ކ. މާލެ
|
15 ސެޕްޓެންބަރ 2017 | ހުކުރު 22:48
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ކުރިން އެންމެ އިސްކޮށް ހުރި ކުރީގެ ކާނަލް، އަހުމަދު ފަޔާޒް އަލީ ރިޒާ (ޕާޕާ)، ވ، އަވަށްޓެރި ޤައުމުތަކުގެ ސިފައި
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ކުރިން އެންމެ އިސްކޮށް ހުރި ކުރީގެ ކާނަލް، އަހުމަދު ފަޔާޒް އަލީ ރިޒާ (ޕާޕާ)، ވ، އަވަށްޓެރި ޤައުމުތަކުގެ ސިފައި
ޓީމް ޕާޕާ
ޕާޕާގެ ޖަލު ހުކުމް
ޕާޕާގެ ސިޓީ: ޤުރުއާނެއް ނުކިޔެވޭ، ހާރެއް ނުކެވޭ، ގިނަ ޙައްޤުތަކެއް ނަގާލާފަ – ގޮތެއް ފޮތެއްނެތި ޖަލު ހިންގި ޒަމާނަށްވުރެވެސް ހާލަތު ދެރަ
ގިންތި ނުކޮށް ބަހައްޓާފައި ހުންނަނީ ނުރައްކާތެރި ކުށްވެރިންނާއި އެކު
މާފުއްޓަށް ގެންގޮސް 7 މަސްވަންދެން ގޮޅިން ނުނެރެ ބެހެއްޓި
ހިތުހުރި ގޮތަކަށް ދަނީ އަޙުލާޤީ ފިޔަވަޅު އަޅައި އިނާޔަތްތައް ކަނޑަމުން

މާފުށި ޖަލުގައި، ޤާނޫނާއި ޤަވާއިދާއި ޚިލާފަށް ހިނގަމުންދާ ގިނަ ކަންތައްތަކާއި، ލިބެމުންދާ އަނިޔާތައް ބަޔާންކޮށް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ކުރިން އެންމެ އިސްކޮށް ހުރި އަހުމަދު ފަޔާޒް އަލީ ރިޒާ (ޕާޕާ)، ކަމާ ބެހޭ މުއައްސަސާތަކަށް ސިޓީއެއް ފޮނުވައިފިއެވެ.

މި ސިޓީއަކީ މި ސެޕްޓެމްބަރ މަހު، ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސާ މަރިޔަމް އީނާސާއި، ނެޝަނަލް އިންޓަރގްރިޓީ ކޮމިޝަންގެ ރައީސް ޔޫސުފް މާނިޢު މުޙައްމަދަށާއި، ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޒާ ޢާއިޝަތު ބިޝާމަށް ފޮނުވާފައިވާ ސިޓީއެކެވެ.

މި ސިޓީގައި ޕާޕާ ވަނީ، މާފުށީ ޖަލުގައި ޙުކުމް ތަންފީޒު ކުރަމުން ގެންދާ ޤައިދީންނާއި ދޭތެރޭ ޖަލުގެ އިދާރާއިން، ދީނީ ކަންކަމަށް ހުރަސްއެޅޭ ގޮތަށާއި، އަސާސީ ޙައްޤުތަކަށް ހުރަސްއެޅޭގޮތަށް ހިންގަމުން ގެންދާ ޤާނޫނާއި ޚިލާފް ކަންތައްތައް ބަޔާންކޮށް، މައިގަނޑު 8 ނުކުތާ އަކާއި، އިތުރު 3 ކަމެއް ހިމެނޭގޮތަށް ޖުމްލަ 11 ކަމެއްގެ ވާހަކަ ހިމަނާފައެވެ.

