ކ. މާލެ
|
14 ސެޕްޓެންބަރ 2017 | ބުރާސްފަތި 14:48
އިކޮނަމިކް މިނިސްތަރު މުހައްމަދު ސައީދު
އިކޮނަމިކް މިނިސްތަރު މުހައްމަދު ސައީދު
ރާއްޖެ އެމްވީ
އިންވެސްޓްމެންޓް ފޯރަމް
އިންވެސްޓްމެންޓް ފޯރަމް ދުބާއީގައި ބޭއްވުމަށް ސަރުކާރުން ނިންމައިފި
އިންވެސްޓްމެންޓް ފޯރަމް ބާއްވާނެ ވަކި ތާރީހެއް ހާމަ އެއް ނުކުރޭ
ފޯރަމް ބާއްވާނެ ތާރީހު މި މަހު އިއުލާން ކުރާނަން
ކުރިން ފޯރަމް ބޭއްވުމަށް ނިންމާފައި ވަނީ ގަތަރުގައި

ދިވެހިރާއްޖެއިން ސިޔާސީ ގުޅުން ކަނޑާލާފައިވާ ގަތަރުގައި  ބޭއްވުމަށް ކުރިން ނިންމާފައި އޮތް އިންވެސްޓްމަންޓް ފޯރަމް ދުބާއީގައި ބޭއްވުމަށް ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ. 

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އިކޮނަމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގް ވިދާޅުވީ އިންވެސްޓްމެންޓް ފޯރަމް ދުބާއީގައި ބޭއްވުމަށް ސަރުކާރުން ނިންމީ ބުރާސްފަތި ދުވަހު ކަމަށެވެ. 

ދުބާއީގައި އިންވެސްޓްމެންޓް ފޯރަމް ބޭއްވުމަށް ނިންމި ސަބަބާބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ތައުފީގް ވިދާޅުވީ މި ވަގުތުގެ ހާލަތަށް ބަލާއިރު ވިޔަފާރިވެރިންނަށް ވެސް އަދި ފޯރަމްގައި ބައިވެރިވާ އިންވެސްޓަރުންނަށް އެންމެ ފައިދާ ހުރި ގޮތަކީ ދުބާއީގައި އިންވެސްޓްމެންޓް ފޯރަމް ބޭއްވުން ކަމަށެވެ. އަދި ދުބާއީގައި މިއަހަރުގެ ފޯރަމް ބޭއްވުމުން އޭގެ ފައިދާ މިހާރު ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތަކަށާއި އަދި ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއުތަކަށް ކުރާނެ ކަމަށެވެ. 

ތައުފީގް ވިދާޅުވީ އިންވެސްޓްމެންޓް ފޯރަމް ބާއްވާނެ ވަކި ތާރީހެއް މި މަހުގެ ތެރޭގައި އިއުލާން ކުރާނެ ކަމަށާއި އަދި ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާނީ އޭގެ ފަހުން ކަމަށް ތައުފީގް ވިދާޅުވިއެވެ. 

ސަރުކާރުން މި ނިންމުން ނިންމާފައި މި ވަނީ  ޤަތަރާ އެކު އޮތް ސިޔާސީ ގުޅުން ކަނޑާލި ނަމަވެސް ވިޔަފާރީ ގުޅުން ބާއްވާނެ ކަމަށް ފޮރިން މިނިސްޓަރ ޑޮކްޓަރ މުޙައްމަދު އާސިމް ވިދާޅުވެފައި ވަނިކޮށެވެ.

މިދިޔަ އަހަރުގެ އިންވެސްޓްމަންޓް ފޯރަމް ބާއްވާފައިވަނީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައެވެ.

ސައުދީ އިސްވެ އޮވެ ގަލްފްގެ ބައެއް ގައުމުތަކުން ގަތަރާ ގުޅުން ކަނޑާލިކަން އިއުލާންކުރުމާ އެކު ދިވެހި ރާއްޖެއިން ވެސް ވަނީ ގަތަރާ އެކު އޮތް ސިޔާސީ ގުޅުން ކަނޑާލިކަން އިއުލާނުކޮށްފައެވެ. ގަތަރަކީ ރާއްޖެ އަށް އެކި ގޮތްގޮތުން ގިނަ އެހީތަކެއް ފޯރުކޮށްދޭ ގައުމެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް