ރޮހިންޖާގެ މުސްލިމުންނަށް އެހީވުމަށް ރާއްޖެޓީވީއިން އިސްނަގައިގެން ކުރިއަށް ގެންދިޔަ "ދިވެހިން، ރޮހިންޖާ މުސްލިމުންނާއެކު" ޓެލެތޯނަށް ޖުމްލަ 5.16 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް ރާއްޖެޓީވީއިން ހާމަކޮށްފިއެވެ.
ރާއްޖެޓީވީއިން ނެރުނު ނޫސްބާޔާނެއްގައި ބުނެފައިވަނީ ސެޕްޓެމްބަރު 10 ވީ އާދީއްތަ ދުވަހުގެ މެންދުރު ފަހު 2:42 އިން ފެށިގެން 30 ގަޑިއިރަށް ކުރިއަށް ގެންދިޔަ ޓެލެތޯނަށް 5،167،645.26 ރުފިޔާ (ފަސް މިލިއަން އެއްލައްކަ ފަސްދޮޅަސް ހަތް ހާސް ހަ ސަތޭކަ ސާޅީސް ފަސް ރުފިޔާ ސައްބީސް ލާރި) ލިބިފައިވާކަމަށެވެ.
ނޫސްބަޔާނުގައި ބުނެފައިވަނީ މި ޓެލެތޯނަކީ މިހާތަނަށް ރާއްޖޭގެ އަމިއްލަ ޓީވީ ސްޓޭޝަނަކުން ބޭއްވި ފުރަތަމަ ޓެލެތޯން ކަމަށާއި އަދި ޓެލެތޯނުގެ ވަގުތާ ދިގުމިނާ އަޅާބަލާއިރު، މިވަރުގެ ކާމިޔާބު ޓެލެތޯނެއް ރާއްޖޭގައި ހިންގިފައިނުވާ ކަމަށެވެ. އަދި މި ޓެލެތޯނުން ލިބުނު ފައިސާގެ އަދަދަކީ ރާއްޖޭގެ ރިކޯޑެއް ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
މި ޓެލެތޯން މިހާ ބޮޑު ކާމިޔާބަކަށް ވުމުގެ މައިގަނޑު ސިއްރަކީ ދިވެހި ރައްޔިތުން ކަމަށް އެ ބަޔާނުގައިވެއެވެ. ރާއްޖެޓީވީއިން ވަނީ ދިވެހި ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމާ ފެނިގެންދިޔަ ދީލަތިކަމަށް ޝުކުރު އަދާކޮށްފައެވެ. އަދި މި ޓެލެތޯން ކާމިޔާބު ޓެލެތޯނަކަށް ހެދުމަށް އެހީތެރިވެދިން ހުރިހާ ފަރާތްތަކަށް ސްޓޭޝަނުން ވަނީ ޝުކުރު އަދާކޮށްފައެވެ.
މި ޓެލެތޯނަށް ރައްޔިތުންގެ މެދުގައި އިތުބާރު ދެމެހެއްޓުމަށްޓަކާ، ޓެލެތޯނަށް ލިބުނު ފައިސާ އަމާނާތްތެރިކަމާއި ގުނާ އަދަދު ކުރުމުގައި، ޓެލެތޯންގެ އޯޑިޓަރެއްގެ ގޮތުގައި ހަމަޖެއްސާފައިވަނީ ރާއްޖޭގެ އޭ ގްރޭޑްގެ އޮޑިޓް ފާމެއްކަމުގައިވާ އެމްއެޗްޕީއޭ ކަމަށްވެސް އެ ބަޔާނުގައިވެއެވެ. އަދި ޓެލެތޯނަށް ލިބުނު ފައިސާ ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، އުފުލުމަށް ހަވާލުކޮށްފައި ވަނީ ގޭޖް ޕްރައިވެޓް ލިމިޓެޑާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
މި ޓެލެތޯނަކީ ރާއްޖެޓީވީއިން އިސްނަގައިގެން ކުރިޔަށް ގެންދިޔަ ޓެލެތޯނަކަށް ވިޔަސް މި ފައިސާ ހާލުގައި ޖެހިފައިވާ ރޮހިންޖާ މުސްލިމުންނާ ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ދިވެހި ރައްޔިތުންގެ ނަމުގައި ކަމަށް އެ ސްޓޭޝަނުން ބުނެއެވެ. މި ފައިސާ ހާލުގައި ޖެހިފައިވާ ރޮހިންޖާ މުސްލިމުންނާ ހަވާލުކުރުމުގައި މެދުވެރިއެއްގެ ރޯލު އަދާކުރުމަށް ހަމަޖެހިފައިވަނީ ދިވެހި ރެޑް ކްރެސެންޓެވެ. އެގޮތުން މި ފައިސާ ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގެ ރެފިއުޖީ ކޭމްޕްތަކުގައި ތިބި ރޮހިންޖާ މުސްލިމުންގެ ބޭސް ފަރުވާއަށާއި، ކާނާއަށާއި، ބޯފެނާއި ފާޚާނާއާ ގުޅޭ ކަންކަމަށެވެ.
މި ޓެލެތޯނަށް ލިބުނު ފައިސާ ބުރާސްފަތި ދުވަހުގެ ރޭ މާބަލް ހޮޓަލުގައި ބޭއްވި ހަފްލާއެއްގައި ރާއްޖެޓީވީއިން ވަނީ ދިވެހި ރެޑް ކްރެސެންޓާ ހަވާލުކޮށްފައެވެ.