ޕާޕާގެ ސިޓީގައި ފުރަތަމަ ކަމެއްގެ ގޮތުގައި ހިމަނާފައިވަނީ، ޤާނޫނު ނަމްބަރު 2013/14 ( ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު ) ގެ 101 ވަނަ މާއްދާގެ (ހ) ގައި ޤާނޫނުގެ ދަށުން ޖަލުހުކުމް ކަނޑައަޅާފައިވާ ކުށްތަކުގެ ތަފްސީލާއި، ޑިސިޕްލިނަރީ ނިޒާމް ހިނގާނޭ ގޮތާއި، ކަނޑައެޅޭ އަދަބުތަކުގެ ކޮޕީއެއް ޤައިދީންނަށް ފެންނަ ތަނެއްގައި ބަހައްޓައި އަދި ޤައިދީއަކު އެދިއްޖެނަމަ، އޭނާއަށް އޭގެ ކޮޕީއެއް ދޭންވާނޭކަމަށް ބަޔާންކޮށްފައިވާއިރު، އެކަން އެގޮތަށް ނުހިނގާ މައްސަލައެވެ. އެގޮތުން، ޕާޕާ ޖަލުގައި ހުންނަތާ ދޮޅުއަހަރަށްވުރެ ގިނަދުވަސް ވެގެން ދިޔައިރުވެސް ލޮލަށް ފެންނަ ހިސާބުގައި މިޤަވާއިދު ބަހައްޓާފައި ނެތް ކަމަށާ، ތަކުރާރުކޮށް އެދުމުންވެސް މިޤަވާއިދު ލިބޭނޭ އިންތިޒާމް ހަމަޖައްސައިދީފައިނުވާކަން ޕާޕާ ވަނީ ފާހަގަކޮށްފައެވެ. އަދި މިއީ ޖަލުގައި ޙުކުމް ތަންފީޒު ކުރަމުންގެންދާ ހުރިހާ ޤައިދީންނާއިމެދުވެސް ޢަމަލުކުރެވެމުން ގެންދާ ގޮތްކަން އެގިފައިވާކަމަށް ޕާޕާގެ ސިޓީގައި ވަނީ ބުނެފައެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ޕާޕާގެ ސިޓީގައި ފާހަގަކޮށްފައިވަނީ، 2. ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ 56 ވަނަ މާއްދާގައިވާގޮތުން ޖަލުގައި މީހާ ބަންދު ކުރެވޭތާ 21 ދުވަސްތެރޭގައި އެ ޤައިދީއަކަށް ސަލާމަތީ ގިންތީގެ ދަރަޖަ ކަނޑައަޅައި، އެގިންތިއާއި އެއްގޮތްވާ ގޮތުގެ މަތިން އެމީހަކު ބަހައްޓާނޭ ތަނެއް ޖަލުގައި ކަނޑައަޅަން ވާނޭކަމަށް ބަޔާންކޮށްފައިވާއިރު އެކަން އެގޮތަށް ކުރަމުން ނުދާ މައްސަލައެވެ. އެގޮތުން، ޖަލަށް ލުމާއި ގުޅިގެން އޭނާގެ ސަލާމަތީ ގިންތި ކަނޑައެޅިފައިވާނަމަ އެގިންތި ސާފުކޮށް ދިނުމަށް މާފުށީ ޖަލުގެ އިދާރާއަށް ލިޔުމުން ޕާޕާ އެދުނު ނަމަވެސް، މިއަދާއި ހަމައަށް ޕާޕާ ބަންދު ކޮށްފައިވަނީ ކޮން ގިންތިއެއްގައިކަން އަދި ވަނީ ސާފުކޮށްދީފައި ނުވާ ކަމަށާ، ނަމަވެސް ޕާޕާ ބަހައްޓާފައި ހުރި ޔުނިޓް 02 ހިންގުމުގައި ވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ ސ.ޕްރިޒަންސް އޮފިސަރަކަށް އެކަމުގެ ޝަކުވާ ކުރުމުން ޕާޕާ އަދި ގިންތިކޮށްފައި ނުވާކަމަށް ބުނެފައިވާ ކަމަށް ސިޓީގައި ވަނީ ބަޔާންކޮށްފައެވެ. ގިންތި ނުކުރުމުގެ ސަބަބުން، ރާއްޖޭގައި ޙުކުމް ތަންފީޒުކުރަމުން ގެންދާ އެންމެ ނުރައްކާތެރި ކުށްވެރިންނާއި، މަރަށް ޙުކުމް ކޮށްފައިވާ ކުށްވެރިންނާއިއެކު އެއް ޔުނިޓެއްގައި، އެމީހުންގެ ތެރޭގައި ޕާޕާ އާއި ދައުލަތުގެ އިސްމަޤާމްތަކެއް ފުރުއްވާފައިވާ ބައެއް ބޭފުޅުންނާއި، މަޤާމުގައި ހުރި ފަނޑިޔާރަކު ގެންގުޅެމުން ގެންދާކަން ޕާޕާ ވަނީ ފާހަގަކޮށްފައެވެ. އަދި މިއީ ޕާޕާ އާއި ޔުނިޓު 02 ގައި ޙުކުމް ތަންފީޒުކުރަމުންގެންދާ ބައެއް ޤައިދީންނަށް ޤާނޫނުގެ ތެރެއިން ލިބެންޖެހޭ އެތަކެއް އިނާޔަތްތަކުން އެފަރާތްތައް މަޙްރޫމް ކުރުމަށް ޤަޞްތުގައި ޖަލުގެ ވެރިން ހިންގާ ޖަރީމާއެއްކަމަށް ޕާޕާވަނީ ތުޙުމަތުކޮށްފައެވެ.

ސިޓީގައި ތިންވަނަ ކަމެއްގެ ގޮތުގައި ޕާޕާ ފާހަގަކޮށްފައިވަނީ، ޤާނޫނުގެ 65 ވަނަ މާއްދާގައި ސަލާމަތީ ގިންތީގެ އެންމެ މަތީ ދަރަޖަ އާއި މަސައްކަތް ކުރާ ޤައިދީން ފިޔަވައި އެހެން ޤައިދީން ދުވާލަކު އެއްފަހަރު މަދުވެގެން 01 ގަޑިއިރަށް ބަންދުކޮށްފައިވާ ތަނުން ބޭރަށް ނެރެންވާނޭ ކަމަށް ބަޔާންކޮށްފައިވާއިރު، ޕާޕާ ހިމެނޭގޮތަށް ޔުނިޓް 02 ގައި ތިބި ޤައިދީން ބޭރަށް ނެރެނީ މަރު ހުކުމް ތަންފީޒްކުރަމުންގެންދާ ކުށްވެރިންނާއި، ނުރައްކާތެރި ކުށްވެރިންނާއި އެއް ހަމައަކުން ހަފްތާއަކު 03 ދުވަހު ކަމެވެ.

