެ ބަލިހާލަތާ ގުޅޭ އެންމެހާ ލިޔެކިޔުންތައް ހުރިހާ މުއައްސަސާތަކަށް ހުށަހަޅާފައިވާއިރު، އެކަށީގެންވާ މަސައްކަތްތަކެއް މުއައްސަސާތަކުން ކުރަމުން ނުދާކަމަށް ފާހަގަކުރައްވައި ސިރާޖު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
އަދީބުގެ ސިއްޙީ ހާލުކޮޅު ދެރަވެ ފުރާނައަށް ގެއްލުން ވެދާނެ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އާއިލާ އާއި ވަކީލުން ދަނީ ބުނަމުންނެވެ. އަދީބުގެ އެތެރެހަށީގައި ސިސްޓް އުފެދިފައިވުމާއި ލޮލަށް ގްލޮކޮމާ ޖެހިފައިވުމާއި ކިޑްނީގައި ހިލަ އުފެދިފައިވާ ކަމަށް އާއިލާ އާއި ވަކީލުން ދަނީ ބުނަމުންނެވެ.
އަދީބަށް އިތުރު ފަރުވާ ދިނުމަށް ވީހާވެސް އަވަހަކަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް ޑޮކްޓަރުން ލަފާދީފައިވާއިރު، ސަރުކާރުން ވަނީ އެ ހުއްދަ އަދީބަށް ނުދިނުމަށް ނިންމާފަ އެވެ. ސަރުކާރުން ބުނަމުން ދަނީ އަދީބު ފިއްލަވާފާނެ ކަމަށާއި، އަދީބު ފިއްލަވައިފިނަމަ ދައުލަތަށް ލިބެންޖެހޭ ފައިސާ ނުލިބޭނެ ކަމަށެވެ.
އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވެފައި ވަނީ ދެ އަހަރު ވަންދެން އަދީބު އެކަހެރިކޮށްފައި ބޭއްވުމަކީ އެންޓި ޓޯޗަރ ގާނޫނާ ޚިލާފު ކަމެއްކަމާ މެދު ޝައްކެއް ނެތް ކަމަށެވެ. ނަޝްވާ ވިދާޅުވީ އެކަހެރިކޮށްފައި ބާއްވާފައިވާއިރު، ބޭސްފަރުވާކުރުމުގެ ހައްގު އަދީބުގެ ކިބައިން ނިގުޅައިގަނެފައިވުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.
ރިޔާސީ ލޯންޗުކޮޅުގައި ގޮއްވާލި ކަމަށް ބުނެ އަދީބު ހައްޔަރު ކޮށްފައި ވަނީ 2015 ވަނަ އަހަރުގެ އޮކްޓޯބަރު 24 ވަނަ ދުވަހު އެވެ. ރާއްޖެއިން ބޭރުގައި ހުންނެވުމަށް ފަހު ރާއްޖެ ވަޑައިގެން ފްލައިޓުން ފައިބާވަޑައިގަތުމާއެކު އަދީބު ހައްޔަރުކުރިއިރު، މިއަދާ ހަމައަށް ވެސް އަދީބު ބަންދުކޮށްފައި ވަނީ އެހެން ގައިދީންނާ އެކަހެރިކޮށެވެ.
ތިން މައްސަލައެއްގައި 33 އަހަރުގެ ޖަލު ހުކުމްތަކެއް އަދީބުގެ މައްޗަށް އިއްވާފައިވާއިރު، ޖަލު ހުކުމް ތަންފީޒް ކުރާ އެހެން ގައިދީންނާ ޚިލާފަށް އަދީބު މިހާރު ބަންދުކޮށްފައިވަނީ ފުލުހުން ޑިޓެންޝަން ސެންޓަރެއްގެ ގޮތުގައި ބޭނުންކުރާ ދޫނިދޫގަ އެވެ.