ސިންގަޕޫރުގައި ބޭސް ފަރުވާ ކުރައްވަމުން ގެންދަވާ ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމްގެ ބޭސްފަރުވާއަށް އިތުރު 10 ދުވަހު އެޤައުމުގައި މަޑު ކުރެއްވުމުގެ ފުރުސަތު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ދީފިއެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޤާސިމްގެ ބޭސްފަރުވާއަށް އެޤައުމުގައި މަޑުކުރުމުގެ މުއްދަތު އިތުރުކޮށްދީ ފައިވަނީ މިއަދުގެ ވަގުތެއްގައެވެ.
ކަރެކްޝަނުން ޤާސިމްއަށް އިތުރު 10 ދުވަސް ދީފައި މިވަނީ ގާސިމް އިބްރާހިމް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ ދަށުން، ބޭސްފަރުވާ ކުރެއްވުމަށްރާއްޖެއިން ބޭރަށް ވަޑައިގެން ހުންނެވުމަށް އެކަށީގެންވާ ވަގުތު ދޭން ލާޒިމްކުރާކަމަށް ބުނެ، ފަރުވާއަށް އިތުރު މުއްދަތެއް ނުދޭން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ކުރިން ނިންމި ނިންމުން މުރާޖާ ކޮށްދިނުމަށް އެދިފައިވަނިކޮށެވެ.
ތިން އަހަރާއި ދެ މަހާއި 12 ދުވަސް ވަންދެން ގާސިމް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާއިރު، އެމަނިކުފާނު މިހާރު ހުންނެވީ ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގެން އެގައުމުގަ އެވެ. ގާސިމްގެ ބޭސްފަރުވާއަށް ކަރެކްޝަނުން ކުރިން ދިން 10 ދުވަހުގެ މުއްދަތު ހަމަވާނީ އަންނަ ހޮނިހިރު ދުވަހު އެވެ.
ގާސިމްގެ އާއިލާގެ ފަރާތުންނާއި ވަކީލުންގެ ފަރާތުންވަނީ ބޭސްފަރުވާއަށް ދިންމުއްދަތު އިތުރު ކޮށްދިނުމަށް އެދި ޑޮކްޓަރުންގެ ލިޔުންތަކާއެކު ކަރެކްޝަނަށް ހުށަހަޅާފަ އެވެ.ވައިގެ މަގުން ދަތުރު ކުރެއްވޭނީ މިއަހަރުގެ ޑިސެމްބަރު މަހުގެ ފަހުން ކަމަށް ޑޮކްޓަރުން އަންގަވާފައި ވާތީ ބޭސްފަރުވާގެ މުއްދަތު އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށްއިތުރުކޮށްދިނުމަށް ގާސިމްގެ އާއިލާއިން ވަނީ އެދިފައެވެ.
އެހެން ނަމަވެސް، ގާސިމްގެ އާއިލާއަށްއާދިއްތަ ދުވަހު ކަރެކްޝަނުން ފޮނުވި ސިޓީގައި ބުނެފައި ވަނީގާސިމްގެ ބޭސްފަރުވާއަށް ދިން މުއްދަތު އިތުރު ކޮށްދިނުމަށް އެދިފައިވާ ގޮތަށް އެކަން ކޮށްދެވެން ނެތް ކަމަށެވެ.
ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ ކަރެކްޝަނުގެ އެ ނިންމުން މުރާޖާ ކޮށްދިނުމަށް ހުށަހަޅާފައިވާނެ ކަމަށާއި، އެންމެ 10 ދުވަހުން ހޯދޭ ފަރުވާއަކަށް ވުރެ ގާސިމްގެ ބަލިހާލަތު ސީރިއަސް ކަމަށެވެ. އޭނާ ވިދާޅުވީ މިމަހުގެ 11،12،13، މި ތިން ދުވަހު ހައްދާފައިވާ ގާސިމްގެ ޓެސްޓްތަކުގެ ނަތީޖާ ކަރެކްޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.
ޝަމީމް ވިދާޅުވީ ގާސިމްގެ މައްޗަށް އިއްވި ހުކުމުގައި އަމުރުކޮށްފައިވަނީ ޓެސްޓްތައް ހަދައި، ފަރުވާ ފުރިހަމަ ކުރުމަށް ރާއްޖެއިން ބޭރުގައި އެކަށީގެންވާ މުއްދަތެއް ދިނުމަށް ކަމަށާއި އެހެންކަމުން އެކަމަށް ބޭނުންވާ އެކަށީގެންވާ ވަގުތު ދިނުމަކީ ސަރުކާރުގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ.
ގާސިމަށް އިއްވި ހުކުމުގައި ބުނެފައިވަނީގާސިމްގެ މައްޗަށްސާބިތުވާ ކުށުގެ އަދަބު ތަންފީޒުކުރަމުންދިޔަ ނަމަވެސް، އަދި ގާސިމްގެ މައްޗަށް ސާބިތުވި ކުށުގެ އަދަބު ތަންފީޒުކުރުމަކީ، ރާއްޖެއިން ބޭރުން ހެދުމަށް ގާސިމް ބެއްލެވި ޑޮކްޓަރު ލަފާދެއްވާފައިވާ ޓެސްޓުތައް ހެދުމާއި،ލިބެންޖެހޭ ފަރުވާ ގާސިމަށް ލިބުމަށްއޮތް ހުރަހަކަށްވެގެން ނުވާނެ ކަމަށާއި، އެފަރުވާތައް ގާސިމަށްރާއްޖެއިން ބޭރުން ހޯދޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ކަމާބެހޭ އިދާރާތަކުގެ މައްޗަށް އަމުރުކުރާ ކަމަށެވެ.
ގާސިމް މިހާރު ގެންދަވަނީ ސިންގަޕޫރުގެ ޕެރަގަން މެޑިކަލް ސެންޓަރުގެ ހާޓް، ސްޓްރޯކް އެންޑް ކެންސަރ ސެންޓަރުގައި ހިތުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުންނެވެ. ޑޮކްޓަރުން ގާސިމަށް ލަފާދެއްވާފައި ވަނީ ކޮރޮނަރީ އެންޖީއޯގްރާމް އަދި ކޮރޮނަރީ އެންޖިއޯޕްލާސްޓް ހެއްދެވުމަށެވެ. އެ މަރުހަލާތައް މިމަހުގެ 15 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ނޮވެނާ ހޮސްޕިޓަލްގައި މިހާރު ވަނީ ޝެޑިއުލް ކޮށްފަ އެވެ.
ޑޮކްޓަރުން ލަފާ ދެއްވާފައި ވަނީ ގާސިމްގެ ހާލަތު ސްޓޭބަލް ވަންދެން ހާލަތު ގާތުން މޮނީޓާކުރަން ޖެހޭތީކަމަށާއި އެކަމަށް ތިން މަސް ހޭދަވާނެ ކަމަށެވެ.
ނަމަވެސް ކަރެކްޝަނުން އަނރެއްކާވެސް އިތުރުކޮށް ދެއްވާފައި މިވަނީ އެންމެ ދިހަ ދުވަހެވެ.