އަދި މިކަމާއި ބެހޭގޮތުން ޝަކުވާ ކުރުމުން ލިޔުމުން ޖަވާބުދީފައިވަނީ ޤާނޫނުގައިވާ ގޮތުގެ މަތިން ކޮންމެ ދުވަހަކު ބޭރަށް ނެރޭނޭކަމަށް ކަމަށާ، ނަމަވެސް އެގޮތަށް ޢަމަލު ކުރަމުން ނުދާކަން ސިޓީގައި ވަނީ ފާހަގަކޮށްފައެވެ. އަދި ޕާޕާ މާފުށީ ޖަލަށް ގެންގޮސް ބަންދު ކުރުމަށްފަހު، 07 މަސް ދުވަހު އެއްގޮތަކަށްވެސް ގޮޅިން ނުނެރެ ގެންގުޅެފައިވާކަންވެސް ޕާޕާ ވަނީ މި ސިޓީގައި ހާމަކޮށްފައެވެ.

ސިޓީގައި ހަތަރުވަނަ ކަމެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ، ޖަލުތަކާއި ޕެރޯލްގެ ޤާނުނުގެ 67 ވަނަ މާއްދާގައި ޤައިދީންނަށް، އެ ޤާނޫނުގެ 62 ވަނަމާއްދާގައި ލިބިދިނުމަށް ލާޒިމްކޮށްފައިވާ އަސާސީ ޚިދުމަތްތަކުގެ އިތުރުން، އިތުރު އިނާޔަތްތަކެއް ދެވޭނޭ ނިޒާމެއް ޑިރެކްޓަރ އޮފް ޕްރިޒަންސް ޤާއިމް ކުރަންވާނެކަމަށް ބަޔާންކޮށްފައިވާ ކަމަށާ، މީގެ ތެރޭގައި ޤައިދީން ބަންދުކޮށްފައިވާ ތަނުން ނިކުމެ އެހެން ޤައިދީންނާއިއެކު ވަގުތު ހޭދަކުރެވޭނޭގޮތް ހަމަޖެއްސުން ހިމެނިދާނޭކަމަށް ބަޔާންކޮށްފައިވާ ކަމަށާއި، އަދި މާފުށީ ޖަލުގައި ހައި ރިސްކު ޤައިދީންނާއި އިނާޔަތް ކަނޑާލާފައިވާ ޤައިދީން ފިޔަވައި އެހެން ޤައިދީން ތިބޭ ޔުނިޓްތަކުގައި ބަންދުކުރެވިފައި ތިބޭ ޤައިދީންގެ ގޮޅިތަކުގެ ދޮރުތައް ހެނދުނުގެ ވަގުތުން ފެށިގެން ރޭގަނޑުގެ އިރާކޮޅުގެ ވަގުތަށް ހުޅުވައި، ކޯރިޑޯ ތެރެއަށް ޤައިދީން ނެރުނު ނަމަވެސް ޕާޕާ އާއި މެދު އެފަދައިން ކަން ކުރެވެމުން ނުދާ ވާހަކައެވެ. އެގޮތުން މާފުށީ ޖަލުގައި ޕާޕާ ބަންދުކުރި ދުވަހުން ފެށިގެން މިއަދާއި ހަމައަށް ޕާޕާ ބަންދުކުރެވިފައިވާ ގޮޅީގެ ދޮރު، އެ އުސޫލުން ހުޅުވައި ޕާޕާ އާއި އޭނާ އާއި އެކު ތިބި ޤައިދީން ކޮރިޑޯއަށް ދޫކުރެވިފައި ނުވާކަން ސިޓީގައި ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން މާފުށީ ޖަލުގައި ޕާޕާ ބަންދުކުރެވުނު ފަހުން މުޅިންވެސް އޭނާ ގެންގުޅެފައިވަނީ ކަރަންޓު ނެތް އަނދިރި ގޮޅިއެއްގައި ކަމާއި، މާފުށީ ޖަލުގެ އެހެނިހެން ޔުނިޓް ތަކުގައި ޤައިދީން ތިބޭ ގޮޅިތަކަށް ކަރަންޓް ލިބޭ ކަމަށާ، އެ ގޮޅިތަކުގައި ފަންކާ ހުންނަކަން ޕާޕާ ވަނީ ފާހަގަކޮށްފައެވެ. އަދި އެހެން ޔުނިޓުތަކުގެ ގޮޅިތަކަށް ޓީވީ އަދި ރޭޑިއޯގެ ޚިދުމަތްވެސް ލިބުނު ނަމަވެސް އެ ޚިދުމަތްތަކުން ޕާޕާ އާއި ޕާޕާ އޮތް ގޮޅި ހިމެނޭ ކޯރިޑޯގައި ތިބި ޤައިދީން މަޙްރޫމް ކޮށްފައިވާކަންވެސް ސިޓީގައި ވަނީ ފާހަގަކޮށްފައެވެ.

މިއީ ތަފާތު ކުރުމެއް ކަމަށާއި، އެހެންކަމުން މިއީ ޤާނޫނުން އެންމެންގެ މައްޗަށް އެއް ހަމައަކުން ޢަމަލުކުރުމަށާއި ޤާނޫނު ހިންގުމަށް މިޖަލުގެ ވެރިން ނުކުޅެދިފައިވާ ކަމުގެ ހެއްކެއް ކަމަށް ޕާޕާގެ ސިޓީގައި ވަނީ ބުނެފައެވެ. މީގެ އިތުރުން އެހެން ޤައިދީންނާއި ޚިލާފަށް ޕާޕާ ބަންދު ކުރެވުނުފަހުން މިއަދާއި ހަމައަށް ޕާޕާ ގެންގުޅެފައިވަނީ ކެމެރާ ހަރުކޮށްފައިވާ ގޮޅިއެއްގައި ކަމާއި، މިހާރު ޕާޕާ ބާއްވާފައި އޮތް ޔުނިޓްގައި ގާތްގަނޑަކަށް ޖުމްލަ 52 ކެމެރާ ހަރުކޮށްފައިވާކަން ޕާޕާ ވަނީ ސިޓީ ރައްދުވި ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައެވެ. ޕާޕާގެ ސިޓީގައި ބުނެފައިވަނީ މިއީވެސް ތަފާތުކުރުމެއް ކަމުގައި ދެކޭ ކަމަށާއި، ކެމެރާހުރި ގޮޅިތަކުގައި އާއްމު ޤައިދީން ގެންގުޅުމަކީ ބައިނަލް އަޤްވާމީ މުއާހަދާތަކާއި، ދިވެހިރާއްޖޭގެ އެންޓި ޓޯޗަރ ޤާނޫނު ( ޤާނޫނު ނަމްބަރު 2013/13 ) ގައިވާ ގޮތުން ޓޯޗަރ ގެ ޢަމަލެއް ކަމުން މިއީ ޓޯޗަރގެ ޢަމަލެއްކަމުގައި ޕާޕާ ދެކޭކަމަށެވެ.

ސިޓީގައި ފަސްވަނަ ކަމެއްގެ ގޮތުން، ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ 62 ވަނަ މާއްދާގައި ޖަލުގައި ޤައިދީން ތިބޭހައި ދުވަހަކު އެބައިމީހުންނަށް ލިބިދޭންޖެހޭ އަސާސީ ޚިދުމަތްތައް ކަމަށް ބަޔާންކޮށް ޖުމްލަ 08 ކަމެއް ބަޔާންކޮށްފައި ވީނަމަވެސް މިއަސާސީ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ ބައެއް ކަންކަމުންވެސް ޤައިދީން މަޙްރޫމް ކުރަމުންދާކަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ހިމެނެނީ:

(ހ) "ނަމާދުކޮށް، ރޯދަ ހިފައި، ޤުރުއާން ކިޔެވުމުގެ އިންތިޒާމް" ޤާނޫނުގެ 62 ވަނަ މާއްދާގެ (ހ) ގައި ޤައިދީންނަށް ލިބިދޭންޖެހޭ އަސާސީ ޚިދުމަތެއްކަމަށް ބަޔާންކޮށްފައިވާއިރު، ސުންނަތް ރޯދަ ހިފުމަށް ހާރުކެއުމުގެ އިންތިޒާމް ހަމަޖެހިފައި ނުވާކަމާއި ރޭގަނޑު 10 ގެފަހުން އިރުއަރައި އަލިވިލުމާއި ދޭތެރޭގައި ޤުރުއާން ކިޔެވޭ ވަރުގެ އަލިކަމެއް ޕާޕާ ބާއްވާފައި އޮންނަ ގޮޅީގައި ނެތުން

(ށ) ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ 62 ވަނަ މާއްދާގެ (ނ) ގައި ބޭސްފަރުވާ ކުރުމުގެ އިންތިޒާމް ހަމަޖައްސައިދޭން ޖެހޭނެކަމަށް ބަޔާންކޮށްފައިވާއިރު ޖަލުގައި ހުންނަވާ ޖީޕީ ސްޕެޝަލިސްޓް ޑޮކްޓަރަކަށް ދެއްކުމަށް އިރުޝާދު ދިނުމުން މާލެ ގެންގޮސް ޑޮކްޓަރަށް ދެއްކެނީ އެންމެ އަވަސްވެގެން ވެސް 05 ވަރަކަށް މަސް ފަހުން ކަމާއި، ޑޮކްޓަރު ބެއްލެވުމަށްފަހު އެކްސްރޭ ނަގައިގެން ދެއްކުމަށް އެންގުމުން އެކްސްރޭ ނެގެނީ އަނެއް 04 މަސް ފަހުން ކަމުން ޤައިދީއަށް އަސްލު ދޭންޖެހޭ ފަރުވާއާއި ހަމައަށް ދެވޭއިރު ހުންނަނީ އަހަރެއް ފާއިތުވެފައިކަން. ކަމާއި ބެހޭ އިދާރާއަކުން ޖަލަށް ޒިޔާރަތްކޮށް ބައްލަވައިފިނަމަ ޖަލުގެ ޖީޕީ މާލެއިން ޑޮކްޓަރަށް ދެއްކުމަށް ރެފަރ ކޮށްފައިވާ ޤައިދީން މާލެ ގެންދެވޭ އެވްރެޖް މުއްދަތަކީ 01 އަހަރު ފަސްކަން ޑޮކިއުމެންޓް ތަކުން ފެންނަން ހުންނާނެކަން. މީގެ އިތުރުން ސިއްޙީ ފަރުވާ އެކަށީގެންވާ މިންވަރަށް ނުދެވުމުގެ ސަބަބުން ޕާޕާ ޖަލަށް ގެންދިޔަ ފަހުންވެސް، ޤައިދީންތަކެއްގެ ފުރާނަ ގެއްލިގެން ގޮސްފައިވާކަން. އަދި މިކަމުގައި ޒިންމާ ނަގާނޭ އެއްވެސް ފަރާތެއް ނެތްކަން.

