މި މަހުގެ 10- 11 ވަނަ ދުވަހު ރާއްޖެ ޓީވީން އިސްނަގައިގެން ބޭއްވި "ދިވެހިން، ރޮހިންޖާ މުސްލިމުންނާއެކު" ޓެލެތޯންގެ އޮޑިޓް ރިޕޯޓާއި މާލީ ބަޔާން ނެރެފި އެވެ.
މި ޓެލެތޯނަށް ލިބުނު 5.16 މިލިއަން ރުފިޔާ ލިބިފައިވާއިރު، ހުކުރު ދުވަހުގެ ރޭ އާންމުކުރި އޮޑިޓް ރިޕޯޓާއި މާލީ ބަޔާނުގައި ފައިސާ ލިބިފައިވާ ގޮތުގެ ތަފްސީލްތައް ހާމަކޮށްފައިވެ އެވެ.
އެންމެ ގިނަ ފައިސާ ލިބިފައިވަނީ ރާއްޖެ ޓީވީގައި ބަހައްޓާފައި ހުރި ފަންޑް ފޮއްޓަށެވެ. އެ ފަންޑު ފޮއްޓަށް 1.77 މިލިއަން ރުފިޔާ ލިބިފައިވާއިރު، ނުވަ ލައްކަ ބާވީސް ހާހަށް ވުރެ ގިނަ ރުފިޔާ އެކި ފަރާތްތަކުން ބޭންކް އެކައުންޓަށް ޖަމާކޮށްފައިވެ އެވެ. ރާއްޖޭގެ 15 ރަށެެއްގެ ކައުންސިލްތަކުން އިސްނަގައިގެން ރައްޔިތުންގެ ހިންގި ހަރަކާތްތަކުން، މި ފަންޑަށް ނުވަ ލައްކަ ހަތްދިހަ ނުވަ ހާހަށް ވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފައިވާއިރު، ޓެލެތޯންގެ ޓީޝާޓް ވިއްކައިގެން އެއް ލައްކަ ހަތްދިހަ ހާހަށް ވުރެ ގިނަ ރުފިޔާ ލިބިފައިވެ އެވެ.
މީގެ އިތުރުން ވިޔަފާރި ކުންފުނިތަކާއި އަމިއްލަ ފަރުދުން ވެސް މި ޓެލެތޯނަށް ދީލަތި އެހީތަކެއް ވެފައިވެ އެވެ.
ރާއްޖެ ޓީވީން އިސްނަގައިގެން ބޭއްވި މި ޓެލެތޯނަށް ލިބުނު ހުރިހާ ފައިސާ ހަދިޔާކޮށްފައިވަނީ ދިވެހި ރައްޔިތުންގެ ނަމުގަ އެވެ. މި ޓެލެތޯންގެ އޮޑިޓަރަކީ ރާއްޖޭގެ އޭ ގްރޭޑްގެ އޮޑިޓް ފާމެއް ކަމުގައިވާ އެމްއެޗްޕީއޭ އެވެ.