ރާއްޖެ ޝަރުއީ ދާއިރާއިން އިންސާފު ލިބޭނެ ކަމާމެދު އެއްވެސް މީހެއްގެ އިތުބާރު ނެތް ކަމަށާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާމެދު އެމަނިކުފާނުގެ އަނބިކަނބަލުންނަށް ވެސް އިތުބާރު އޮންނާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށް މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ހުކުރު ދުވަހުގެ ރޭ މ.ކުނޫޒުގައި ބޭއްވި ޑިމޮކްރަސީ ޕެނަލް ޑިސްކަޝަންގައި މާރިޔާ ވިދާޅުވީ ރާއްޖޭގެ ޝަރުއީ ދާއިރާއިން އިންސާފު ލިބިދާނެ ކަމަށް ގަބޫލު ކުރާނެ ދިވެހިން މި ރާއްޖޭގައި ނުހުންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ އަދުލު އިންސާފު ގާއިމު ކުރެވޭ ކަމަށް ރައްޔިތުންގެ ގަބޫލު ނުކުރާނެ ކަން ސާފުކޮށް ފެންނަމުންދާ ކަމަށެވެ.
"ރައީސުލް ޖުމްހޫރިއްޔާއަށް އޮންނާނެ ފެންނަ ނުފެންނަ ވޯޓަށް ދިއުން. މި ރާއްޖޭގައި މިހާރު އެ ހުންނެވި އުއްތަމަ ފަނޑިޔާރު ހުންނަވައިގެން މި ރާއްޖޭގައި އަދުލް އިންސާފު ގާއިމު ކުރެވޭތޯ ނޫންތޯ ފެންނަ ނުފެންނަ ވޯޓަށް ވަޑައިގެން ބައްލަވާށޭ ރައީސުލް ޖުމްހޫރިއްޔާއަށް މި ދަންނަވަނީ. އަޅުގަނޑު ގޮން ޖަހާފައި މި ދަންނަވަނީ އެ ( ޝަރުއީ ދާއިރާއިން އިންސާފު ލިބޭކަމަށް) ގަބޫލުކުރާނެ އެކަކުވެސް ނުހުންނާނެ،" މާރިޔާ ވިދާޅުވި އެވެ.
ރާއްޖޭގެ ޝަރުއީ ދާއިރާގައި އިސްލާހް ކުރަން ޖެހޭ ކަންކަން ފާހަގަކޮށް ގިނަ ވަކީލުންތަކެއް ސުޕްރީމް ކޯޓަށް ހުށަހަޅުއްވަން އުޅުއްވި ޕެޓިޝަނުގައި ހުރި ވާހަކަ ތަކަށް ގިނަ މީހުން ތާއީދު ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަރުއީ ދާއިރާގެ އެންމެ މުހިންމު ކަމަކީ ރައްޔިތުންނަށް އިންސާފުވެރި ކަމަށް ގަބޫލު ކުރެވޭ ހުކުމް ތަކެއް ނެރުން ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ. އަދި އެހެންމެ މައްސަލައެއްގައި ކޯޓަށް ދިޔައީމަ ޝަރީއަތް ކުރުމަށްފަހު ހުކުމް ނުކުރައްވާ ޖަވާބެއް ލިޔެފައި ސިޓީއެއްހެން އެއްލުމަކީ އޮންނަ ގޮތެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"ވަކީލް އައިސްބަލަށޭ ކިޔާފައި ސިޓީއެއް ހަވާލުކުރާށޭ، މީތި ގެންދާށޭ މިއޭ މިއީ ހުކުމަކީ ކިޔާފަ ދޭ އެއްޗެއް ނޫން ހުކުމަކީ ދުނިޔޭގެ އެއްވެސް ތަނެއްގައި. ހުކުމް އިއްވެން ޖެހޭނެ ހުކުމް ކިޔެން ޖެހޭނެ. ވަކީލުންނަށްވެސް އަދި މުވައްކިލުންނަށްވެސް އެ ހުކުމް އިއްވަން ޖެހޭނެ. އެހެން ނަމަވެސް މެމްބަރުންގެ ހުކުމްވެސް ފެނިގެން ދިޔައީ ގޭ ދޮށަށް ސިޓީއެއް އެއްލާލާފައި ފޯނު ކޮށްފައި އޮންނާނެ ހުކުމެއް، މި ކަހަލަ ގޮތަކަށް ނޫނެއް ނޫންތޯ މީހުން ހުކުމް ދީ އުޅެނީއެއް،" މާރިޔާ ވިދާޅުވި އެވެ.
ޝަރުއީ ދާއިރާގައި އިސްކޮށް މި ވަގުތު ތިބީ ގާނޫނާ އެއްގޮތައް ކަންކުރާ ބައެއް ނޫން ކަމަށާއި މުޅި ދައުލަތް "ވެއްޔާ މޮޑެ ޗަކަސް ކޮށްލައިފި" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މާރިޔާ މި މޭރުމުން ވާހަކަ ދައްކަވާފައި މި ވަނީ ރާއްޖޭގެ ޝަރުއީ ދާއިރާއާމެދު ގިނަ ބައެއްގެ ފާޑު ކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ. އަދި ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހް ކުރުމަށް މަސައްކަތް ފެށި ވަކީލުންތަކެއް ސަސްޕެންޑްކޮށްފައިވާ ދަނޑިވަޅެއްގައިކަންވެސް ފާހަގަ ކޮށްލެވެ އެވެ.