(ނ) ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ 62 ވަނަ މާއްދާގެ (ރ) އަދި (ބ) ގައިވާ އަސާސީ ޚިދުމަތްތައް ކަމުގައިވާ، މަސައްކަތްކޮށް، ކަސްރަތުކޮށް އުޅުމުގެ އިންތިޒާމާއި، މުޖުތަމަޢުއަށް އަނބުރާ ގެންދިއުމަށްޓަކައި ބޭނުންވާ އެހީތެރިކަން ލިބިގަތުމުގެ އިންތިޒާމް ހަމަޖެހިފައި ނުވާކަން.

(ރ) ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ 62 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ އަސާސީ ޚިދުމަތް "ޢާއިލާއާއި މުޢާމަލާތްކޮށް ބައްދަލުކުރުމުގެ އިންތިޒާމް" މިއީ އަސާސީ ޚިދުމަތެއް ކަމުގައި ބަޔާންކޮށްފައިވާއިރު މާފުށީ ޖަލުގައި މިވަގުތު ހުންނެވި ޑިރެކްޓަރ އޮފް ޕްރިޒަންސް، މިއީ ޤައިދީންނަށް މިޤާނޫނުގެ 67 ވަނަ މާއްދާގެ ދަށުން ދެވޭ އިނާޔަތެއް ކަމަށް ކަނޑައަޅައި އެތަކެއް ޤައިދީންނަށް ޖަލުގައި ދެވޭ އަދަބެއްގެ ގޮތުގައި ޢާއިލީ ބައްދަލުވުން ތަކާއި، ޢާއިލީ ފޯނުކޯލުތައް ހިމަނާފައި ވާކަމާ، ނަތީއްޖާއެއްގެ ގޮތުން އިނާޔަތް ކަނޑަމުން ކަނޑަމުން ގޮސް 01 އަހަރު ނުވަތަ 02 އަހަރުގެ މުއްދަތަށްވެސް ބައެއް ޤައިދީންނަށް ޢާއިލީ ބައްދަލުވުމާއި، އާއިލާއަށް ގުޅާ ފޯނުކޯލު ލިބުމުން މަހްރޫމްވެގެން ގޮސްފައިވާކަން. އަދި ޤާނޫނާއި ޚިލާފަށް ޕާޕާ އާއި މެދުވެސް މިއުޞޫލުން ޢަމަލުކޮށްފައިވާއިރު، މިއީ ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނާއި، އެންޓި ޓޯޗަރ ޤާނޫނުގެ 14 ވަނަ މާއްދާގެ (14) ގައިވެސް ސާފު އިބާރާތުން މިއީ ޓޯޗަރގެ ޢަމަލެއް ކަމުގައި ބަޔާންކޮށްފައިވާކަން.

(ބ) ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ 62 ވަނަ މާއްދާގެ (އ) ގައި ޤައިދީންނަށް ފޮތްކިޔަން ލިބެން ހުރުން އެއީ އަސާސީ ޚިދުމަތެއްކަމަށް ކަނޑައަޅާފައިވާއިރު ޢާއިލާއިން ޖަލަށް ފޮނުވޭ ތަކެތީގެ ތެރޭގައި ފޮތް ނުހިމެނޭ ކަމާއި، ފޮތަކީވެސް ޖަލަށް ވެއްދުން މަނާ، ނުރައްކާއެއްޗެއްގެ ގޮތުގައި ކަނޑައަޅާފައިވާކަން.

މީގެ އިތުރުން ދެން ޕާޕާގެ ސިޓީގައި ހިމަނާފައިވާ ކަމަކީ، ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގައި ޤައިދީންގެ ޝަކުވާތަކާއި ޤައިދީން ބޭނުންވާ ކަންތައްތައް ޖަލުގެ އިދާރާއަށް ހުށަހެޅޭނެ އިންތިޒާމް ހަމަޖައްސައިދޭންވާނޭ ކަމަށާއި، ޤާނޫނުގެ 82 ވަނަ މާއްދާގެ (ނ) ގެ 02 ވަނަ ނަމްބަރުގައި ޤައިދީންގެ ޝަކުވާތަކަށާއި ހުށަހެޅުންތަކަށް 05 ދުވަހުގެ ތެރޭގައި ޖަވާބުދިނުމަށް ލާޒިމްކޮށްފައިވާއިރު ހުށަހަޅާ ޝަކުވާތައް ނުބެލުމުގެ އިތުރުން ޖަވާބު ދެނީވެސް ހިތަށް އެރި ދުވަހަކުންކަމެވެ.

