ކ. މާލެ
|
14 ސެޕްޓެންބަރ 2017 | ބުރާސްފަތި 12:50
ފުވައްމުލަކު ފެންބޮޑުނު މަގެއް
ފުވައްމުލަކު ފެންބޮޑުނު މަގެއް
ފާތިމަތު ޝަނާ މުހައްމަދު
ރާއްޖޭގެ މޫސުމް
ފުވައްމުލަކަށް ބޯކޮށް ވާރޭވެހި ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެއްޖެ!
ގޭގެއަށް ވެސް ވަނީ ފެންވަދެފައި
އެމްއެންޑީއެފް އިން ވަނީ ފެން ހިންދުމުގައި އެހީތެރިވެދީފައި

ފާއިތުވި ދެ ދުވަހު ފުވައްމުލަކަށް ބޯކޮށް ވާރޭ ވެހި މަގުތަކުގައި ފެން ބޮޑުވުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ހަރަކާތްތެރިވެއްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ ފުވައްމުލަކުގެ މަގުތަކުގައި ހެދިފައިވާ ފެންގަނޑު ހިންދުމަށްޓަކައި ޕަމްޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތުގައި ފާއިތުވި ދެދުވަހު ސިފައިން ހަރަކާތްތެރިވެފައިވާ ކަމަށެެވެ. އަދި އެރަށުގައި ފެން ބޮޑުވުން ހުއްޓުވުމަށް ހަދާފައިވާ ކާނުތައް ހުޅުވާލައި ފެން ހިންދުމުގެ މަސައްކަތް ވެސް އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިންނާއި ފުވައްމުލަކު ފަޔަރ ސްޓޭޝަންގެ ސިފައިން ކޮށްފައިވާ ކަމަށެވެ.

ފުވައްމުލަކަށް މިދިޔަ ދެ ދުވަހުގެ ތެރޭގައި ކުރި ވިއްސާރައިގައި ބައެއް ގޭގެއަށް ވަނީ ފެންވަދެފަ އެވެ. އެހެންނަމަވެސް ގެތަކަށް ލިބުނު ގެއްލުންތަކެއް އަދި ސާފެއްނުވެ އެވެ.

 ބޯކޮށް ވާރޭވެހުމުގެ ސަަބަބުން ފުވައްމުލަކުގެ ބޮޑު ބައެއް ވަނީ ފެނުއަޑީގަ އެވެ. ބައެއް ސަރަހައްދުތަކުގައި އެއް ފޫޓަށް ފެން ހެދިފައިވާ ކަމަށް އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ. 

ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާ ގޮތައްބަލާއިރު އެކި ހިސާބުތަކަށް ބޯކޮށްވާރޭ ވެހޭނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެ އެވެ. އެގޮތުން ދެކުނުގެ އަތޮޅުތަކަށް ވާއިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. ރާއްޖޭގެ ކަނޑުތައްވެސް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް