ރޮހިންޖާގެ މުސްލިމުންނާއެކު ތިބި ކަން ދައްކުވައިދީ، އެމީހުންނަށް އެހީވުމަށް ކ.ގާފަރުގައި ހަރަކާތްތަކެއް ފަށައިފި އެވެ.
ގާފަރުން މައުލޫމާތު ދިން މީހަކު ބުނީ އެރަށުގައި ކުރިއަށް ގެންދަނީ އެރަށު ޔޫތު ކްލަބާއި "އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން" އާ ގުޅިގެން ކަމަށެވެ. އެގޮތުން ގާފަރު ރައްޔިތުން ތިބީ ރޮހިންޖާ މުސްލިމުންނާއެކު ކަން ދައްކުވައިދިނުމަށް ހުކުރު ދުވަހު ވަނީ އެރަށުގައި ބޮޑު ހިނގާލުމެއް ބާއްވާފަ އެވެ. މި ހިނގާލުމުގައި ގިނަ އަދަދެއްގެ އަންހެނުންނާއި ފިރިހެނުން ބައިވެރިވަފައިވެ އެވެ. މި ހިނގާލުމުގައި ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުން ބައިވެރިވެފައިވާއިރު ގިނަ އަދަދެއްގެ ކުޑަކުދިންވެސް ވަނީ ބައިވެރިވެފަ އެވެ. މި ހިނގާލުމުގައި ރޮހިންޖާގެ މުސްލިމުންނަށް ކުރާ އަނިޔާ ހުއްޓާލުމަށް ވަނީ ގޮވާލާފަ އެވެ.
ހިނގާލުމުގެ އިތުރުން ރޮހިންޖާގެ މުސްލިމުންނަށް އެހީތެރިވުމަށް ފަންޑު ފޮއްޓެއްވެސް ބަހައްޓާފައިވެ އެވެ. ރޮހިންޖާ މުސްލިމުންނަށް އެހީވުމަށް ހިންގާ ހަރަކާތުގެ ތެރެއިން ހޮނިހިރު ދުވަހު ވެސް ބައެއް ކަންކަން ކުރިއަށް ގެންދިއުމަށް ރާވާފައިވެ އެވެ. ރޮހިންޖާގެ މުސްލިމުންނަށް އެހީވުމަށް އެހީދޭން ބޭނުންވާ މީހުންގެ އަތުން ފައިސާ ނެގުމަށް ގޭގެއަށް ދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
"އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން" އިން ބުނީ ހިނގާލުން ބައެއް އެހެން ބައެއް ރަށްތަކުގައިވެސް ކުރިއަށް ގޮސްފައިވާ ކަމަށެވެ. އަދި އެ ޖަމިއްޔާއާ ގުޅިގެން ރާއްޖޭގެ އެކި ރަށްތަކުގައި ފަންޑު ރައިޒިން ހަރަކާތްތައް ކުރިއަށްދާނެ ކަމަށާއި އެ ހަކަކާތްތައް އޮކްޓޯބަރު ފަސް ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.