ހަތްވަނަ ކަމެއްގެ ގޮތުގައި ސިޓީގައި ހިމަނާފައިވަނީ، ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގައި ޖަލުގެ ޝަކުވާތަކާއި ހުށަހެޅުންތައް ޑިރެކްޓަރ އޮފް ޕްރިޒަންސްއަށް ހުށަހެޅުމުން ނުބަލައިފިނަމަ އެކަށޭނަ އިސްތިއުނާފީ ނިޒާމެއް ޤާނޫނުގައި އެކަށައަޅުއްވާފައި ވާކަމާއި، މިކަން ޤާނޫނުގެ 83 ވަނަ މާއްދާ އަދި 84 ވަނަ މާއްދާގައިވަނީ ބަޔާންކޮށްދީފައިވާކަމެވެ. ނަމަވެސް އެ މާއްދާތަކުގައި ބުނާ "އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސަސް" އަކީ ހުންނަ މީހެއްކަންވެސް ޤައިދީންނަށް ނޭނގޭކަމަށާ، ޤާނޫނުގެ 09 ވަނަ މާއްދާ އާއި 10 ވަނަ މާއްދާއަށް ބެލުމުން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސަސް އަކީ މިނިޒާމްގެ ސުޕަވިޝަން ކަންތައްތައް މިނިވަންކަމާއިއެކު ބެލެހެއްޓޭފަދަ މެންޑޭޓެއް ޤާނޫނުން ދެވި، ޖަލުގައި ކަންކަން ހިނގާގޮތްތައް ބަލައި އެކަންކަން މިނިސްޓަރަށް ރިޕޯޓް ކުރުމަށްޓަކައި ހޯމް މިނިސްޓަރ އައްޔަންކުރައްވާ ބޭފުޅެއްކަން އެނގޭ ކަމަށެވެ. އަދި އެ އިންސްޕެކަޓަރ އެޒިންމާ އަދާކުރުމަށް ބޭނުންވާނޭ މުވައްޒަފުންނާއި ވަސީލަތްތައް ހޯދައިދިނުން މިނިސްޓަރަށް  ލާޒިމްކޮށްފައި ވީނަމަވެސް، މިމަޤާމުގައި ހުރި ބޭފުޅަކު ނުވަތަ މިމަޤާމަށް އައްޔަންކުރެވިފައިވާ ޖަލު އޮފިސަރަކުވެސް މާފުށީ ޖަލުގައި ނެތުމުގެ އިތުރުން މި އިންސްޕެކްޓަރ ޤައިދީންނަށް އަދި މިހާތަނަށް ފެނިފައި ނުވާކަމަށް ޕާޕާގެ ސިޓީގައި ވަނީ ބުނެފައެވެ.

މައިގަނޑު ފަހު ކަމެއްގެ ގޮތުގައި ސިޓީގައި ބަޔާންކޮށްފައިވަނީ، ޑިރެކްޓަރ އޮފް ޕްރިޒަންސް އޭނާއަށް ޤާނޫނުން ނުލިބޭ ބާރެއްގެ ބޭނުންކޮށްގެން ޤާނޫނީ އިޖުރާތުތަކަށް ބެލުމެއްނެތި ހިތުހުރި ގޮތަކަށް ޤައިދީންނާއި މެދު ފިޔަވަޅު އަޅަމުންދާ ވާހަކައެވެ. އެގޮތުން، ޤައިދީން ޖަލުގައި ކުރާ ކުށުގެ ނަމުގައި ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގައި 10 ވަނަ ބާބުގެ ނަމުގައި ވަކި ބާބެއް ހިމަނައި، ޖަލުގައި ޤައިދީންކުރާ ކުށްތަކަށް ފިޔަވަޅު އަޅަންވާނީ މިނިވަންކަމާއިއެކު މައްސަލަ ބެލޭނޭ މެންޑޭޓް ދީފައިވާ ޑިސިޕްލިނަރީ ބޯޑަކުން ކަމަށާއި ޤައިދީންނަށް އެބައިމީހުންނާއި މެދުގައި ފިޔަވަޅު އެޅުމުގެ ކުރިން ދިފާއުގައި ވާހަކަދެއްކުމުގެ ފުރުސަތާއި ހެކި ހުށަހެޅުމުގެ ފުރުސަތު ދޭންޖެހޭނޭ ކަމަށާއި ޤައިދީއަކު ކުށެއްކުރުމުން ޑިރެކްޓަރ އޮފް ޕްރިޒަންސްއަށް ޤާނޫނު ދީފައިވާ ފިޔަވަޅު އެޅުމުގެ ބާރުތަކާއި، ޑިސިޕްލިނަރީ އަޑުއެހުންތައް ބާއްވާނޭ ގޮތާއި އަދި އަދަބު ކަނޑައެޅޭނޭ ގޮތް ވަރަށް ތަފްޞީލް ގޮތެއްގައި ބަޔާންކޮށްފައިވައިރުވެސް، ޖަލުގައި ޤައިދީންނާއިމެދު ފިޔަވަޅު އަޅަމުންދަނީ ޤާނޫނާއި ދިމާ އިދިކޮޅަށް، ޖަލުގައި ވެރީންނަށް ތިބި ބަޔަކު އޭރު ހިތަށް އެރިގޮތަކަށް ކަމަށް ޕާޕާގެ ސިޓީގައި ބުނެފައިވެއެވެ. އަދި ޤާނޫނީ އިޖުރާތުތަކުގެ ބޭރުން ޤާނޫނާއި ޚިލާފް ފިޔަވަޅުތަކެއް އަޅައި، ޕާޕާ އާއި މެދުވެސް ޓޯޗަރގެ ޢަމަލު ހިންގާފައިވާކަމަށް ޕާޕާ ވަނީ ތުޙުމަތުކޮށްފައެވެ.

ޤައިދީން ޖަލުގައި ކުރާ ކުށްތަކާއި ގުޅިގެން ޢަމަލުކުރަންޖެހޭގޮތް ބަޔާންކޮށް ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ 93 ވަނަ މާއްދާގައި ޖަލުގައި ޤައިދީއަކު ކުށެއްކުރުމުން ޑިރެކްޓަރ އޮފް ޕްރިޒަންސް އަމަލުކުރަން ޖެހޭނީ 02 ގޮތަކަށްކަން ބަޔާންކޮށްފައިވާއިރު، ޕާޕާ އާއި ޖަލުގައި ތިބި އެހެން ޤައިދީންނާއިމެދުވެސް ފިޔަވަޅުއަޅައި، ނުވަތަ އަޅަމުންދަނީ މިހާރު ޑިރެކްޓަރ އޮފް ޕްރިޒަންސްއަކަށް ހުންނެވި ބޭފުޅާއަށް ޤާނޫނުން ލިބިދޭ ބާރު ނަހަމަ ގޮތުގައި ބޭނުންކޮށް, ޤާނޫނީ އިޖުރާތުތަކުގެ ބޭރުން ކަމަށާ، އެއީ ޑިސިޕްލިނަރީ ބޯޑަށް ފޮނުވުމެއް ނެތި ޖަލު ހިންގަވާ ވެރިން ބޭނުންވާ ގޮތަށް އެކަންކުރާ ގޮތަށް ކަމަށްވެސް ޕާޕާގެ ސިޓީގައި ވަނީ ތުޙުމަތުކޮށްފައެވެ. އެގޮތުން، ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ 94 ވަނަ މާއްދާގައިވާގޮތުން ޑިސިޕްލިނަރީ ބޯޑުގެ އަޑުއެހުމަށް ޤައިދީން ހާޒިރުކޮށް ދިފާޢުގައި ވާހަކަދެއްކުމަށާއި، ދިފާޢީ ހެކި ހުށަހެޅުމަށް ބޭނުންވޭތޯ ބަލައި ސާފުކުރަންވާނޭ ކަމަށް ސާފުބަހުން ބަޔާންކޮށްފައިވާއިރު ޤައިދީންނާއިމެދު މިފަދަ ފިޔަވަޅު އަޅަމުންދަނީ ޑިސިޕްލިނަރީ ބޯޑަށް ހާޒިރުނުކޮށް، އެބޯޑަށް މައްސަލަވެސް ހުށަހެޅުމެއްނެތި ކަމަށް ސިޓީގައި ވަނީ ބުނެފައެވެ.

އަދި، ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ 95 ވަނަ މާއްދާގައި އަދަބު ކަނޑައަޅަންޖެހޭ ގޮތް ކަނޑައަޅާފައިވާގޮތުން އެމާއްދާގެ (ހ) ގައި ވަނީ " ސާބިތުވާ ކުށަށް މިމާއްދާގައި ބަޔާންކޮށްފައިވާ އަދަބުތަކުގެ ތެރެއިން އަދަބެއް ނުވަތަ އަދަބުތަކެއް ޑިސިޕްލިނަރީ ބޯޑަށް ކަނޑައެޅިދާނޭ " ކަމަށް ކަމަށާއި، ނަމަވެސް މިމާއްދާގައި ސާފުކޮށް އަދަބެއް ނުވަތަ އަދަބުތަކެއް މިގޮތަށް ބަޔާންކޮށްފައިވަނިކޮށް ޕާޕާ އާއިމެދު ޤާނޫނާއި ޚިލާފަށް ޑިރެކްޓަރ އޮފް ޕްރިޒަންސް އެޅި ފިޔަވަޅުގައި އަދަބެއްގެ ގޮތުގައި ޕާޕާއަށް ދެވޭ ހުރިހާ އިނާޔަތެއް އެއްކޮށް، ވަކި މުއްދަތަކަށް އުނިކޮށްފައިވާކަން ޕާޕާ ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އުނިކުރި އިނާޔަތްތަކުގެ ތެރޭގައި އާއިލާއަށް ގުޅުމަށް ލިބޭ ފޯނުކޯލާއި، އާއިލީ ބައްދަލުވުންވެސް ހިމެނޭކަން ޕާޕާ ފާހަގަކޮށްފައިވެއެވެ.

އަދި މިގޮތަށް ކަންކުރުމުން، ޙުކުމް ތަންފީޒުކުރަމުންގެންދާ ޤައިދީން ޕެރޯލްއަށާއި ކްލެމެންސީއަށް އެދި ހުށަހެޅުމުން ޤާނޫނީ އިޖުރާތުތަކާއި ޚިލާފަށް ޑިރެކްޓަރ އޮފް ޕްރިޒަންސް ޤައިދީންނާއި ދޭތެރޭ އަޅާފައިވާ މިފިޔަވަޅުތަކުގެ ރެކޯޑްތަކަށް ބަލައި ޤައިދީން ޕެރޯލްއާއި ކްލެމެންސީން މަޙްރޫމް ވަމުންދާކަން ޕާޕާ ވަނީ ފާހަގަކޮށްފައެވެ.

މި 8 ނުކުތާގެ އިތުރުންވެސް، ޕާޕާގެ ސިޓީގައި ވަނީ ސިޓީ ރައްދުވާ ފަރާތްތަކުގެ ސަމާލުކަމަށް 3 ކަމެއް ގެނެސްފައެވެ. އެގޮތުން ގެނެސްފައިވާ ކަންކަމުގެ ތެރޭގައި ހިމެނެނީ، ޤައިދީންނަށް ވިޔަފާރި ކުރެވޭ ގޮތަށް ޖަލުގައި ހުޅުވާލާފައިވާ ފުރުސަތުގެ ތެރެއިން ވިޔަފާރި ކުރަމުން ގެންދާއިރު ތަކެތީގެ އަގު ހުރީ ދިވެހިރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ރީޓެއިލް އަގުގައި ތަކެތި ނުވިއްކާނެހައި ބޮޑު އަގުތަކުގައި ކަން ޕާޕާ ވަނީ ފާހަގަކޮށްފައެވެ.

އަދި ޖަލުގައި ޙުކުމް ތަންފީޒު ކުރަމުންގެންދާ ޤައިދީންނަށް ޤައިދީންގެ ޙައްޤުތަކާއި ގުޅުންހުރި ޤާނޫނުތަކާއި ޤަވާއިދުތައް ޖަލުގެ އިދާރާއިން މީގެކުރިން ފޯރުކޮށްދެމުން އައިސްފައި ވީނަމަވެސް، މިހާރު އެތަކެތި ކޮޕީ ނަގާ ކޮންމެ ގަނޑަކަށް 2 ރުފިޔާ 50 ލާރި ޤައިދީން އަތުން އަތުލަން ފަށައި، ޤައިދީންގެ ޙައްޤުތައް އެކަށައަޅާފައިވާ ޤާނޫނާއި ޤަވާއިދުތައް ފޯރުކޮށްދިނުމަކީ ވިޔަފާރި އުޞޫލުން ކުރާ ވިޔަފާރިއަކަށް ވެފައިވާ ކަންވެސް ޕާޕާގެ ސިޓީގައި ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ދެން ފާހަގަކޮށްފައިވަނީ، ޖަލުގައި އާމްދަނީ ހޯދުމަށް މަސައްކަތްކުރާ ޤައިދީންނަށް ދެވޭ އުޖޫރައަކީ އެވެރެޖް 900 (ނުވަ ސަތޭކަ) ރުފިޔާ ކަމާއި، އެންމެ ބޮޑު މުސާރައިގެ ގޮތުގައި ލިބެނީވެސް 2000 (ދެހާސް ) ރުފިޔާ ކަމެވެ. އަދި ޤައިދީން ލައްވާ ކުރުވާ ބުރަ، ބޮޑު މަސައްކަތަށް ބަލާއިރު މިއީ ޤައިދީންނަށް ޙައްޤުވާ ވަރު ނޫންކަމަށް ޤަބޫލުކުރަން ޖެހޭ ކަމަށާ، ފޯސްޑް ލޭބަރ ނުވަތަ ނުއަގުގައި ޖަލުން ބޭރުގައި ޤައިދީން ލައްވައި މަސައްކަތް ކުރުވައި އޭގެން ވަކި ބަޔަކު ނާޖާއިޒް ފައިދާ ނަގަމުން ގެންދާކަމަށް ޕާޕާ ވަނީ ތުޙުމަތުކޮށްފައެވެ.

ޕާޕާގެ ސިޓީގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ 12 ވަނަ މާއްދާގައި މުސްތަޤިއްލު ކޮމިޝަން ތަކަށް ޖަލުގެ ޙާލަތު ބަލައި އިންސްޕެކްޝަން ހިންގުމަށް ބާރު ދީފައިވާއިރު އެކަން އެއްގޮތަކަށްވެސް ކުރަމުން ނުގެންދާ ކަމަށާ، ޚާއްޞަ ގޮތެއްގައި ހިއުމަން ރައިޓްސް ކޮމިޝަންއާއި، ރާއްޖޭގެ އަމިއްލަ ޖަމުޢިއްޔާތަކުން އެތަންތަނުގެ ދައުރު ފުރިހަމަ ގޮތުގައި އަދާކުރަމުން ގެންދާނަމަ މިޙާލަތަށް ޖަލުގެ ކަންކަން ނުދާނޭ ކަމުގައި ދެކޭކަމަށް ޕާޕާގެ ސިޓީގައި ބުނެފައިވެއެވެ.

ޕާޕާގެ ސިޓީގައި ބުނެފައިވަނީ، މީގެ އެތަކެއް އަހަރު ކުރިން، އެކަށީގެންވާ ޤާނޫނުތަކާއި ޤަވާއިދު ތަކާއި ނުލާ ޖަލު ހިންގި ދުވަސްވަރު، މާފުށީ ޖަލުގެ ވެރިއެއްގެ ގޮތުގައި ހުރިއިރު ހުރި މީހެއްގެ ހައިސިއްޔަތުން، އެ ދުވަސްވަރަށްވަރު ޖަލު އޮތް ޙާލަތަށް ވުރެން މިހާރު މާފުށީ ޖަލުގެ ޙާލަތު އެތައް ގުނައެއް ގޯސް ވެފަވާކަމަށް ދެކޭ ކަމަށް ޕާޕާގެ ސިޓީގައި ވަނީ ބުނެފައެވެ.

ޕާޕާގެ ސިޓީ އާއި ގުޅިގެން ސިޓީ ރައްދުވި ފަރާތްތަކުން މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައިވާކަން އެފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
15 ސެޕްޓެންބަރ 2017 | ހުކުރު 23:05
ސައްޕޭ
ކަލޭމެން ބަޣާވާތްކޮށް ޤައުމެއްފުޑާލިއިރަކު ހިތަނާރާ ތިއައީ ދުވަހަކުވެސް ފެންނާނެ ދުވަހެކޭ